Advertisement

މަންމަ އާއި ބައްޕަ ވާދަކުރިޔަސް، އެމްޑީޕީއަށް ވޯޓު ދޭން ގާސިމް ގޮވާލައްވައިފި

26 ޖަނަވަރީ 2022 - 20:04 9


މަންމަ އާއި ބައްޕަ ވާދަކުރިޔަސް، އެމްޑީޕީއަށް ވޯޓު ދޭން ގާސިމް ގޮވާލައްވައިފި

26 ޖަނަވަރީ 2022 - 20:04 9

މަންމަ އާއި ބައްޕައާ ދެކޮޅަށް ވޯޓުލާން ޖެހުނު ނަމަވެސް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީ އަށް ވޯޓު ދިނުމަށް އެ ޕާޓީގެ ކޯލިޝަން ބައިވެރިޔާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ހަރު އަޑުން ގޮވާލައްވައިފި އެވެ.

ކޮވިޑުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މިދިޔަ ދެ އަހަރެއްހާ ދުވަހު މީހުން އެއްވެ އުޅޭ ހަރަކާތްތަކުން އެކަހެރިވެވަޑައިގެން ހުންނެވި ގާސިމް އެހެން ގޮވާލެއްވީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު (ރާޑޯ) އަށް ކެމްޕެއިންކޮށްދެއްވަން ށ. މަރޮށްޓަށް މިއަދު ވަޑައިގެން ވާހަކަދައްކަވަމުންނެވެ.

ދުވަސްތަކަށް ފަހު ގާސިމް ފެނުނުއިރު ހުންނެވީ ތަފާތުކޮށެވެ. ދާދި ފަހުން ބަހައްޓަވަން ފެށި ތުނބުޅި ހުރީ ގާތްގަނޑަކަށް ހެން ހުދުވެފަ އެވެ. އަދި ބޮލުގައި ވެސް ގިނަ އަދަދަކަށް ހުރީ ނުރަޖަހައިފަ އެވެ. ހުންނެވީ ރޮނގުދެމި ގިރުވާންލީ ޓީޝާޓެއް ތުރުކުރައްވައިގެން ނުރަސްމީކޮށެވެ.

އެމްޑީޕީގެ ރީނދޫ ދިދަ ޖެހި، ރީނދޫ ގޮނޑި ބަހައްޓާފައި ހުރި އެ ޕާޓީގެ ހަރުގެއެއްގައި މިއަދު މެންދުރުފަހު އޮތް ކުޑަކުޑަ އެއްވުމުގައި ގާސިމް ވާހަކަ ފެށްޓެވީ އާދައިގެ ގޮތަކަށެވެ. ވިދާޅުވެދެއްވީ، އޭނާ އެ ޕާޓީއެއް އުފައްދަވަން ސޮއިކުރެއްވި އެކަމަކު އަމިއްލަ ޕާޓީއެއް ހެއްދެވި ފަހުން ދުރުގައި ހުންނެވި އެމްޑީޕީ އަށް ވޯޓު ދޭން ޖެހޭ ސަބަބުތަކެވެ. ވާހަކަ ފެށްޓެވީ ވަރަށް ޑިޕްލޮމެޓިކްކޮށެވެ. ނަމަވެސް ފަހުން ޖޯޝު އައިސް ވަރަށް ހަރުއަޑުން، އެމްޑީޕީ އަށް ކެމްޕެއިންކޮށްދެއްވި އެވެ.

ރާއްޖޭގެ ސިޔާސީ ދާއިރާ އިން މިހާރު ފެންނަ އެންމެ ތަޖުރިބާކާރު އެއް ބޭފުޅާ ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދު އަށް ވޯޓް ދޭންވީ އޭނާ އަކީ އެމްޑީޕީ މީހަކަށް ވެގެން ނޫން ކަމަށެވެ. އަދި އަނެއް ދެ ކެންޑިޑޭޓުންނަށް ވޯޓު ނުދޭންވީ ވެސް ވަކި ޕާޓީއަކަށް ނިސްބަތްވާތީ ނޫން ކަމަށެވެ. އަދި އެމްޑީޕީ އަށް ކޮންމެހެން ވޯޓު ދޭންވީ މިހާރު އެ ޕާޓީ އާއި ސަރުކާރު ކޯލިޝަނަށް މަޖިލީހުގައި މެމްބަރުން މަދުވެގެން ނޫން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ ކެންޑިޑޭޓަށް ވޯޓުދޭންވީ، ވެރިކަމުގައި ބާކީ އޮތް ދެ އަހަރު ދާއިރާގެ ރައްޔިތުންނަށް އަޅާލުމެއް އިހުސާންތެރިކަމެއް، ޕްރޮޖެކްޓެއް ލިބޭނީ ސަރުކާރުގެ ރުހުމާއި ރައީސްގެ ލޯތްބާއި އިހުލާސްތެރިކަން ލިބިގެންކަމަށްވާތީ އެ ސަބަބަށްޓަކައި ކަމަށެވެ.

ގާސިމް ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި، އަމިއްލަ ހަރަދުގައި ދެ ކޮމަންޑޫ ގުޅުވާލަދޭން މަސައްކަތްކުރި ކަމަށާއި އެކަންނުވީ އޭރު އޮތް ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން އެކަން ކުރަން ހުއްދަ ނުދިނުމުން ކަމަށެވެ. އެކަމަށް އިޝާރާތްކުރައްވައި ގާސިމް ވިދާޅުވީ ދާއިރާއެއް ތަރައްގީކުރުމުގެ ބާރެއް މެމްބަރަށް ނޯންނާނެ ކަމަށާއި މެމްބަރަށް ބޮޑުވެގެން ކުރެވޭނީ އެކަމެއް ސަރުކާރަށް ހުށަހެޅުން ކަމަށެވެ.

"އެހެންވީމާ ތިޔަ ބޭފުޅުންނަށް އޮޅިވަޑައިގަންނަވައިގެން އަދި އެހެން ޕާޓީތަކުން އައިސް ދައްކާ ވާހަކަތަކެއްގެ ސަބަބުން މީހަކު ދިއްކޮށްލާ ހަދިޔާއެއްގެ ސަބަބުން، ދިއްކުރީއެކޭ ނޫން މި ދެންނެވީ، ގެ ސަބަބުން ހިތް ބަދަލުނުކުރައްވާށޭ. ރައްޔިތުންނަށް، މި ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ކުރިއެރުމަށް ތަނަވަސްކަން ހޯދުމަށް ބޭނުންވާ ކަމަށްވަންޏާ ކޮންމެ އިރެއްގައި ވެސް އެ އިރެއްގައި ސަރުކާރުގައި ހުންނަ ވެރިއެއްގެ ވިސްނުމާ އެއްގޮތަށް ތިބޭފުޅުން ކަންތައްކުރައްވާށޭ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އެމްޑީޕީ ސަރުކާރުން މިހާރު ވެސް ތަރައްގީ ގެންނަމުން އަންނަ ކަމަށެވެ. އެކަމަށް އިޝާރާތްކުރައްވައި ދެއްކެވީ އެ ވަގުތު ވެސް މަސައްކަތް ހިނގަމުން އަންނަ މަރޮށި ބަނދަރު ބޮޑުކުރުމުގެ މަސައްކަތެވެ.

"ރައީސުލްޖުމްހޫރިއްޔާ އަދި ވެރިކަން ކުރަން އޮތް މައި ޕާޓީ ހިތު ޖައްސާލާފައި ތިބޭފުޅުން އެހެން ޕާޓީއެއްގެ މީހަކު ހޮވީމާ ކޮބާތޯ އެ މޮޅެއް، ރަނގަޅެއް،" ގާސިމް ސުވާލުކުރެއްވެވި އެވެ.

"އެހެން ބޭފުޅަކު ހޮވައިފިއްޔާ ދެރަވާނެ ރައީސުލްޖުމްހޫރިއްޔާ، އޮފްކޯޒް ދެރަވާނެ."

ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބާ، މަޖިލިސް އިންތިހާބު ތަފާތު ކަމަށާއި މިހާރު ހުރިހާ ބާރެއް އޮތީ ރައީސްގެ އަތުގައި ކަމަށާއި އެހެންވެ ދާއިރާއަށް ތަރައްގީ އާއި މަންފާ ބޭނުމިއްޔާ އެމްޑީޕީ ކެންޑިޑޭޓަށް ވޯޓު ދޭން އެދޭ ކަމަށެވެ.

"އަޅުގަނޑަށް ކަށަވަރު އެއްވެސް ހެޔޮވިސްނޭ މީހަކު އެމްޑީޕީ ކެންޑިޑޭޓް ނޫން އެހެން މީހަކަށް މި ދާއިރާ އަށް ލޯތްބެއް އޮވެގެން، މި ދާއިރާއަށް ކުރިއެރުމެއް ބޭނުންވާ އެއްވެސް މީހަކު، މި ދެންނެވި ހަމަތަކުގެ މަތިން ބަލާއިރު ވޯޓު ލާން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ. އެއީ ބައްޕަ ކަމަށް ވިޔަސް، އެއްބަނޑުއެއްބަފާ މީހަކަށް ވިޔަސް، މަންމަ ކަމަށް ވިޔަސް ދަރި ކަމަށް ވިޔަސް،" ވަރަށް ޖޯޝާ އެކު ގާސިމް ވިދާޅުވި އެވެ.