Advertisement

އެތައް އޮޕަރޭޝަނަކުން ވެސް ހައްލެއް ނުލިބި ޓެނިސް ލެޖެންޑް ޑެލް ޕޯޓްރޯ ކުޅުން ހުއްޓާލަނީ

7 ފެބުރުވަރީ 2022 - 11:44 0

2019 އަހަރުގެ މެޗެއްގެ ތެރެއިން ޑެލް ޕޯޓްރޯ.-- ފޮޓޯ: އޭއެފްޕީ


އެތައް އޮޕަރޭޝަނަކުން ވެސް ހައްލެއް ނުލިބި ޓެނިސް ލެޖެންޑް ޑެލް ޕޯޓްރޯ ކުޅުން ހުއްޓާލަނީ

7 ފެބުރުވަރީ 2022 - 11:44 0

ބީނޯސް އޭރީޒް، އާޖެންޓީނާ (ފެބްރުއަރީ 7) - ކަކުލަށް ލިބިފައިވާ އަނިޔާތަކުން ރަނގަޅުވާން ކުރި އޮޕަރޭޝަންތަކުން ވެސް ހައްލެއް ނުލިބި، މަތީ ފަންތީގައި ޓެނިސް ކުޅެވޭނެ ކަމުގެ ޔަގީންކަމެއް ނެތުމުން އާޖެންޓީނާގެ ޓެނިސް ލެޖެންޑް ހުއާން މާޓިން ޑެލް ޕޯޓްރޯ ރިޓަޔާކުރަން ނިންމައިފި އެވެ.

ދެ އަހަރު ބައިގެ މެދުކެނޑުމަކަށް ފަހު އުމުރުން 33 އަހަރުގެ ޑެލް ޕޯޓްރޯ، ކުޅުމަށް އެނބުރި އަންނަން އޮތް މުބާރާތަކީ ކުރިއަށް އޮތް ހަފްތާ ތެރޭ ފަށާ އާޖެންޓީނާ އޯޕަން އެވެ. މިއީ 2019 ވަނަ އަހަރު ލަންޑަންގައި ބޭއްވި ކުއީންސް މުބާރާތުގެ ތެރެއިން ޑެލް ޕޯޓްރޯގެ ނީ ކެޕަށް (ކަކުލުގެ މައްޗަށް) ލިބުނު އަނިޔާއަށް ފަހު އޭނާ ކުޅޭ ފުރަތަމަ މުބާރާތެވެ.

އެ ފަހަރު ކަކުލަށް ލިބުނު އަނިޔާއިން ރަނގަޅުވާން ޑެލް ޕޯޓްރޯ ވަނީ ފާއިތުވި ދެ އަހަރެއްހާ ދުވަސްތެރޭ ކަކުލުގެ ހަތަރު އޮޕަރޭޝަނެއް ކޮށްފަ އެވެ. އެކަމަކު، މަތީ ފަންތީގައި ގިނަ ދުވަސްތަކެއް ކުޅެވޭނެ ކަމުގެ ޔަގީންކަމެއް ނުލިބުނެވެ.

ރޮޖާ ފެޑެރާ ބަލިކޮށް 2009 ވަނަ އަހަރުގެ ޔޫއެސް އޯޕަން ތަށި އުފުލާލި ޑެލް ޕޯޓްރޯ ބުނީ އަނިޔާގެ ސަބަބުން އުޅެން ޖެހިފައިވަނީ "ހީވެސް ނުކުރާހާ އުނދަގޫ ހާލަތެއްގައި" ކަމަށެވެ.

"އާޖެންޓީނާ މުބާރާތަކީ އަހަރެން ޓެނިހަށް އެނބުރި އައުމެއް ނޫން. މިއީ އަހަރެންގެ ވަދާއީ މުބާރާތޭ ބުނެވިދާނެ. ކަކުލަށް ފަރުވާ ކުރެވޭނެ ވަރަށް ގިނަ ގޮތްގޮތް ބަލައިފިން. ގިނަ ޑޮކްޓަރުންނަށް ދައްކައިފިން. އަހަރެން ޓެނިސް މުބާރާތެއް ނުކުޅެ ރިޓަޔާކުރާކަން ބޭނުމެއް ނުވޭ. އާޖެންޓީނާ މުބާރާތުން އެ ފުރުސަތު (ކުޅުން ހުއްޓާލުމުގެ ފުރުސަތު) ލިބިފައި މި އޮތީ." ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެލް ޕޯޓްރޯ ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޑެލް ޕޯޓްރޯ.


ޑެލް ޕޯޓްރޯގެ ކެރިއަރު އެންމެ ބޭނުންވާ ދުވެލީގައި ކުރިއަށް ގެންދަން ހިޔަނި އެޅުނީ ހަމައެކަނި ކަކުލުގެ އަނިޔާތަކުގެ މައްސަލައެއް ނޫނެވެ. އަތުގެ ކުޑަ ހުޅަށް ލިބުނު އަނިޔާތަކުގެ ސަބަބުން ވެސް ޑެލް ޕޯޓްރޯ އަށް ވަނީ އޮޕަރޭޝަންތަކެއް ކުރަން ޖެހިފަ އެވެ.

ކާމިޔާބީތަކަށް ބަލާއިރު ޑެލް ޕޯޓްރޯ ވަނީ ޓެނިސް ކެރިއަރުގައި 22 އޭޓީޕީ ޓުއާ ތަށި ހޯދައިފަ އެވެ. އޭގެ އިތުރުން އޮލިމްޕިކްސްގެ ޓެނިސް އިވެންޓުން ލޯ މެޑަލާއި ރިހި މެޑަލް ހޯދި ޑެލް ޕޯޓްރޯ ވަނީ 2016 ވަަނަ އަހަރު އާޖެންޓީނާ އަށް މަޝްހޫރު ޑޭވިސް ކަޕް ހޯދައިދޭން އެހީތެރިވެފަ އެވެ.

އާޖެންޓީނާ އޯޕަން އިން ޑެލް ޕޯޓްރޯ ރިޓަޔާކުރަން ނިންމިއިރު، އެންމެ ފަހުން އޭނާ އެ މުބާރާތުގައި ކުޅެފައިވަނީ 2006 ވަނަ އަހަރު އެވެ. އޭރު ޑެލް ޕޯޓްރޯގެ އުމުރަކީ އެންމެ 17 އަހަރެވެ.

އުމުރުން 33 އަހަރުގައި އަމިއްލަ ފަސް ގަނޑުގައި ކުޅޭ މުބާރާތަކުން ރިޓަޔާކުރުމުގެ ފުރުސަތު ލިބުމަކީ މުޅި އުމުރަށް ހަނދާން ކުރާނެ ކަމެއް ކަމަށް ޑެލް ޕޯޓްރޯ ވަނީ ބުނެފަ އެވެ.