Advertisement

ނާވީ، ލީގަށް އެއްކޮށް ފިޓްވުމުގެ އަޒުމުގައި

29 ޖަނަވަރީ 2022 - 11:44 2

ޔުނައިޓެޑް ވިކްޓްރީގެ މިޑްފީލްޑަރު މުހައްމަދު ނާވީ: އަންނަ މަހު ފަށާ ދިވެހި ޕްރިމިއާ ލީގަށް ފިޓްވުމުގެ އަމާޒުގައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު.-- ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު/ އަދަދު


ނާވީ، ލީގަށް އެއްކޮށް ފިޓްވުމުގެ އަޒުމުގައި

29 ޖަނަވަރީ 2022 - 11:44 2

މިދިޔަ ސީޒަނަށް ފަރިތަކުރުމަށް ޕްރީ ސީޒަން އެކުވެރިކަމުގެ މެޗެއްގެ ތެރެއިން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ ނާވީ މުހައްމަދު ކަކުލަށް ވަނީ ސީރިއަސް އަނިޔާއެއް ލިބިފަ އެވެ. ޔުނައިޓެޑް ވިކްޓްރީން ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށް 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު 30 ވަނަ ދުވަހު ކުޅުނު މެޗުގައި ނާވީ އަށް ލިބުނު އަނިޔާއިން ރަނގަޅުވާން އޭނާ އޮޕަރޭޝަން ކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

އަނިޔާވިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ނާވީ، 27، ކުޅުމަށް އެނބުރި އައި މެޗަކީ މި މަހު 14 ވަނަ ދުވަހު ޔުނައިޓެޑް ވިކްޓްރީ އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ކުޅުނު މެޗުގަ އެވެ. އެ މެޗުގައި ދެ ވަނަ ހާފުގައި ބަދަލެއްގެ ގޮތުގައި ކުޅެން އެރި ނާވީ ވަނީ ޖެހިގެން އައި މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް އަތުން ޔުނައިޓެޑް ވިކްޓްރީ މޮޅުވި މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ.

ޓީސީއާ ދެކޮޅަށް ޔުނައިޓެޑް ވިކްޓްރީ ކުޅުނު މެޗުގެ ތެރެއިން ނާވީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ޔުނައިޓެޑް ވިކްޓްރީގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ)، ޓީސީ މެޗުގެ ކުރިން "އަދަދު" އަށް ބުނީ ނާވީ އެނބުރި ދަނޑަށް އައުމުގައި ފިޓްނަސް ޓްރެއިނަރެއްގެ ގޮތުގައި ކުޅުންތެރިންނަށް އެހީވަމުން އަންނަ މުއީނާ މުހައްމަދުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.

"ނާވީގެ ވާހަކަ ދައްކާއިރު ވަރަށް ބޮޑު ޝުކުރެއް އަދާކުރަން މުއީނާ އަށް. ނާވީ އަނބުރާ މި ހިސާބަށް ގެނައުމަށް ހާއްސަކޮށް މުއީނާގެ މަސައްކަތް، ހިއްސާ ވަރަށް ބޮޑު. މުއީނާ އެންގި ގޮތަށް ޔޫވީން މި ކަންތައް ކުރީ. މުއީނާ، ނާވީ ކުޅެން ނެރެން ބުނި ހިސާބުން އެކަން ވެސް މި ކުރީ،" ސާންތީ ބުންޏެވެ.

މުއީނާ، "އަދަދު" އަށް ބުނީ ނާވީގެ ފިޓްނަސް ރަނގަޅު ލެވަލަކަށް ބަހައްޓައިގެން ދަނޑަށް އެނބުރި އައުމުގައި އޭނާ އަމިއްލަ އަށް ވެސް ވަރަށް މަސައްކަތް ކުރި ކަމަށެެވެ. ރިހެބިލިޓޭޝަންގެ މުއްދަތުގައި ވެސް އެއްވެސް ސެޝަނެއް ވައްޓާނުލައި ނާވީ ކުރި ހިތްވަރު މުއީނާ ވަރަށް ބޮޑަށް ފާހަގަކުރެ އެވެ.

"އޮންލައިން ސެޝަންތަކުގައި ވެސް ނާވީ ހަމަ ބަރާބަރަށް ބައިވެރިވެ، މަސައްކަތް ކުރަމުން އައީ،" މުއީނާ ބުންޏެވެ.

ބޮޑު އަނިޔާ އަކުން ރިކަވާ ވެގެން އައިސް ނާވީ އޭނާގެ އަސްލު ލެވަލްގައި ކުޅެން ވަގުތު ނަގާނެ ކަމަށް ސާންތީ ވަނީ ބުނެފަ އެވެ. އަދި އުއްމީދަކީ އަންނަ މަހު ހަ ވަނަ ދުވަހު ފަށާ ދިވެހި ޕްރިމިއާ ލީގުގައި ނާވީ އަށް ރަނގަޅު ކުޅުމެއް ދެއްކޭ ގޮތްވުން ކަމަށް ސާންތީ ވަނީ ބުނެފަ އެވެ.

"ނާވީ އަށް ވެސް ވަގުތު އެބަ ބޭނުންވޭ. ކޮންމެ ގޮތެއް ވިޔަސް ނުކުޅެ އެހާ ގިނަ ދުވަސް ހުރެފައިވީމަ ވަގުތު ނަގާނެ. ނާވީ އައުން އެއީ ޔުނައިޓެޑް ވިކްޓްރީ އަށް ހިތްވަރެއް. މި ޓީމަށް އައި ބޮޑު ކުރިއެރުމެއް. ނާވީގެ ފަރާތުން އެންމެ މޮޅު ކުޅުން ފެންނަން ވަގުތު ބޭނުންވާނެ. ނާވީ އަކީ އިންފްލުއެންޝިއަލް، ޔުނައިޓެޑް ވިކްޓްރީގެ ނުފޫޒުގަދަ ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެންދާނީ،" ސާންތީ ބުންޏެވެ.

2012 ވަަނަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ނާވީ.


ޒުވާން އުމުރުގައި ރާއްޖޭގެ ފުޓްބޯޅައިގެ ގަދަބާރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުުޅުނު ނާވީ އަކީ އުމުރުފުރާ ގައުމީ ޓީމުތަކުން އެންމެ ފުރަތަމަ ފާހަގަވާން ފެށި ކުޅުންތެރިއެކެވެ. ނާވީ ކްލަބް ލެވަލްގައި ނިއު އަށް 2012 އިން 2014 އަށް ކުޅުނުއިރު، ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރި އެވެ.

ނިއު އަށް ފަހު ދެން ނާވީ ފެނުނީ ބީޖީ ސްޕޯޓްސް ކްލަބުންނެވެ. ބީޖީ އަށް އެއް އަހަރު ކުޅެދިނުމަށް ފަހު 2016 ވަނަ އަހަރު ޔުނައިޓެޑް ވިކްޓްރީ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށިއްސުރެ ނާވީ ފެންނަނީ އެ ކްލަބްގެ މުހިންމު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

ކުރިއަށް އޮތް ލީގު ފެށެންވާއިރަށް ފިޓްވުމުގެ އަޒުމުގައި ހުރި ނާވީ ބުނީ އަނިޔާގެ ވެގެން ކުޅުމާ ދުރުގައި ހުރި މުއްދަތުގައި އެންމެންގެ ސަޕޯޓް ވަރަށް ބޮޑަށް ލިބުނު ކަމަށާއި ސާންތީ އާއި މުއީނާ ވަރަށް ރަނގަޅަށް ހުރިހާ ކަމެއް ބަލަމުން ގެންދިޔަ ކަމަށެވެ.

ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓްރީ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން ކްލަބް ވެލެންސިއާއާ އެވެ.