5 ފެބުރުވަރީ 2022 - 08:40 0
ފާތިމަތު ސާޔާ އަހުމަދު
ޑެންމާކްގެ ފުލުހުން. -- ފޮޓޯ: އޭއެފްޕީ
5 ފެބުރުވަރީ 2022 - 08:40 0
ކޯޕެންހޭގަން، ޑެންމާކް (ފެބްރުއަރީ 4) - އިރާނުގެ ސަރުކާރާ ވަކިވެގެން އުޅޭ ގްރޫޕެއްގެ ތިން މެމްބަރުން 2012 އިން 2020 އަށް ސައުދީ އަރަބިއްޔާއަށް ޖާސޫސްކޮށްދިން ކަމަށް ޑެންމާކްގެ ކޯޓަކުން ކަނޑައަޅައިފި އެވެ.
ކުށް ސާބިތުވީ އުމުރުން 40-51 އަހަރާ ދެމެދުގެ ބަޔަކަށެވެ. އޭގެ ތެރެއިން އެކަކީ ޑެންމާކުގެ ޕާސްޕޯޓް ވެސް އޮންނަ މީހެކެވެ. އެ ތިން މީހުންނަކީ އަރަބް ސްޓްރަގްލް ފޯ ދަ ލިބެރޭޝަން އޮފް އަހްވާޒް (އޭއެސްއެމްއެލްއޭ) ގެ މެމްބަރުންނެވެ.
އިރާނުން ދެކޭ ގޮތުގައި އޭއެސްއެމްއެލްއޭ އަކީ ޓެރަރިސްޓް ގްރޫޕެކެވެ. ސައުދީ އަރަބިއްޔާއަށް ޖާސޫސްކޮށްދިން ކަމަށް ޑެންމާކްގައި ކުށް ސާބިތުވި ތިން މީހުންނަށް ހުކުމް ކުރާނީ މާޗް މަހުގަ އެވެ. އެ މީހުންނަށް 12 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.
ސިއްރުން ކުރިއަށް ގެންދިޔަ ދިގު ޝަރީއަތަކަށް ފަހު ކޯޓުން ހުކުރު ދުވަހު ބުނީ ޑެންމާކާއި އެހެން ގައުމުތަކުގެ ވަކި ފަރުދުންނާއި ޖަމިއްޔާތަކުގެ މައުލޫމާތު އެއްކޮށް ސައުދީ އަރަބިއްޔާގެ ޖާސޫސީ އިދާރާއަށް ފޮނުވާފައިވާ ކަމަށެވެ. ފޮނުވި މައުލޫމާތުގެ ތެރޭގައި އިރާނުގެ ސިފައިންނާ ގުޅޭ ކަންކަން ވެސް ހިމެނެ އެވެ.
މެދުއިރުމަތީގައި ސުންނީ ވެރިކަމެއް އޮންނަ ސައުދީ އަރަބިއްޔާ އާއި ޝިއައީ ވެރިކަމެއް އޮންނަ އިރާނަކީ ޒަމާންވީ ދެ ހަތުރުންނެވެ.
ދެހާސް އަށާރަ ވަނަ އަހަރު ފެންމަތިވި މި މައްސަލައިގައި ހިމެނޭ ތިން މީހުން ތިބީ 2020 ވަނަ އަހަރުން ފެށިގެން ބަންދުކޮށްފަ އެވެ. އިރާނުގެ އަހްވާޒްގައި 2018 ވަނަ އަހަރު ދިން ހަމަލާއެއްގައި 24 މީހުން މަރުވެފައި ވާތީ، އެކަމުގެ ބަދަލު ހިފުމުގެ ގޮތުން އިރާން ސަރުކާރުގެ އެންގުމަށް އޭއެސްއެމްއެލްއޭގެ މެމްބަރަކު ޑެންމާކްގައި މަރާލަން އުޅުނު ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އިރާނުން އެ ރިޕޯޓުތައް ދޮގު ކުރި ނަމަވެސް، ޑެންމާކުން 2020 ވަނަ އަހަރު ވަނީ އެ މައްސަލައާ ގުޅުން ހުރި އިރާނާއި ނޯވޭއަށް ނިސްބަތްވާ މީހަކު ހަތް އަހަރަށް ޖަލަށް ހުކުމްކޮށްފަ އެވެ.
އެއަށްފަހު ޑެންމާކްގެ ސަރުކާރުން ވަނީ އޭއެސްއެމްއެލްއޭއާ ދެކޮޅު އޮޕަރޭޝަނެއް ފަށައި، އެ ގައުމުގައި ހުންނަ އެ ގްރޫޕުގެ ވެރިޔާ އާއި އިތުރު ދެ މީހަކަށް ދައުވާކޮށްފަ އެވެ.
އެ މައްސަލައިގައި ސައުދީ އަރަބިއްޔާގެ ސަފީރު ޑެންމާކް ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް، ރަސްމީކޮށް ޝަކުވާ ހުށަހެޅި އެވެ. އޭއެސްއެމްއެލްއޭގެ މަސައްކަތަށް ސައުދީގެ ޖާސޫސީ އިދާރާއިން ފައިސާ ފޯރުކޮށްދޭ ކަމަށް އޭރު ޑެންމާކުން ބުންޏެވެ.
Comment