Advertisement

ވަކި ކެންޑިޑޭޓަކަށް ތާއީދުނުކޮށް އެމްއާރްއެމް އިން ގޮވާލީ ނުފޫޒަށް ނުބަލާ ވޯޓު ދިނުމަށް

22 ޖަނަވަރީ 2022 - 21:23 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ރައީސް ސޯލިހާއި ކުރީގެ ރައީސް މައުމޫން: ގާނޫނުގެ ތެރެއިން ކެމްޕެއިން ކުރުމަށް އެމްއާރްއެމް އިން ވަނީ ގޮވާލާފައި---


ވަކި ކެންޑިޑޭޓަކަށް ތާއީދުނުކޮށް އެމްއާރްއެމް އިން ގޮވާލީ ނުފޫޒަށް ނުބަލާ ވޯޓު ދިނުމަށް

22 ޖަނަވަރީ 2022 - 21:23 1

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެއްވެސް ނުފޫޒަކަށް ބެލުމެއް ނެތި ވޯޓް ދިނުމަށް ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްއާރްއެމްއިން ގޮވާލައިފި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ތިން ކެންޑިޑޭޓަކު ވާދަކުރެ އެވެ. އެއީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދާއި، އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓް މޫސާ ފަތުހީ އާދަމާއި، ދާދިފަހުން އުފެއްދި ސިޔާސީ ޕާޓީ އެމްއެންޕީގެ ކެނޑިޑޭޓް އަބްދުލް ހަންނާން އިދުރީސެވެ.

އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ މި އިންތިހާބު ވާދަވެރި އިންތިހާބަކަށް ވެފައިވާއިރު، ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީތަކުން ގެންދަނީ ފޯރީގައި ކެމްޕެއިން ކުރަމުންނެވެ.

އެމްއާރްއެމްއިން ނެރުނު ބަޔާނުގައި ބުނީ އެކި ޕާޓީތަކުން ފޯރިއާއެކު ކެމްޕެއިން ކުރަމުންދާއިރު، ގާނޫނުތަކާއި ގަވާއިދުތަކަށް ފުށުއަރާ ގިނަ ކަންކަން ފެންމަތިވަމުންދާ ކަމަށެވެ. އަދި އިންތިހާބުގެ މާނަ އޮޅޭ މިންވަރަށް ރާއްޖޭގައި ބޭއްވި އިންތިހާބުތަކުގައި ކަންކަން ހިނގާފައިވާކަމަށް ވެސް އެ ޕާޓީން ފާހަގަކޮށްފައިވެއެވެ.

"އިންތިހާބުތަކާ ގުޅުވައި، ރަށްރަށާއި ދާއިރާތަކަށް އަމާޒުކޮށްގެން އެކިއެކި މަޝްރޫއުތައް ހިންގުމާއި، ކެމްފެއިން ދުވަސްވަރު ކާޑުގެ ބާވަތްތަކާއި، ކާބޯތަކެއްޗާއި، އިލެކްޓްރޯނިކް ސާމާނާއި، ނަގުދު ފައިސާ އަދި ހައްޖާއި އުމްރާ ދަތުރާއި، މަތީ ތައުލީމުގެ ފުރުސަތުތައް ފަދަ "ހަދިޔާ" ރައްޔިތުންނަށް ދިނުމުގެ އިތުރުން ވަޒީފާ އާއި އަސާސީ އެހެނިހެން ހިދުމަތްތަކަށް ނޫފޫޒު ފޯރުވައި، ބިރު ދެއްކުމާއި އަދި އައިޑީ ކާޑު ފޮރުވުން ފަދަ ކަންކަމަކީ އިންތިހާބުގެ މާނަ އޮޅޭފަދަ މިންވަރަށް ރާއްޖޭގައި މިހާތަނަށް ބޭއްވި އިންތިހާބުތަކުގައި ހިނގާފައިވާ ކަންކަން،" އެމްއާރްއެމްގެ ބަޔާނުގައި ވެ އެވެ.

އަދި، ކެމްޕެއިނާ ދިމާކޮށް މަޖިލީހުގެ މަސްއޫލިއްޔަތާ ގުޅުން ނެތް ވައުދުވާކަން ފާހަގަކޮށް އެމްއާރްއެމްއިން ބުނީ، އެ ކަންކަމަކީ ރާއްޖެއަށް ދިމާވެފައިވާ ސިޔާސީ އެކިއެކި މައްސަލަތަކުގެ އަސްލާ ގުޅިފައިވާ ކަންކަން ކަމަށެވެ.

އެމްއާރުއެމުން ބުނީ އިސްލާހުގެ މަގުގައި މިއަދު އައިސް ތިބި ހިސާބަކީ އެފަދަ ކަންކަމާ ދުރުވެ މިނިވަން އަދި އިންސާފުވެރި އިންތިހާބުތައް ބޭއްވުމަށް ވަކާލާތު ކޮށްގެން އައިސް ތިބި ހިސާބެއް ކަމަށެވެ. އެހެންވެ އެ ޕާޓީން ގޮވާލީ، ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އިންތިހާބުގެ ކެމްޕެއިން ކުރުމަށެވެ.

"މިފަދަ އަމަލުތަކުގެ ނިވަލުގައި ކުރާ ކެމްޕެއިންގެ ނަތީޖާއަކަށް ގިނަ ފަހަރު ވެގެންގޮސްފައި ވަނީ އިންތިހާބުގެ ނަތީޖާއާ މެދު ރައްޔިތުންގެ މެދުގައި ސުވާލު އުފައްދައި، ނާގާބިލު ފަރާތްތައް މަގާމަށް އިންތިހާބުވުން" އެމްއާރުއެމްގެ ބަޔާނުގައި ބުންޏެވެ.

އިންތިހާބަށް ނުފޫޒު ނުފޯރުވުމަށް އެ ޕާޓީން ބުނެފައި ވާއިރު، ކޮމަންޑޫ ދާއިރާގެ ރަށްތަކުގައި ކުއްލިއަކަށް މަޝްރޫއުތައް ފަށަމުންދާ ކަމަށް ބުނެ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. އެގޮތުން ކޮމަންޑޫ އާއި އެރަށު ފަޅުތެރޭގައި އޮންނަ މަތިކޮމަންޑޫ ގުޅާލުމުގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްދެ އެވެ. އަދި އެ ދާއިރާގެ ރަށްތަކުގެ ބަނދަރު ހެދުންފަދަ މަޝްރޫއުތައް ވެސް މިހާރު ވަނީ ފަށާފަ އެވެ.

އެހެން ނަމަވެސް މި މަޝްރޫއުތަކަކީ މީގެކުރިން ވެސް ހިންގަން ނިންމާފައިވާ މަޝްރޫއުތަކެއް ކަމަށާއި އެއީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރިޔަށްގެންދާ ކަންތައްތަކެއް ނޫން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އެމްއާރުއެމްއިން ވަކި ކެންޑިޑޭޓަކަށް ތާއީދުނުކުރި ނަމަވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީން ވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދަށް ތާއީދުކުރުމަށް ނިންމާފައެވެ. އަދި އެ ޕާޓީތަކަށް ނިސްބަތްވާ މިނިސްޓަރުން އަންނަނީ އޭނާގެ ކެމްޕޭންގައި ބައިވެރިވަމުންނެވެ.