Advertisement

ޓީޗަރުންގެ މުސާރަ ބޮޑުކުރުން: ބުރަ މަސައްކަތަށް މިއީ ހަމަ އަގު

16 ފެބުރުވަރީ 2022 - 10:02 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ސްކޫލް ދަރިވަރުންތަކަކާއެކު ދެ ޓީޗަރަކު މަޑުކޮށްލައިގެން: ސަރުކާރުން ވަނީ މުސާރަތައް ބޮޑުކުރަން ނިންމާފައި


ޓީޗަރުންގެ މުސާރަ ބޮޑުކުރުން: ބުރަ މަސައްކަތަށް މިއީ ހަމަ އަގު

16 ފެބުރުވަރީ 2022 - 10:02 0

އާބިދާ އަސަރާއެކު ކިޔާދެމުންދިޔައީ އޭނަގެ 15 އަހަރުގެ ދަރިފުޅު ރީމާން އުޅެމުން އައި ގޯސް އުޅުން ބަދަލުކޮށްލަދިން ޓީޗަރެއްގެ ވާހަކަ އެވެ. އެ ޓީޗަރުގެ ފަރާތުން ރީމާންގެ ކިޔެވުމަށް ލިބުނު ކުރިއެރުންތަކެވެ. ގޯސް އުޅުން ދޫކޮށް އަހުލާގު ރަނގަޅު ކުއްޖަކަށްވި ކަމެވެ.

"އެންމެ ޓީޗަރެއްގެ ސަބަބުން ވެސް ކުއްޖަކު ހާދަ ބަދަލުވޭ. ކުއްޖާގެ އުޅުމާއި ލިބޭ ނަތީޖާއިން ވެސް އެނގޭ ވަރަށް. އެހާ މަސައްކަތުން ކުއްޖަކު ބަދަލު ވާނީ ވެސް. ޓީޗަރު ކޮށްދޭ ބުރަ މަސަައްކަތުންނާއި އެ ކުއްޖާއަށް ޓީޗަރުދޭ ލޮވެއްބާ އަޅާލުމުން،" އޭނާ ކިޔައިދިނެވެ.

އާބިދާއަކީ ކައިރި ކައިރީ ފަސް ކުދިން ލިބިފައިވާ އެކަނިވެރި މައެކެވެ. ހާޓް އެޓޭކެއް ޖެހި ފިރިމީހާ މަރުވީ 2018 ވަނަ އަހަރު އެވެ. އެފަހުން ހުޅެމުން އަންނަނީ އެކަނި އެވެ. ހުރިހާ ކުދިންނަށް ކިޔަވައިދެވުމުން ނޫނީ އިތުރު ކައިވެންޏަކަށް ވިސްނާކަށް ވެސް އޭނާ ބޭނުމެެއް ނުވެ އެވެ.

ރީމާނަކީ އާއިލާގައި މެދަށް ހުންނަ ކުއްޖާ އެވެ. ރީމާންގެ ބޮޑަށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ހުރެ އެވެ. މީގެ އިތުރުން ތިބެނީ އޭނައާ އެއްބަންޑު އަންހެން ދެ ކޮއްކޮ އެވެ. އާބިދާގެ ބޮޑު ދެ ކުދިންނަކީ އެންމެ މަތީ ފާސް ގެންނަ ކުދިންނަށް ނުވިޔަސް ހުރިހާ މާއްދާއަކުން ވެސް ފާސްވާ ކުދިންނެވެ. އަހުލާގު ރަނގަޅެވެ.

ނަމަވެސް, ރީމާން ބޮޑުވަމުން އައިއިރު އުޅުން ބަދަލުވަމުން ދިޔައީ އެހެން ކުދިންނާ ތަފާތުކޮށެވެ. އާބިދާގެ ކަންބޮޑުވުން އިންތިހާ އެވެ. ކިޔަވާކަށް ނޫޅެ އަބަދު އުޅެނީ ރައްޓެހިންނާ އެކު ބޭރުގަ އެވެ. ކިޔެވުން ދައްވެ ފާސް ނުވެގެން ގްރޭޑް އަށެއްގައި ރިޕީޓް ކުރި އެވެ.

ފުރަތަމަ ޓާމް ނިމުނު އިރުވެސް ރީމާންގެ އުޅުމަކަށް ބަދަލެއް ނާދެ އެވެ. ނަސޭހަތެއް ދިނަސް ގަބޫލެއް ނުކުރާއިރު ގެންގުޅެނީ ވިޔާނުދާ ރައްޓެހިންނެވެ. ކިޔަވަން މަސައްކަތެއް ނުކުރެ އެވެ. އެއް ކްލާހެއްގައި ރިޕީޓް ކުރި ނަމަވެސް އެކަމާ ދެރަވެގެންނެއް ނޫޅެ އެވެ.

ނަމަވެސް އޭގެ މަހެއްހާ ދުވަސް ފަހުން އާބިދާއަށް ރީމާންގެ އުޅުމަށް ބަދަލުތަކެއް އަންނަމުންދާކަން ފާހަގަވި އެވެ. ގޭގައި ހޭދަކުރާ ވަގުތު އިތުރުވި އެވެ. މީގެ ކުރިން ގަދަކަމުން ޓިއުޝަނަށް ފޮނުވަން ޖެހުނު ނަމަވެސް އަމިއްލައަށް ދާން ބޭނުން ވެގެން ބުނުމުން އެކަމާ އާބިދާ އެއްބަސްވި އެވެ. ރީމާން ގެއިން ބޭރަށް ދަނީ ޓިއުޝަނަށް އެކަންޏެވެ.

"ރީމާންގެ އުޅުމަށް އެހާ ބޮޑު ބަދަލެއް އެންމެ މަހެއް ތެރޭ އަތުވެދާނެ ކަމަށް ގަބޫލެއް ނުކުރެވުން. ޕޭރެންޓް މީޓިންއަށް ގެންގޮސް ވެސް ދެއްކީ ރީމާން ކިޔަވަން އުޅޭ ވާހަކަ. ކިޔަވަން މަސައްކަތް ކުރި ނަމަވެސް އެހާ ރަނގަޅު ވެދާނޭ ހިތަކަށް ނާރާ. ރިޕީޓް ކުރި ކްލާހުން ތިން ވަނަ ލިބުނު. ބުނާނެ އެއްޗެއްވެސް ނޭންގުނު ހަމަ،" އާބިދާ ބުންޏެވެ.

އެހާ ރަނގަޅު ނަތީޖާއެއް ލިބުމުން އާބިދާއަށް ގަބޫލެއް ނުކުރެވުނެވެ. އެ އަހަރު ރީމާންގެ ނަތީޖާ ބަދަލުވި ގޮތުން އާބިދާ ބަލަން ބޭނުންވީ އެހާ ބޮޑު ބަދަލެއް އައީ ކީއްވެތޯ އެވެ.

"އަހަރު މެދުތެރޭން ރަށަށް ބަދަލުވި ޓީޗަރެއް. އޭނަ އަށް ކްލާހުގަވެސް ކިޔަވަން މޮޅު ކުދިން ފާގަވިއިރު، ރީމާންވެސް ހިމެނުނު. ރީމާންއާ ވަކިން ވާހަކަ ދައްކާ ކިޔަވަން ބޭނުންނަމަ އެހީވެދޭނެ ކަމަށް ބުނި،" އޭނާ ކިޔައިދިނެވެ.

މިއަދު ރީމާން ހޯދި ކާމިޔާބީގެ ފަހަތުގައި ވަނީ ރީމާންގެ އުޅުން ބަދަލުކޮށް ކިޔެވުމަށް ލޯބި ޖެއްސި ޓީޗަރެއްގެ އަތެވެ. ލިބެނީ ކިތަންމެ ކުޑަ މުސާރަކޮޅެއް ނަމަވެސް ހިތް ސާފުވެފައި ދަރިވަރުންނަށް އޮންނަ ލޯބި އުތުރި އަރަ އެވެ. ކިޔަވަން މަސައްކަތް ކުރާ ކުއްޖެއްނަމަ މާ ލޯބިވެ އެވެ.

ޓީޗަރުންގެ އަގު ޒަވަން ކުރޭތަ؟

"ޓީޗަރުން ކޮށްދޭ މަސައްކަތް ބަލައިގަންނާނީ މަދު ބަޔަކު. ހާއްސަކޮށް ބެލެނިވެރިން. ވަރަށް މަދުވާނެ ޓީޗަރަކަށް ބަދު ބަހެއް ނުބުނާ ބެލެނިވެރިއެއް. އެކަމަކު އަސްލު ޓީޗަރަކު ކޮށްދޭ މަސައްކަތް، ކުއްޖާއަށް ޓީޗަރެއްގެ ފަރާތުން އަންނަ ބަދަލުތައް، އެ ކުއްޖާގެ ނަތީޖާއާ އުޅުމަށް އަންނަ ބަދަލުތަކުން އެކަން ފާހަގަވާނެ،" އާބިދާ ބުންޏެވެ.

އެއް އިރެއްގައި ޓީޗަރުންނަކީ އެންމެ ގަދަރު ކުރާ އެއް ބަޔަކަށްވީ ނަމަވެސް މިހާރު މަންޒަރު ބަދަލުވެއްޖެ އެވެ. ދަރިވަރުންގެ ފަރާތުން އެކަން ނުފެންނަ އިރު ބެލެނިވެރިންގެ ފަރާތުން ވެސް ނުފެނެ އެވެ. ނަމަވެސް, ސިޔާސީ ވެރިއަކު ރަށަކަށް އަރައިފިނަމަ ދޭ ގަދަރާއި އިއްޒަތް ކިޔަވައިދޭ ޓީޗަރަށް ނުދޭ ސަބަބެއް ކަމަށް ޓީޗަރުން ބުނީ މުސާރަ ކުޑަކަމާ މީހުންގެ ބަލައި ނުގަންނަ ވަޒީފާއަކަށްވާތީ ކަމަށެވެ.

އަހުމަދިއްޔާ ސްކޫލު ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ މިހާރު ހުށަހަޅާފައިވާ މުސާރައަށް ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ އެންމެން ވެސް ތިބީ ވަރަށް އުފަލުން ކަމަށެވެ.

"މިއީ ވަރަށް ޒަމާންވީ ހުވަފެނެއް ހަގީގަތަކަށް ވުމުގެ ކުލަ މި ޖެހުނީ. އަޅުގަނޑުމެންގެ އުންމީދަކީ އެ ވިދާޅުވި ތާރީހުން ފެށިގެން އެ މުސާރަ އަށް ބަދަލު އައުން. އަންނާނެ ބަދަލުތަކުގެ ގޮތުގައި ލަފާކުރެވެނީ މި ދާއިރާއަށް ޝައުގުވެރިވާ މީހުންގެ އަދަދު ވަރަށް ބޮޑުތަން މަދު. ޓީޗިންގެ ދާއިރާއަށް ޝައުގުވެރިވާ މި ތިބެނީ 0-5 ޕަސެންޓް ކުދިން. މިކަހަލަ ބަދަލެއް އަތުވެއްޖެ ކަމަށް ވަންޏަ މި އަދަދު ވަރަށް ބޮޑުތަނުން މައްޗަށް އަރާނެ،" ރަޝީދު ވިދާޅުވި އެވެ.

ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގެ ޓީޗަރުންތަކެއް--


އޭނާ ވިދާޅުވީ އެ މުސާރައާއެކު ޓީޗަރުންގެ ފަރާތުން ވެސް ތަފާތު ފެންނާނެ ކަމަށެވެ. އެގޮތުން ކިޔަވައިދޭ ހިތުން ކިޔަވައި ދިނުމާއި ތަފާތު ހަރަކާތަތައް ގެންދިއުމަށް މަސައްކަތް ކުރުމެވެ. މޮޅެތި ކުދިންތަކެއް އުފެދި މޮޅު ދަރިވަރުންތަކެއް އުފަންވާ ޖީލެއް ބިނާވެ ޓީޗިންގެ ދާއިރާއަށް ރަނގަޅު ކުދިންތަކެއް ނިކުންނާ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ބައެއް ސްކޫލުތަކުގެ ޕްރިންސިޕަލުން ފާހަގަ ކުރި ގޮތުގައި ތައުލީމީ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށް ކުރިން ވަޒީފާގައި އުޅުނު ބައެއް މީހުން މިހާރު މި ދާއިރާ ދޫކޮށް ގޮސްފައިވާ ކަމަށެވެ. ސަބަބެއް ކަމަށް ވަނީ ލިބޭ އާމްދަނީން އަނބިދަރިން ބެހެލެއްޓޭނެ ވަރުގެ އާމްދަނީއެއް ނުލިބޭތީ އެހެން ވަޒީފާތަކަށް ބަދަލު ވުމަށް މަޖުބޫރު ވުމެވެ.

"އަޅުގަނޑުގެ އެންމެ ބޮޑު އުންމީދަނީ ސިސްޓަމާ ދުރުގަ ތިބި މީހުން އަލުން އެނބުރި އައުން. އެންމެންވެސް ބޭނުންވަނީ އޯލެވެލް ނުވަތަ އޭލެވެލް ނިންމާ މޮޅު ކުދިން މި ދާއިރާއަށް ނެރެން. އޭރުން އަޅުގަނޑުމެންގެ ދަރިންވެސް މޮޅު ކުދިންނަށް ވާނެ،" އަލިފުށި ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި އެވެ.

"ޓީޗަރުންގެ މުސާރަ ބޮޑުކުރުމަކީ އިންގިލާބީ ބަދަލެއް"

ގައުމެއް ބިނާ ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުންދަނީ މަދަރުސާތަކުގައި ކިޔަވާއިދޭ ޓީޗަރުންނަށް ނޫނީ ނުވާނެ އެވެ. ދުނިޔޭގެ ފެންވަރުގަ އާއި ގައުމީ ފެންވަރުގައި ބޮޑެތިކާމިޔާބުތަކެއް ހޯދަމުންދާ މަންޒަރު ފެނެ އެވެ. ހުނަރާއި ގާބިލިއްޔަތުކަން ދިރުވައި ދަރިވަރުންގެ ހިތްތައް ކިޔެވުމަށް މަސްއޫލުވެ ރާއްޖޭގެ ނަން ރޯޝަންވެގެން ދާ މަންޒަރުތައް ވެސް ފެނުމުން އުފާވެރިކަން އިހުސާސްވެ އެވެ. މިކަމުގެ ފަހަތުގައި ތިބީވެސް ހަމަ އެ ޓީޗަރުންނެވެ.

މުދައްރިސުންނަކީ، ގައުމެއްގެ ކުރިމަގު ކުރަހާ ކުރެހުންތެރިންނެވެ. ގައުމެއްގެ މުސްތަގުބަލްގެ ޖީލުތައް ތަރުބިއްޔަތު ކުރާ މުދައްރިސުންނެވެ. މުދައްރިސުންނަކީ ގައުމެއްގެ އެންމެ ހުޝިޔާރު، އެންމެ ތޫނުފިލި، ބަނިޔާދަން ބަޔަކަށް ނުވާނަމަ، ދަރިވަރުން ނަކަލު ކުރަމުންދާނީ ކިޔަވައިދޭ މުދައްރިސުންގެ އުޅުމާއި ހިޔާލުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއް ކަމަށްވާ ޓީޗަރުންގެ މުސާރަ ބޮޑުކުރުމުގެ ވައުދު ފުއްދަވާނެކަން އިއުލާންކުރެއްވީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގަ އެވެ.

"އަންނަ މޭ މަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން އަޅުގަނޑު ނިންމައިފިން. މިބަދަލާއެކު ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ، އިތުރުގަޑި ނުލާ 12,628 ރުފިޔާއިން 19,740 ރުފިޔާއަށް ބޮޑުވެގެންދާނެ މިއީ 56 ޕަސެންޓްގެ ކުރިއެރުމެއް،" ރައީސް ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު ވިދާޅުވާ ގޮތުގައި ބޮޑުވެގެން ދިޔަ ޓީޗަރުންގެ މުސާރައާއެކު ކިޔަވައިދިނުމުގެ ތެރެއަށް މޮޅެތި ކުދިން ނިކުންނާނެ އެވެ.

"ދަށް ނަތީޖާ ލިބިގެންވެސް ވަޒީފާއަށް ނުކުންނަ ޓީޗަރުންގެ ނަތީޖާއަކަށް ވާނީ، އަނދޮޅު ދަރިވަރުން އުފެދިގެން ދިއުން. މި ކުދީންގެ ތެރެއިން ރަނގަޅު ކުއްޖަކު މުދައްރިސްކަމަކާ ކުރިމައްޗެއް ވެސް ނުލާނެ. މިއާ ހިލާފަށް، މޮޅު މުދައްރިސުން ކިޔަވައިދޭ ނަމަ، ދަރިވަރުން ވެސް މޮޅުވާނެ. މޮޅު ކުދީން މުދައްރިސްކަމާ ކުރިމަތިވެސް ލާނެ،" ޗާންސެލަރު ވިދާޅުވި އެވެ.

ހަސަން ދެވަޑައިގަންނަވާ ގޮތުގައި ދަށް މުދައްރިސުން ކިޔަވައިދިނުމުން، ދަރިވަރުން ވެސް ދަށް ވާނެ އެވެ. ނެރެވޭ ނަތީޖާ ވެސް ދަށް ވާނެ އެވެ. މުދައްރިސުންނަށް ވާން ބޭނުންވާނީ ވެސް ދަށް ކުދިންނެވެ.

"މުސާރައަކީ، މީހުން ވަޒީފާއަށް ވަންނަ ވަރަށް މުހިއްމު ސަބަބެއް. އެހެންކަމުން، އެނބުރެމުންދާ މި ދެންނެވި ތައުލީމީ ބުރުން، އެންމެ އެދެވޭ ނަތީޖާ ނެރެވޭނީ މުދައްރިސުންގެ މުސާރަ ބޮޑުކޮށްގެން،" އޭނާ ވިދާޅުވި އެވެ.

ތާރީހީ ގޮތުން، ރާއްޖޭގައި މުދައްރިސުންގެ މުސާރަ އެންމެ ބޮޑު ދުވަސްވަރަކީ، 1961 އާއި 1982 އާ ދެމެދު އެވެ. މީގެ ފަހުން އައި ދުވަސްވަރު، މުދައްރިސުންގެ މުސާރަ، އެހެން ވަޒީފާތަކުގެ މުސާރައާ އަޅާ ބަލާއިރު ވަނީ ނިސް ބަތުން ދަށްވެފަ އެވެ.

"ފަލްސަފާވެރީން ބުނާ ގޮތުގައި، ގައުމެއްގެ އެންމެ މުސާރަބޮޑު ބަޔަކީ، ސިޔާސީން ކަމަށް ވާނަމަ، އެ ގައުމެއްގެ މުސްތަގުބަލަކީ ނޫރާނީ އުޖާލާ ކުރިމަގަކަށް ނުވާނެ،" ހަސަން ހަމީދު ވިދާޅުވި އެވެ.

މުސާރަ ބޮޑުކުރުމުން ދާއިރާއަށް އަންނާނެ ބަދަލު

ސަރުކާރު ވަޒީފާތަކުގައި އެންމެ ބުރަކޮށް މަސައްކަތް ކުރާ ބަޔަކީ މުދަރިސުންނެވެ. އަޅުގަނޑުމެންގެ ތުއްތު ކުދިންނަށް އުޖާލާ މުސްތަގްބަލެއް ހޯދަދިނުމަށާއި ރާއްޖޭގެ މުސްތަގުބަލަށް ފުރިހަމަ ޝަހުސިއްޔަތެއް ބިނާކުރުމަށްޓަކައި ރެއާ ދުވާލު ޓީޗަރުން އެވާ މަތިވެރި ގުރުބާނީއަކީ ހަގީގަތުގައި އަގު ކުރެވޭނެ ކަމެއް ނޫނެވެ.

ނަމަވެސް ދާއިރަށް ނިކުންނަ މޮޅު ކުދިން މަދެވެ. ޑިގްރީ ނުވަތަ މާސްޓާސް ނިންމާ ކުއްޖެއްނަމަ ދަނީ ކޮންމެވެސް ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއަކަށެވެ. ޓީޗަރުންގެ މުސާރަ ކުޑަ ކަމުން އެކަމަށް ދާނެ ރަނގަޅު ކުދިން ނުވެ އެވެ. ނަމަވެސް ބޮޑުކުރަން ނިންމާފައިވާ މުސާރައާއެކު ތައުލީމީ ދާއިރާއަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް މި ދާއިރާގެ މާހިރުން ގަބޫލުކުރެ އެވެ.

"ނަތީޖާއަކަށް ވާނީ ގިނަ ބަޔަކު މުދައްރިސްކަމާ ކުރިމަތިލުން. އެއާއެކު ތައުލީމީ ގާނޫނުގެ ދަށުން، ޓީޗަ ރެޖިސްޓްރޭޝަން ބޯޑުގެ ދައުރު އިސްވެގެން އަންނާނެ. ފުރިހަމަ ގްރޭޖުއޭޓް މުދައްރިސެއްގެ ޝަރުތު ކަނޑައަޅަން ޖެހޭނެ،" ހަސަން ވިދާޅުވި އެވެ.

އެގޮތުން, ބައެއް ގައުމުތަކުގައި އެއީ އޭ ލެވެލް އަށް ފަހު، ހަތަރު އަހަރު ދުވަހުގެ ކިޔެވުމެވެ. ބެޗްލާ ޑިގްރީ އެއް ވަކި ދާއިރާއަކުން ނެގުމަށް ފަހު، އެއް އަހަރު ދުވަހުގެ ޕޯސްޓްގްރޭޖުއޭޓް ކިޔެވުމެވެ. ނޫނީ ހަތަރު އަހަރު ދުވަހުގެ ބެޗްލާ އޮފް އެޑިޔުކޭޝަން އެއް ހާސިލްކުރުމެވެ. ބައެއް ގައުމުތަކުގައި ތިން އަހަރު ދުވަހުގެ ޑިގްރީއަކަށް ފަހު، ދެ އަހަރު މުދައްރިސްކަން ފުލްޓައިމްކޮށް ކިޔަވަން ޖެހެ އެވެ.

މި ފަދަ ގައުމުތަކުގެ ތެރޭގައި ފިންލަންޑް އާއި އޮސްޓްރޭލިއާގެ ވިކްޓޯރިއާ ހިމެނެ އެވެ. ޝަރުތުތައް ހަމަކުރާ ގޮތްވެސް މުހިއްމުވެ އެވެ.

"ބައެއް ގައުމުތަކުގައި، މުދައްރިސްކަން ދަސްކުރަން ކިޔަވަންޖެހޭ މާއްދާތަކާއި މައުޟޫތަކާއި ކިޔަވާނޭ ގޮތް ހުންނަނީ ޓީޗާ ރެޖިސްޓްރޭޝަން ބޯޑުން ކަނޑައަޅާފައި. އެއީ ޑިގްރީ ސްޕެސިފިކޭޝަން. މިއީ ޑޮކްޓަރުންގެ ތަމްރީނުގައި ވެސް އޮންނަގޮތް. ޑޮކްޓަރުކަމުގެ ތަމްރީނުގައި ކިޔަވަންޖެހޭ މައުޟޫތަކާއި ފުންމިން، މެޑިކަލް ކައުންސިލްތަކުން ހުންނަނީ ކަނޑައަޅާފައި. އެހެންކަމުން، ކޮންމެ ކޮލެޖަކުން ކިޔެވިޔަސް، ކިޔަވަންޖެހޭނީ އެކައްޗެއް އެއްގޮތަކަށް،" ހަސަން ވިދާޅުވި އެވެ.

ހަސަން އިތުރަށް ވިދާޅުވީ ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށް ނިންމާފައިވާއިރު މިހާރު ވަޒީފާގައި ތިބި މީހުންގެ ތައުލީމީ ސެޓްފިކެޓަށް ބަލަން ޖެހޭނެ ކަމަށެވެ. އެގޮތުން ފުރިހަމަ މުދައްރިސަކަށް ވުމަށް، އިތުރަށް ކިޔަވަން ޖެހެނީ ކޮންކޮން މާއްދާތަކެއްކަން އެ ސެޓްފިކެޓްތަކުގެ އެސެސްމަންޓުން ދެނެގަނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިކަން މުހިއްމުވަނީ، ހަނި ދާއިރާތަކުން ކިޔަވައިގެން، އެނގެންޖެހޭ އަސާސީ މައުޟޫތައް ނޭނގި ބެޗްލާ ޑިގްރީ އާއި ޕޯސްޓްގްރޭޖުއޭޓް ޑިޕްލޮމާ އާއި މާސްޓަރޒް މީހުން ހާސިލްކޮށްފައިވާތީ،" އޭނާ ވިދާޅުވި އެވެ.

"އެއްވެސް މުދައްރިސަކު، މުދައްރިސްކަމުގެ ވަޒީފާ އަދާކުރީ އެއްވެސް މީހަކު މަޖުބޫރުކޮށްގެން ނޫން. އެއިރަކަށް ކަނޑައެޅިފައިވާ މުސާރަ އެއިރަކު ވަނީ ދެވިފައި. އެހެންކަމުން، މާޒީގައި ކޮށްފައިވާ މަސައްކަތަކަށް ދައުލަތަކުން ޒިންމާވާކަަށް ނުޖެހޭނެ،"

ދިރާސާތަކުން ދައްކާ ގޮތުގައި، މުދައްރިސުން އެންމެ ބޮޑަށް ހިތްހަމަ ނުޖެހެނީ، އިތުރުގަޑީގެ މަސައްކަތަށް އޯޓީ ނުލިބޭތީ އެވެ. އެއީ ހައްލު ހޯދަން ޖެހިފައިވާ މައްސަލައަކަށްވާއިރު ބައެއް މުދައްރިސުންނަކީ، ސިިވިލް ސާވިސްގައި މަސައްކަތްކުރަން އޮންނަ މުއްދަތަށް ވުރެ ކުރު މުއްދަތަކު މަސައްކަތް ކުރާ މީހުންނެވެ.

އެހެންކަމުން، މުދައްރިސުންނަށް އިތުރުގަޑި ހައްގުވާނީ ސިިވިލް ސާވިސްގައި މަސައްކަތު ގަޑި ހަމަކުރުމަށް ފަހު، ދެން އިތުރަށް މަސައްކަތް ކުރާ ގަޑިއަށެވެ. އެ ގަޑިތައް ވާންޖެހޭނީ، ސްޕަވައިޒަރު ބުނެގެން ޓައިމްޝީޓެއް ފުރައިގެން ކުރާ މަސައްކަތަށެވެ.

ގާނޫނީ ގޮތުން، ސްޕަވައިޒަރު އަންގައިގެން އިތުރުގަޑީގައި ރެކޯޑުކުރާ މަސައްކަތެއް ކުރާނަމަ، އިތުރުގަޑި ދިނުން ވަޒީފާއާ ބެހޭ ގާނޫނުން މަޖުބޫރުކުރެ އެވެ.

"އަޅުގަނޑަށް ވިސްނޭގޮތުން، މައްސަލައިގެ ހައްލުވަނީ ވޭޖްބޯޑުން އެންގިފަދައިން ސިވިލް ސާވިސްގައި މަސައްކަތް ކުރާ ގަޑި ހަފުތާއަކު 40 އަށް ބަދަލުކުރުމުގައި. ދެން މިއަށް ފަހު، 40 ގަޑިއިރަށް ވުރެ އިތުރަށް، ސްޕަވައިޒަރުން އަންގައިގެން ރެކޯޑުކޮށްފައިވާ މަސައްކަތް ކުރާނަމަ، އިތުރުގަޑި ދޭންޖެހޭނެ،" ހަސަން ވިދާޅުވި އެވެ.

ބިދޭސީން ތައުލީމީ ދާއިރާގައި ގިނަ

ކިޔަވައިދޭ ޓީޗަރުންނަށް ދިވެހި މުދަރިސުން ނުލިބުމުގެ މައްސަލައަކީ ވެސް މި ގައުމުގައި ބޮޑުވެފައިވާ މައްސަލައެކެވެ. އެގޮތުން އެންމެ ގިނައީ އަރަބި އާއި ޤުރުއާން މައްދާއަށް ބޭނުންވާ ޓީޗަރުންނެވެ.

ރާއްޖޭގައި ބިދޭސީ އެތައް މުދައްރިސުންނެެެެއް މަސައްކަތް ކުރާއިރު ވެސް ދަށް މުސާރައެއް ދޭތީ އެންމެ މޮޅެތި މުދައްރިސުންނެއް ރާއްޖެއަށް ނާންނަ ކަމަށް ތައުލީމީ ދާއިރާގެ ބޭފުޅުން ވިދާޅުވެ އެވެ.

"މުސާރަ ބޮޑުވުމުން، ރާއްޖެއަށް ފެންވަރު ރަނގަޅު މުދައްރިސުން ގެނެވޭނެ. އަދި މިކަމުގެ ސަބަބުން ކިޔެވުން ވެސް ރަނގަޅުވާނެ،" ހަސަން ވިދާޅުވި އެވެ.

ހާއްސަ މާއްދާތައް ކިޔަވައިދިނުމަށް ރަށްރަށަށް ޓީޗަރުން ނުލިބޭ ހާލަތުގައި އެ ރަށްރަށަށް ބަދަލުވާ ޓީޗަރުންނަށް މުސާރައިގެ އިތުރުން 3،000ރ. އެލަވެންސެއް ދޭން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެއީ ދިވެހި ޓީޗަރުން ރަށްރަށަށް އިތުރު ކުރުމުގެ ބޭނުގައި މިނިސްޓްރީން ނިންމާފައިވާ ނިންމުމެކެވެ.

އެކަމާ ގުޅިގެން ހަސަން ވިދާޅުވީ ރާއްޖޭގެ މުދައްރިސުން އެއް ރަށުން އަނެއް ރަށަށް ފަސޭހައިން ބަދަލުވުން ފަހިކޮށްދިނުމަށް މިނިސްޓްރީން ކޮންމެ ސްކޫލެއްގައި ދެ ކޮޓަރި ނުވަތަ ތިންކޮޓަރި ހުންނަ ވަކި ފްލެޓްތަކެއް އެޅުމަކީ ޓީޗަރުން ލިބުމަށް ފަސޭހަ ވެގެންދާނެ ކަމެއް ކަމަށެވެ.

"މިހެން ނުހަދާނަމަ، މުދައްރިސުން، ހާއްސަކޮށް ދިވެހި މުދައްރިސުން އެއް ރަށުން އަނެއް ރަށަށް ބަދަލުވުމަށް ހުރަސްތަކެއް ހުންނާނެ،" އޭނާ ވިދާޅުވި އެވެ.

ޓީޗަރުންގެ މުސާރަ ބޮޑުކުރުން ބަހުސްއަކަށް؟

ޓީޗަރުންގެ މުސާރަ ކުޑަކަމުގެ ޝަކުވާ ބޮޑުއިރު، މުސާރައަށް މިދިޔަ ދެތިން އަހަރެއްގެ ތެރޭގައި ބަދަލުތަކެއް އައި ނަމަވެސް އެއީ އެންމެ އެކަށީގެންވާ މުސާރަ ނޫން ކަމަށް އެ ދާއިރާގެ އެންމެވެސް ބުނެ އެވެ. ނަމަވެސް ސިޔާސީ ދާއިރާތަކުގެ ވަޒީފާތަކުގެ މުސާރަ އިންތިހާ އެވެ.

އެގޮތުން ގިނަ ބަޔަކު މުސާރަ ބޮޑުކޮށްގެން ހިތްހަމަ ނުޖެހުނު އެއްބަޔަކީ ރަށު ކައުންސިލަރުންނެވެ. ކައުންސިލަރުންގެ މުސާރަ އާއި އިނާޔަތުގެ ގޮތުގައި ރަށު ކައުންސިލްގެ ރައީސަކަށް 23،000ރ. ލިބޭ އިރު ރަށު ކައުންސިލްތަކުގެ ނައިބު ރައީސަކަށް 15،000ރ. ލިބެ އެވެ. އަދި ރަށު ކައުންސިލްތަކުގެ މެމްބަރުންގެ 12،000ރ. ލިބެ އެވެ.

ސިޓީ ކައުންސިލުތަކުގައި މޭޔަރަކަށް 40،000ރ. ޑެޕިއުޓީ މޭޔަރަކަށް 35،000ރ. އަދި ސިޓީ ކައުންސިލް މެމްބަރަކަށް 30،000ރ ލިބޭއިރު އަތޮޅު ކައުންސިލްގެ ރައީސަކަށް 28،000ރ. ލިބެ އެވެ.

ކަން މިހެން އޮތްއިރު، ޕްރައިމަރީ ޓީޗަރުންނަށް 7،000ރ. އާއި 12،000ރ. އާދެމެދުގެ މުސާރައެއް ދެމުން އަންނައިރު މުސާރަ ކަނޑައެޅުމުގައި ތައުލީމީ ފެންވަރަށް ބަލަ އެވެ. ސެކަންޑްރީ މާއްދާތަކުގެ ޑިގްރީ ފެންވަރު ހުންނަ ޓީޗަރުންގެ އެންމެ ބޮޑު މުސާރައަކީވެސް 12،000 އެއްހާ ރުފިޔާ އެވެ. އެ ލެވެލަށްވުރެ ދަށްނަމަ 7،000ރ. އެވެ.

ގުރުއާން މުދައްރިސަކަށް ލިބެނީ 9،000ރ. ގެ މުސާރަ އެކެވެ. މުސާރަ ކަނޑައަޅަނީ މަސައްކަތުގައި ހޭދަކުރާ ވަގުތަށް ބެލުމަށްފަހު އެވެ. ލައިބްރަރީ އެސިސްޓެންޓުންގެ މުސާރައަކީ 4،000ރ. އަށް ވާއިރު އިނާޔަތްތަކާއެކު އެންމެ ގިނަވެގެން ލިބެނީ 7،500ރ. އެވެ. ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މަސައްކަތު މުވައްޒަފަކަށް 3،000ރ. ކަނޑައަޅާފައިވާއިރު، އިނާޔަތްތައް ހިމަނައިގެން، އެންމެ ގިނަވެގެން ޖެހެނީ މަހަކު 6،500ރ. އެވެ.

މި ދެބައި މީހުންގެ މުސާރައިގައި ގިނަ ބަޔަކަށް އެއީ އެހާ ބޮޑު މައްސަލައަކަށްވީ ޓީޗަރުންނަކީ ތައުލީމު ހާސިލް ކޮށްގެން ނޫނީ ވަޒީފާ ނުލިބޭ ބަޔަކަށްވެ ކުޑަ މުސާރަ އެއް ދޭތީ އެވެ. ކައުންސިލަރުންނަށް ގްރޭޑް 10 ނިންމާފައި ހުރި މީހެއް ނަމަވެސް އެހާ ބޮޑު މުސާރައެއް ލިބޭތީ އެވެ. ކަމެއް ކުރިޔަސް ނުކުރިޔަސް ބޮޑު މުސާރަ ލިބޭތީ އެވެ. ނަމަވެސް ޓީޗަރެއް ނަމަ ކިޔަވައިދޭ އެއްޗަކުންނާއި ނުކުންނަ ނަތީޖާއަކަށް ބަލައިގެން ނޫނީ ވަޒީފާގެ ކުރިއެރުމެއް ވެސް ނުލިބެ އެވެ.

މިއީ މި ރާއްޖޭގައި ކަން ހިނގަމުންދާ ގޮތް ނަމަވެސް ޓީޗަރުން ކުރާ މަސައްކަތާ އެއްވަރުގެ މުސާރައެއް މިހާރު ދެމުންދާ ކަމަށް އެއްބަޔަކު ގަބޫލުކުރެ އެވެ. އެކަމަކު ގިނަ މީހުން ގަބޫލުކުރާ ގޮތުގައި މިއީ ކުޑަ މުސާރަ އެކެވެ. ކުރާ މަސައްކަތާ އަޅާކިޔޭވަރަށް ވުރެވެސް ކުޑައީ އެވެ. އެހެން ކަމުން ބޮޑުކުރަން އުޅޭ މުސާރައަކީ ތައުލީމީ ދާއިރާ ބަދަލުކޮށަލާނެ މުސާރައަކަށް ވެގެންދާއިރު, އަދިވެސް އޮތީ މިއީ ހަމަ އަގުބާވައޭ ބުނެވޭ ސުވާލެވެ.