Advertisement

ޔޫތު ޗެމްޕިއަންޝިޕް: ޔުނައިޓެޑް ވިކްޓްރީން ފަހަތުން އަރައި ވެލެންސިއާ ބަލިކޮށްފި

28 ޖަނަވަރީ 2022 - 18:10 0

ޔުނައިޓެޑް ވިކްޓްރީގެ އަލްހިމް (ކ) ވެލެންސިއާގެ ޔައީޝް ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ސިޑިބަރި.އެމްވީ


ޔޫތު ޗެމްޕިއަންޝިޕް: ޔުނައިޓެޑް ވިކްޓްރީން ފަހަތުން އަރައި ވެލެންސިއާ ބަލިކޮށްފި

28 ޖަނަވަރީ 2022 - 18:10 0

އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކްލަބް ވެލެންސިއާ އިން ގޯލެއް ޖަަހާފައިވަނިކޮށް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން ފަހަތުން އަރައި 3-1 އިން މޮޅުވެއްޖެ އެވެ.

ޔުނައިޓެޑް ވިކްޓްރީ ފުރަތަމަ މެޗުން މަހިބަދޫ ސްޕޯޓްސް ކްލަބާ އެއްވަރުވިއިރު، ވެލެންސިއާ ވަނީ ޓީސީ ސްޕޯޓްސް ކްލަބް އަތުން ބަލިވެފަ އެވެ. ކުޅުނު ދެ މެޗުން ވެސް ބަލިވުމުން ވެލެންސިއާ ވަނީ މުބާރާތުން ކަޓައިފަ އެެވެ.

ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު ޔުނައިޓެޑް ވިކްޓްރީ އަށް މި ވަނީ ސެމީ ފައިނަލުގެ ޖާގައެއް ގާތްގަނޑަކަށް ކަށަވަރުވެފަ އެވެ. ދެ ވަނައިގައި އެއް މެޗުން ތިން ޕޮއިންޓާ އެކު އޮތީ ޓީސީ އެވެ. ތިން ވަނައިގައި ޕޮއިންޓަކާ އެކު މަހިބަދޫ އޮތްއިރު، ވެލެންސިއާ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި އެވެ.

މިއަދުގެ މެޗު ފަށައިގެން ވެލެންސިއާ އިން ކުރިއަށް ޖެހިގެން ކުޅެމުންދިއުމުގެ ފައިދާ އެ ޓީމުން ނެގި އެވެ. މެޗުގައި ފުރަތަމަ ގޯލު ޖެހީ ވެސް ވެލެންސިއާ އިންނެވެ. މެޗުގެ 20 ވަނަ މިނިޓްގައި އޭރިއާތެެރެއިން އަބްދުﷲ ފާސިރު އަށް ލިބުނު ބޯޅަ ހަމަޖެހިލާފައި އޭނާ ވަނީ ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ. އަބްދުﷲ ފާސިރަކީ ވެލެންސިއާ ސީނިއާ ޓީމުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ)ގެ ކޮއްކޮ އެކެވެ.

ވެލެންސިއާ އިން ލީޑުނެގުމާ އެކު ޔުނައިޓެޑް ވިކްޓްރީން ކުރިއަށް ޖެހިގެން ކުޅެ، ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކުރި އެވެ. މެޗުގެ 44 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓްރީގެ މީސާގް އަލީ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ އެ ޓީމުގެ ފޯވާޑް ޒައިޝާން އަޝްރަފް ވަނީ ބެކްހީލަކުން ގޯލުގެ ތެެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަ މިނިޓް ތެރޭ ޔުނައިޓެޑް ވިކްޓްރީން ލީޑުނެގި އެވެ. މެޗުގެ 52 ވަނަ މިނިޓްގައި އޭރިއާތެރެއިން ޔުނައިޓެޑް ވިކްޓްރީގެ ކުރިއަށް ކުޅޭ އަބްދުލް ރަހުމާން ތިބްޔާން އަލީ ސައީދު އަށް ލިބުނު ބޯޅަ އޭނާ ވަނީ ހަމަޖެހިލާފައި ތިރިތިރިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. ޔުނައިޓެޑް ވިކްޓްރީން ގާތްގާތުގައި ގިނަ އެޓޭކްތަކެއް ކުރަމުންދިޔައިރު، އެ ޓީމުން ވަނީ 73 ވަނަ މިނިޓްގައި ތިން ވަނަ ގޯލު ޖަހައިފަ އެވެ. މި ގޯލަކީ އޭރިއާތެރެއިން ޒައިޝާނަށް ލިބުނު ހުސް ފުރުސަތެއްގައި ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ.

ޔުނައިޓެޑް ވިކްޓްރީ އާއި ވެލެންސިއާ އިން ވެސް މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެންމެ ފުރަތަމަ ރަތް ކާޑެއް ދެއްކީ 77 ވަަނަ މިނިޓްގައި ވެލެންސިއާގެ ހުސެއިން އަޒުމީ އަށެވެ. އޭނާ އަށް ދެ ވަނަ ރީނދޫ ކާޑު ދެއްކީ ފައުލެއް ވެފައި އޮއްވައި ރެފްރީ އަފްޝީން ނަސީރާ ދިމާލަށް ބޯޅަ ޖެހުމުންނެވެ. އޭގެ ފަހުން ބޯޅަ ނެތިސް ޔުނައިޓެޑް ވިކްޓްރީގެ މުހައްމަދު ރާއިފް ފަޒީލް ކުރި ފައުލަކަށް އޭނާ އަށް ސީދާ ރަތް ކާޑެއް ދެއްކީ މެޗުގެ 87 ވަނަ މިނިޓްގަ އެެވެ.