Advertisement

އޯއައިސީގެ ބައްދަލުވުމާއި ކޮޕް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ސައުދީ އަދި އަަޒުބައިޖާން އަށް ރައީސް މިރޭ ފުރާވަޑައިގަންނަވަނީ

10 ނޮވެންބަރު 2024 - 23:35 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރެއްގައި ފުރާވަޑައިގަންނަވަނީ: އެމަނިކުފާ މިރޭ ސައުދީއަށް ފުރާވަޑައިގަންނަވާނެ --- ފޮޓޯ: ރައީސް އޮފީސް


އޯއައިސީގެ ބައްދަލުވުމާއި ކޮޕް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ސައުދީ އަދި އަަޒުބައިޖާން އަށް ރައީސް މިރޭ ފުރާވަޑައިގަންނަވަނީ

10 ނޮވެންބަރު 2024 - 23:35 0

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އައިއޯސީ) ގެ ކުއްލި ބައްދަލުވުމަކާއި ކޮޕް 29 ސަމިޓުގައި ބައިވެރިވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސައުދީ އަރަބިއްޔާ އަދި އަޒަރުބައިޖާން އަށް ފުރާވަޑައިގަންނަވާނެކަން އެމަނިކުފާނު އިއުލާނުކުރައްވައިފި އެވެ.

ޖުމްހުރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މި ދަތުރުގައި އެމަނިކުފާނު ފުރާވަޑައިގަންނަވާނީ މިރޭ ދަންވަރު ކަމަށެވެ. އެންމެ ފުރަތަމަ ވަޑައިގަންނަވަނީ ސައުދީއަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ވަޑައިގަންނަވަނީ ސައުދީ ރަސްގެފާނު ފޮނުއްވި ހާއްސަ ފުލައިޓެއްގައި ކަމަށެވެ.

ސައުދީގެ ރިޔާދުގައި އިސްލާމީ ގައުމުތަކުގެ ވެރިން އެއްވެ ބާއްވާ "އެކްސްޓްރާއޯޑިނަރީ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓް" އޮންނާނީ މާދަމާ އެވެ.

މި ބައްދަލުވުމަކީ ސައުދީ ސަރުކާރާއި އޯއައިސީ އާއި ލީގް އޮފް އަރަބް ސްޓޭޓްސް އާ ގުޅިގެން ފަލަސްތީން އަދި ލުބްނާނަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ހައްލެއް ހޯދުމަށް މަޝްވަރާކުރުމަށްޓަކައި ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުމެކެވެ.

ރައީސް ވިދާޅުވީ މި ބައްދަލުވުމަށް ވަޑައިގަންނަވަނީ ފަލަސްތީނުގެ ހައްގުގައި ކަމަށާއި މިއީ އެ ގައުމަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކުރައްވާ ދަތުރެއް ކަމަށެވެ.

ޖެހިގެން އަންނަ ދުވަހު ކޮޕް 29 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ވަޑައިގަންނަވާނީ އަޒަރުބައިޖާންގެ ބާކޫ އަށެވެ. ތިމާވެށްޓައްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުއިން އެކުލަވާލާފައިވާ ޕެރިސް މުއާހަދާގެ ދަށުން ބާއްވާ 29 ވަނަ ސިލްސިލާ މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އެ ދާއިރާއިން ވަކާލާތު ކުރައްވާނެ ކަމަށް ވެސް ރައީސް މިރޭ ވިދާޅުވި އެވެ.

އަދި މޫސުމީ ބަދަލުތަކުން ސަލާމަތްވުމަށް ތިމާވެށްޓަށް ގެއްލުންދޭ ގައުމުތަކާއި ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަކީ މި ދަތުރުގެ އަމާޒެއް ކަމުގައި ވެސް ވިދާޅުވި އެވެ.