Advertisement

ކޮމަންޑޫ ދާއިރާގެ ވޯޓުލުން ފަށައިފި

5 ފެބުރުވަރީ 2022 - 08:05 0


ކޮމަންޑޫ ދާއިރާގެ ވޯޓުލުން ފަށައިފި

5 ފެބުރުވަރީ 2022 - 08:05 0

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ވޯޓުލުން ދާދި ދެންމެ ފަށައިފި އެވެ.

މި އިންތިހާބުގައި ޖުމްލަ ހަތް ވޯޓު ފޮށި ވަނީ ބަހައްޓައިފަ އެވެ. އެއީ ކޮމަންޑޫގައި ދެ ފޮއްޓާއި ފޯކައިދޫގައި ދެ ފޮއްޓާއި މަރޮށީގައި އެއް ފޮށި އަދި މާލޭގައި ބަހައްޓާ ދެ ފޮއްޓެވެ. މީގެ ތެރެއިން މާލޭ ދެ ފޮށި ބަހައްޓާފައިވަނީ އިސްކަންދަރު ސްކޫލުގަ އެވެ.

މީގެ ތެރެއިން މާލެ ފޮށި ކައިރީގައި ވޯޓުލުމުގެ ބައިގަޑިއިރު ކުރިން މީހުން ވަނީ ކިއޫ ޖައްސައިފަ އެވެ.

ވޯޓުލުން އޮންނާނީ ހެނދުނު 8 އިން މެންދުރުފަހު 4 އަށެވެ. މީގެ ތެރެއިން 3 އިން 4 އަށް ހާއްސަކުރެވިފައިވަނީ ކޮވިޑް ޖެހިފައިވާ މީހުންނަށެވެ. އަދި 4 ޖަހާއިރު ކިޔޫގައި ބަޔަކު ތިބި ނަމަ އެ ބަޔަކު ވޯޓުލާ ނިމެންދެން ވޯޓުލުން ކުރިއަށް ދާނެ އެވެ. ވޯޓު ގުނުމަށް ހަމަޖެހިފައިވަނީ ވޯޓުލާ ނިމޭތާ ބައިގަޑިއިރު ފަހުންނެވެ. އެހެންވެ ބެލެވޭ ގޮތުގައި އިރުއޮއްސެންވާއިރަށް ނަތީޖާ އެނގޭނެ އެވެ.

މި އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވަނީ މުހައްމަދު ރާޝީދު އެވެ. ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާދަމް އާއި އެމްއެންޕީގެ އަބްދުލްހަންނާނު އިދުރީސް ވެސް މިއަދުގެ އިންތިހާބުގައި ވާދަ ކުރައްވާނެ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނެއް މިއަދު ބާއްވަނީ، ގިނަ އެ ގޮނޑި ފުރުއްވި މެމްބަރު ހުސެއިން ވަހީދު މިދިޔަ ޑިސެމްބަރު 14، 2021 ގައި އަވަހާރަވުމުންނެވެ. ހުސެއިން އަވަހާރަވީ ކެންސަރުގެ ބައްޔަކަށް ގިނަ ދުވަސްތަކެއްވަންދެން ފަރުވާ ކުރެއްވުމަށްފަހު އެވެ.

ކޮމަންޑޫ ދާއިރާގެ ދިރިއުޅޭ 4618 މީހުންގެ ތެރެއިން ވޯޓުލުމުގެ ހައްގު ލިބެނީ 3309 މީހުންނަށެވެ.