Advertisement

ޔަމަނުގެ ޖަލަކަށް ދިން ވައިގެ ހަމަލާއެއްގައި 100 އަށް ވުރެ ގިނަ މަރު

22 ޖަނަވަރީ 2022 - 06:09 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ވައިގެ ހަމަލާ ދިން ޖަލު ސުންނާފަތިވެފައި. -- ފޮޓޯ: އޭއެފްޕީ


ޔަމަނުގެ ޖަލަކަށް ދިން ވައިގެ ހަމަލާއެއްގައި 100 އަށް ވުރެ ގިނަ މަރު

22 ޖަނަވަރީ 2022 - 06:09 0

ސާދާ، ޔަމަން (ޖެނުއަރީ 21) - ޔަމަނުގެ ޖަލަކަށް ދިން ވައިގެ ހަމަލާއެއްގައި 100 އަށް ވުރެ ގިނަ މީހުން މަރުވެ، ނުވަތަ ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ޔަމަނުގައި ހުންނަ ރެޑް ކްރޮސް ޖަމިއްޔާގެ ތަރުޖަމާނު ބަޝީރް އުމަރް ވިދާޅުވީ ހޫތީ ހަނގުރާމަވެރިން ނިސްބަތްވާ ސާދާ ސިޓީގައި ދިން ހަމަލާގައި މަރުވި މީހުންނާއި އަނިޔާވި މީހުންގެ އަދަދުތައް ދަނީ އުފުލެމުން ކަމަށެވެ.

"ސަތޭކަ އަށް ވުރެ ގިނަ މީހުން މަރުވެ، އަނިޔާވެއްޖެ... ނަންބަރުތައް ދަނީ މަތިވަމުން،" އެ ޖަމިއްޔާއިން އެހީވާ ދެ ހޮސްޕިޓަލެއްގެ ތަފާސްހިސާބަށް ރިއާޔަތްކޮށް އޭނާ ވިދާޅުވި އެވެ.

އިރާނުގެ އެހީއާ އެކު އުޅޭ ހޫތީން އާއްމުކުރި ވީޑިއޯއިން ފެންނަނީ ސުންނާފަތިވެފައިވާ ޖަލުގެ އިމާރާތުގެ ދަށުން މީހުންގެ ހަށިތައް ނަގާ މަންޒަރެވެ.

ސާދާގެ ޖަލުގެ އުތުރުން ދެކުނުގައިވާ ހުދައިދާ ސިޓީގައި މުއާސަލާތީ ހިދުމަތްދޭ މައި އިމާރާތަކަށް ދިން ވައިގެ ހަމަލާގެ ސަބަބުން ވެސް ވަނީ ގިނަ ބަޔަކު މަރުވެފަ އެވެ.

ހޫތީން އާއްމުކުރި އެ ތަނުގެ ވީޑިއޯއިން ވެސް ފެންނަނީ އިމާރާތުގެ ދަށުން މީހުން ސަލާމަތް ކުރަން މަސައްކަތް ކުރާ މަންޒަރެވެ. އެ ހަމަލާއާ އެކު މުޅި ޔަމަނުން އިންޓަނެޓް ކެނޑުނެވެ.

ޑޮކްޓާޒް ވިތައުޓް ބޯޑާޒް ޖަމިއްޔާއިން ބުނީ ޖަލަށް ދިން ހަމަލާގައި އަނިޔާވި 200 މީހުން ސާދާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ހޮސްޕިޓަލް ފުރި އިތުރު މީހުންނަށް ފަރުވާ ދެވެން ނެތް ކަމަށެވެ.

"ހަމަލާ ދިން ސަރަހައްދުގައި އަދިވެސް ގިނަ ބަޔެއްގެ ހަށިތައް ބަހައްޓާފައި އެބަ ހުރި. ގިނަ ބަޔަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށް،" އެ ޖަމިއްޔާގެ ޔަމަން މިޝަންގެ ވެރިޔާ އަހްމަދް މާހަތް ވިދާޅުވި އެވެ.

"މަރުވީ ކިހާ އަދަދެއްގެ މީހުން ކަމެއް ބުނެދިނުމަކީ ކުރެވޭނެ ކަމެއް ނޫން. މިއީ ވަރަށް ބިރުވެރި، އަނިޔާވެރި އަމަލެއްގެ ނަތީޖާ."

ޔަމަން ސަރުކާރުގެ ފައުޖަށް އެހީވާ ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލިޝަނުން ވައިގެ ހަމަލާތައް ދީފައި މި ވަނީ ހޫތީން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ހަމަލާދިންތާ ފަސް ދުވަސް ފަހުންނެވެ.

ޔޫއޭއީގައި ހޫތީން ދިން ދެ ޑްރޯން ހަމަލާގައި ތިން މީހުން މަރުވި އެވެ. ހޫތީން ބުނީ އެއީ އިންޒާރެއް ކަމަށާއި ޔަމަނުގައި އަސްކަރީ އޮޕަރޭޝަނެއް ފަށާނެ ކަމަށެވެ.

އޭގެ އިތުރުން ޖެނުއަރީ މަހުގެ ކުރީކޮޅު ހޫތީން ވަނީ ޔޫއޭއީގެ ބޯޓެއް ހައިޖެކްކޮށްފަ އެވެ. އޭގައި ހަތިޔާރު ހުރި ކަމަށް ހޫތީން ތުހުމަތު ކުރި ނަމަވެސް، އެއީ ދޮގެއް ކަމަށް ޔޫއޭއީން ބުނެ އެވެ.

ހޫތީން ޔޫއޭއީ އަށް ދިން ހަމަލާއާ ގުޅޭ އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ވަނީ ތާވަލްކޮށްފަ އެވެ. ޔޫއޭއީއަކީ ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެމްބަރު ގައުމެކެވެ.

ޔޫއޭއީއަކީ 2015 ވަނަ އަހަރުން ފެށިގެން ހޫތީންނާ ދެކޮޅަށް ހަނގުރާމަ ކުރާ ސައުދީ އަސްކަރީ ކޯލިޝަންގެ މެމްބަރެކެވެ. ހޫތީންނާ ދެކޮޅަށް ސައުދީ އަސްކަރީ ކޯލިޝަނުން ހަނގުރާމައިގެ ތެރެއަށް ވަނީ ޔަމަން ސަރުކާރުގެ އެދުމަކަށެވެ.

ހުދައިދާ ސިޓީއަށް ދިން ހަމަލާގެ ޒިންމާ ސައުދީ ކޯލިޝަނުން ނެގި ނަމަވެސް ސާދާ ސިޓީއަށް ދިން ހަމަލާގެ ޒިންމާ އެ ކޯލިޝަނުން މިހާތަނަށް އުފުލާފައެއް ނުވެ އެވެ.