10 ފެބުރުވަރީ 2022 - 19:58 1
ފާތިމަތު އަޖްފާން
މިލަންދޫ ކައުންސިލްގެ ނައިބުރައީސަށް ރޭ ހަމަލާދިނުމުން ފަރުވާދެނީ --
10 ފެބުރުވަރީ 2022 - 19:58 1
ށ. މިލަންދޫ ކައުންސިލުގެ ނައިބު ރައީސް އަހުމަދު ޝިޔާމަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށް ތުހުމަތު ކުރަނީ ސިޔާސީ ގޮތުން ނާޖާއިޒް މަންފާއެއް ހޯދުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާ މެންބަރު އަހުމަދު ރިޒާ ވިދާޅުވެއްޖެ އެވެ.
ރޭ ހިންގި އެ މާރާމާރީގައި ޝިޔާމް ތުހުމަތުކުރެއްވި ގޮތުގައި އޭނާއަށް ހަމަލާދިނީ ރިޒާ ފޮނުވި ގްރޫޕެކެވެ. ހަމަލާދިން މީހުންނަކީ އެ މެމްބަރާ ގާތްގުޅުން އޮންނަ ބައެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އެގޮތުން ރިޒާ މެދުވެރިގެން އެކި ތަންތަނުން ވަޒީފާ ހަމަޖެހިފައި ތިބި މީހުންނާއި، އެކި ގޮތްތަކުން ސަރުކާރު މަސައްކަތްތައް ލިބޭ ބައެއް މީހުންވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ތޫނުއެއްޗަކުން ހަމަލާދިނުމުގެ އިތުރުން ޝިޔާމްގެ އަތުގެ އެކި ތަންތަނުގައި ވަކިއަޅާފައިވެ އެވެ. އަދި އޭނާ ލައިގެންހުރި ގަމީސް ވެސް ވަނީ ވީދާލައިފަ އެވެ.
އެކަމުގެ އަޑީގައި ހުރީ މެންބަރު ރިޒާ ކަމަށް ކުރާ ތުހުމަތުތަކާ ގުޅިގެން މި ނޫހަށް ރިޒާ ވިދާޅުވީ މީހަކަށް އަނިޔާއެއް ދިނުމަށް ހިތްވަރު ދިނުމަކީ ދުވަހަކު ވެސް ކުރާނެ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑަށް ތިކަމެއް ހިނގި ކަމެއްވެސް ހިނގި ގޮތެއްވެސް ހިންގި ބަޔެއްވެސް ނޭންގޭ. ދުވަހަކުވެސް އަޅުގަނޑަކީ މީހަކަށް ތިކަހަލަ ކަމެއް ކުރަން ހިތްވަރުވެސް ދިން މީހެއް ނޫން،" ރިޒާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ވެސް އެނގުނީ މިއަދު ހެނދުނު. ވަރަށް ފަތިހާ ފުރަން ޖެހޭތީ ރޭގަ ވަރަށް އަވަހަށް ނިދައިފިން. މިއަދު ހެނދުނު ހޭލާފަ އެކި ދިމަދިމާލުން ތި ހަބަރު އައީމަ މި އިނގުނީ ކަމެއް ހިނގިކަންވެސް. އެއީ ސިޔާސީ ގޮތުން ނާޖާއިޒް މަންފާއެއް ހޯދަންވެގެން ކޮންމެވެސް ކަހަލަ ތުހުމަތެއް އަޅުވަނީ."
މެމްބަރު ރިޒާއަށް ކުރާ ތުހުމަތުތައް ދޮގުކޮށްފައި ވާއިރު، ޝިޔާމު ވިދާޅުވީ އޭނާއާ މެދު އެ މާރާމާރީ ހިންގީ ސިޔާސީ ކަމަކާގުޅިގެން ބަދަލުހިފުމުގެ ގޮތުން ކަމަށެވެ.
އެގޮތުން ރޭގެ ހަމަލާ އައީ ހަ މަސް ދުވަހުގެ އިންޒާރަށްފަހު ކަމަށާއި އެ މައްސަލައަކީ އޭނާ ކައުންސިލު މެންބަރު ކަމަށް ކުރިމަތިލި ހިސާބުން ފެށުނު މައްސަލައެއް ކަމަށެވެ. ކައުންސިލް އިންތިހާބުގައި އެ ރަށުގެ ރައްޔިތުންގެ އެންމެ ގިނަ ވޯޓާއެކު ކައުންސިލުގެ ގޮނޑި ކާމިޔާބުކުރެއްވުމުން އިތުރަށް މި މައްސަލަ ބޮޑުވި ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ފުލުހުން މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި ފުލުހުންގެ ފުރިހަމަ އެހީތެރިކަން އޭނައަށް ލިބެމުން އަންނަ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމާއި ރިޒާއަކީ ވެސް ވެރިކަންކުރާ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ދެ ބޭފުޅުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment