Advertisement

ނުފޫޒާ ހެދި ސިޔާސީ ބާރުވެރިކަން ކިރައެއް ނުލެވުނު

8 ފެބުރުވަރީ 2022 - 10:30 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައީސް ސޯލިހާއި ނަޝީދު: ސަރުކާރުގެ ނުފޫޒު އޮތް މިންވަރު ބޮޑުކަމުން ހަގީގީ ސިޔާސީ ބާރުވެރިކަން ކިރާނުލެވުނު --


ނުފޫޒާ ހެދި ސިޔާސީ ބާރުވެރިކަން ކިރައެއް ނުލެވުނު

8 ފެބުރުވަރީ 2022 - 10:30 0

"ކެމްޕޭން ފަށަން މާލޭން އެ ރަށަށް ދިޔަ މީހުންނަށް އެހީތެރިވާން ދާއިރާގެ މީހުން ފުރަތަމަ ހެދީ ދެކޮޅެވެ. ފޮތިގަނޑެއް ދަމައިލުން ދިދައެއް ޖެހުން ކަހަލަ އެއްވެސް ކަމަކާ ގާތްވާނެ މީހަކު އެއިން ރަށެއްގައި ނުވެސް ނެތް ކަހަލަ އެވެ. ދިދަ ޖަހަން ވަޅެއް ވެސް ފުރަތަމަ ކޮނެލެއްވީ އެހެން ދާއިރާއެއްގެ މަޖިލިސް މެމްބަރެކެވެ،"

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މެމްބަރަކު ހޮވަން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގެ ކެމްޕޭނުގެ ކަންތައް ކައިރިން ދުށް މީހަކު އެ ކެމްޕޭނުގެ ފެށުން ސިފަކޮށްދިނީ މިހެންނެވެ.

އޭނާ ބުނި ގޮތުގައި އޭގެ ސަބަބަކީ ކޮމަންޑޫ ދާއިރާގެ ތިން ރަށަށް ވެސް އެމްޑީޕީން ވައުދުވި ތަރައްގީގެ މަޝްރޫއުތައް ލަސްވުމުންނެވެ. އޭގެ ބަދަލުގައި އެ ދާއިރާގެ އަވަށްޓެރި އެހެން ބައެއް ދާއިރާތަކަށް މަޝްރޫއުތައް އައުމަކީ ވެސްް އޭގެ ސަބަބެެކެވެ.

ކެމްޕޭން ފެށި އިރު ދަތިތަކެއް ކުރިމަތިވިކަން އެމްޑީޕީގެ އިސް ފަރާތްތައް ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ.

"ކެމްޕޭން ފުރަތަމަ ފެށި އިރު ދަތިތަކެއް ހުރި، އެއީ މި އިންތިހާބު ކުރިމަތިވާނެ ކަމަކަށް އަޅުގަނޑުމެން އެއްވެސް މީހަކު ހިތަށް ވެސް ނާރާ. ކުއްލިއަކަށް މި އިންތިހާބު ކުރިމަތިވީމާ ދަތިތަކެއް ހުރި. އެހެން ނަމަވެސް ފަހުން ކެމްޕޭން ކުރިއަށް ދިޔައީ ވަރަށް ރަނގަޅަށް،" ވޯޓްލުމުގެ އެއް ދުވަސް ކުރިން އެމްޑީޕީގެ ޗެެއާޕާސަން ހަސަން ލަތީފު މި ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެެވެ.

އެހެން އޮވެފައި ކެމްޕޭންގެ މުޅި އޮއިވަރު ބަދަލުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ދާއިރާއަށް ވަޑައިގެން އިއުލާނު ކުރެއްވި ބޮޑެތި މަޝްރޫއުތަކުންނެވެ. ބިމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކޮމަންޑޫ އެ ރަށާ ޖެހިގެން އޮތް މަތިކޮމަންޑުއާ ގުޅައިލުމުގެ މަޝްރޫއު ސަރުކާރުން ހެދީ ވައުދަކަށް ނޫނެވެ. އެކަމުގެ އަމަލީ މަސައްކަތް ވަގުތުން ފެށީ އެވެ.

އެހެން ގޮސް ސަރުކާރުން ކޮމަންޑޫ ދާއިރާއަށް އޮއްސައިލި މަޝްރޫއުތަކުގެ އަގު 300 މިލިޔަން ރުފިޔާއަށް އަރަ އެވެ. ގޮނޑި ކާމިޔާބުވީ އެވަރުންނެވެ. އެކަމަކު އެއީ ބޮޑު ތަފާތަކުން ނޫނެވެ.

އެ ތަފާތުގެ ކުޑަކަން ހުދު އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވެސް ރައީސް މުހައްމަދު ނަޝީދު ވެސް ފާހަގަ ކުރެއްވި އެވެ.

"...ޝުކުރިއްޔާ! އެކަމަކު 50 ޕަސެންޓް ހުރަސް ނުކުރި, ބަރުލަމާނީއަށް ބަދަލުނުވެއްޖެނަމަ އަޅުގަނޑުމެން ވެރިކަމުގައި ނުތިބޭނެ," ނަތީޖާ އައުމާއެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް އައި މަރުހަބާގެ މެސެޖްތަކަށް ރިޕްލައި ކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ އެ ވާހަކަފުޅާ މެދު ޕާޓީގެ ބައެއް މީހުން ހިތްހަމަ ނުޖެހުނަސް އެއީ ވަރަށް ބޮޑު ހަގީގަތެއް އެކުލެވޭ ވާހަކަފުޅެކެވެ.

އެމްޑީޕީ އެކަނި ނުކުމެ ހޯދި ވޯޓެއް ވެސް ނޫން

ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ހޯއްދަވައިދެއްވަން ސަރުކާރު ހިންގާ ކޯލިޝަނުގެ ތެރެއިން ނުނިކުމެ އޮތީ ސިޔާސީ ނުފޫޒުގެ ގޮތުން ބަލާ ނަމަ އެންމެ ހީނަރު ޕާޓީ އެމްއާރްއެމް އެކަންޏެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަޑައިގެން އެ ދާއިރާގައި ވަރުގަދަ ކެމްޕޭނެއް ކުރެއްވި އެވެ. އެ ޕާޓީގެ ޓިކެޓްގައި ނައިބު ރައީސް ކަމަށް ވަޑައިގެން ހުންނެވި ފައިސަލް ނަސީމް ވެސް ހަމަ އެގޮތަށް ކެމްޕޭން ކުރެއްވި އެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެ ޕާޓީގެ ސްލޮޓްގައި ހުންނެވި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވެސް ކޮމަންޑޫ ދާއިރާއަށް ވަޑައިގެން ކެމްޕޭން ކުރެއްވި އެވެ. އެ ދެ ބޭފުޅުން އިންތިހާބެއްގެ ކެމްޕޭން މިހާ ވަރުގަދައަށް ކުރެއްވި މިއީ ފުރަތަމަ ފަހަރު ކަމަށް ވެސްް ވެދާނެ އެވެ. ކޯލިޝަނުގެ އެއްބާރުލުން އެމްޑީޕީއަށް އެގޮތުން ވަރަށް ފުރިހަމައަށް ލިބުނެވެ.

ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު (ރާޑޯ)އަށް ލިބިވަޑައިގެންނެވި ވޯޓަކީ ހަމައެކަނި އެމްޑީޕީއަށް ލިބުނު ވޯޓެއް ނޫނޭ ބުނާ މީހުންނަށް އެހެން ބުނުމުގެ ފުރުސަތު އޮތީ މި މަސައްކަތްތައް ފެންނަން ހުރީމަ އެވެ.

ބަރުލަމާނީ ނިޒާމަށް ބަދަލު ނުވެ ރާއްޖޭގެ ވެރިކަމުގައި އެމްޑީޕީއަށް ނުތިބެވޭނެ ކަމަށް ރައީސް ނަޝީދު ކުރިއްސުރެ ދައްކަވާ ވާހަކަފުޅު ވެސް ބިނާކުރައްވާ އަސާސަކީ މި އެވެ. ކޯލިޝަނަކުން ނޫން ގޮތަކަށް ރާއްޖޭގެ ވެރިކަން ކުރެވޭ ވަރަށް ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކަށް ހަގީގަތުގައި ނެތުމެވެ. ގިނަ ޕާޓީ ބައިވެރިވެގެން ސަރުކާރު ހިންގުމަކީ ރިޔާސީ ނިޒާމު ދަންނަ ކަމެއް ނޫނެވެ. އެއީ ބަރުލަމާނީ ސިފައެކެވެ. ނަޝީދު ވަނީ މީގެ ކުރިން ވެސް ތަކުރާރުކޮށް އެ ވާހަކަ ދައްކަވައިފަ އެވެ.

ކާމިޔާބީއެއް ކަމަށް އިދިކޮޅުން ދެކެނީ ނުފޫޒު އޮތުމުން

ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަނުގައި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމަށް ނާކާމިބާ ކުރިމަތިވެވަޑައިގެންނެވި ނަމަވެސް އޭނާ ގިނަ އަދަދެއްގެ ވޯޓް ވެސް ހޯއްދެވި އެވެ. އެއީ އެ ޕާޓީން ބުނާ ގޮތުގައި ވަރަށް ވަރުގަދަ ނުފޫޒާއި ބާރުވެރިކަމާ ވާދަކޮށްގެން ހޯދި ނަތީޖާއެކެވެ.

"ނޯޓުން ވޯޓު!," އިންތިހާބަށްފަހު ސަޕޯޓަރުންނާ ބައްދަލު ކުރައްވާ ފަތުހީ ވިދާޅުވީ ސަރުކާރުން ވޯޓު ގިނަ ކުރީ ރިޝަވަތާއި ނުފޫޒުން ކަމަށެވެ.

އިންތިހާބަށް ފަހު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް "އަދަދު"އަށް ވިދާޅުވީ ވަރަށް މަދު ވަސީލަތްތަކަކާއެކު ޕީޕީއެމުން ވެސް ކުރީ ތައުރީފު ހައްގު މަސައްކަތެއް ކަމަށެވެ. މި އިންތިހާބަށް ޕީޕީއެމުން ކެމްޕޭން ކުރީ ވަރަށް ގިނަ ފިއްތުންތަކާ އެެކީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ ހަމަ ވަރަށް ފުރިހަމަ ކާމިޔާބީއެއް، މުޅި ދައުލަތާ ދެކޮޅަށް ހޯއްދެވި ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއަށް ވެސް އަަޅުގަނޑު ހަމަ މަރުހަބާ ދަންނަވަން. އެމަނިކުފާނާ އެކީގައި މަސައްކަތް ކުރެއްވި ޓީމްތަކުން އެކުރެއްވީ ހަމަ ވަރަށް ކޮމެންޑަބުލް މަސައްކަތްތަކެއް. ވަރަށް ފުރިހަމަ މަސައްކަތްތަކެއް ފެނިގެން ދިޔައީ،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް އެ ދުވަހު ވިދާޅުވި ގޮތުގައި އިންތިހާބުގައި ހިނގައިދިޔަ ގިނަ ކަންތައްތަކެއްގެ ޝަކުވާ ޕީޕީއެމުން ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފަ އެވެ. އޭގެ އެއް ކަމަކީ ފޯކައިދޫގައި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލް ހުންނަވަން ހަމަޖެއްސި ތަނުގެ މައްސަލަ އެވެ. ފޯކައިދުއަކީ އެމްޑީޕީގެ ކެންޑިޑޭޓް ރާޝީދުގެ ރަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ރަށުގައި އިސީގެ އޮފިޝަލް ހުންނެވީ "އެމްޑީޕީގެ އައްޑާއެއް" ފަދަ ތަނެއްގައި ކަމަށް ވާތީ ޕީޕީއެމުން ޝަކުވާއެެއްގެ ގޮތުގައި އެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

ޕީޕީއެމްގެ އެ ޝަކުވާތަކަށް ވުރެ ވެސް ހަގީގަތުގައި ބޮޑު ނުފޫޒަކީ އިންތިހާބާ ދިމާކޮށް ސަރުކާރުން ކޮމަންޑޫ ދާއިރާގައި ފެށި މަޝްރޫއުތަކެވެ. ކުރިން ބަޖެޓްގައި ހިމަނާފައި ނުވާ އެ މަޝްރޫއުތައް އެހާ ކުއްލި ގޮތަކަށް ފެށުމަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ވެސް ސޯޝަލް މީޑިއާގައި ސިފަކުރި އެވެ.

އެމްޑީޕީގެ އެކްޓިވިސްޓެއްގެ ގޮތުގައި އެތައް އަހަރެއް ހޭދަކޮށްފައިވާ ބަނބުކެޔޮ ހުސައިން މަނިކު އެކަން ސިފަކުރީ އެމްޑީޕީގެ ވައުދެއް މުގުރައިލުން ކަމަށެވެ.

އޭނާ އާއި އަދި އެހެން އެތައް ބަޔަކު ވެސް ދެކޭ ގޮތުގައި ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަނުގައި ހަގީގަތުގައި ފެނިފައި އެ އޮތީ އެ ދާއިރާގައި ސިޔާސީ ޕާޓީތަކަށް ތާއީދު އޮތް ގޮތުގެ އެހާ ސާފު މަންޒަރެއް ނޫނެވެ.

ސަރުކާރުގެ ނުފޫޒާ ހެދި ސިޔާސީ ބާރުވެރިކަން އެވަނީ ރަނގަޅަށް ކިރައިނުލެވި އެވެ.