Advertisement

ސައުދީ ކޯލިޝަންގެ ހަމަލާތަކާ ހެދި ހަނގުރާމަ ދަނީ ގޯސްވަމުން: އިރާން

22 ޖަނަވަރީ 2022 - 18:06 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސައުދީ އަސްކަރީ ކޯލިޝަނުން ސަނާއަށް ވައިގެ ހަމަލާއެއް ދީފައި. -- ފޮޓޯ: ރޮއިޓާޒް


ސައުދީ ކޯލިޝަންގެ ހަމަލާތަކާ ހެދި ހަނގުރާމަ ދަނީ ގޯސްވަމުން: އިރާން

22 ޖަނަވަރީ 2022 - 18:06 0

ތެހްރާން، އިރާން (ޖެނުއަރީ 22) - ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލިޝަނުން ޔަމަންގެ ހޫތީންނާ ދެކޮޅަށް ފޮނުވާ ވައިގެ ހަމަލާތަކާ ހެދި ހަނގުރާމަ އިތުރަށް ގޯސްވަމުންދާ ކަމަށް އިރާނުން ބުނެފި އެވެ.

ހުކުރު ދުވަހު ޔަމަންގެ އުތުރުގައި ހުންނަ ޖަލަކަށް ދިން ވައިގެ ހަމަލާއެއްގައި 70 މީހުން މަރުވެފައި ވާއިރު، އެއީ ސައުދީ ކޯލިޝަނާ ގުޅުމެއް ނެތް ހަމަލާއެއް ކަމަށް އެ ކޯލިޝަނުން ބުނެ އެވެ.

ޔަމަންގެ ދާހިލީ ހަނގުރާމައިގައި ސައުދީ ކޯލިޝަނުން ހޫތީންނާ ދެކޮޅަށް ހަމަލާތައް ދެނީ ޔަމަން ސަރުކާރުގެ އެދުމަކަށެވެ. އެ ހަނގުރާމައިގައި ހޫތީންނަށް އެހީވަނީ އިރާނުން ކަމަށް ތުހުމަތު ކުރެވެ އެވެ.

އެގޮތުން ހޫތީންނަށް އަސްކަރީ އެހީ ފޯރުކޮށްދެނީ އިރާނުން ކަމަށާއި މިސައިލާއި ރޮކެޓް ފޯރުކޮށްދޭ ކަމަށް ތުހުމަތު ކުރެވެ އެވެ. ނަމަވެސް އިރާނުން އެ ތުހުމަތުތައް ދޮގުކުރެ އެވެ.

އިރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ސައީދް ހާތިބްޒާދެހް ނެރުނު ބަޔާނެއްގައި ވިދާޅުވީ ޔަމަނަށް ސުލްހަ ގެނައުމަށް ކުރާ މަސައްކަތް އުނދަގޫވެފައި ވަނީ ސައުދީ ކޯލިޝަނުގެ ސަބަބުން ކަމަށެވެ.

ޔަމަނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައި ވާއިރު، މިދިޔަ ހޯމަ ދުވަހު ހޫތީން ވަނީ ހަނގުރާމައިގައި ހޭދަވި ހަތް އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޔޫއޭއީ އަށް އަމާޒުކޮށް ހަމަލާ ފޮނުވާފަ އެވެ. އެ ހަމަލާގައި ތިން މީހުން މަރުވި އެވެ. އޭގެ އިތުރުން ޖެނުއަރީ މަހުގެ ކުރީކޮޅުން ފެށިގެން ހޫތީން އުޅެނީ ޔޫއޭއީގެ ބޯޓެއް ހައިޖެކްކޮށްގެންނެވެ.

އެ ބޯޓުގައި ހުރީ ހަތިޔާރު ކަމަށް ހޫތީން ބުނި ނަމަވެސް، އެއީ ދޮގެއް ކަމަށް ޔޫއޭއީން ބުނެ އެވެ. ޔޫއޭއީއަކީ ސައުދީ ކޯލިޝަންގެ މެމްބަރު ގައުމެކެވެ.