Advertisement

ޕްރެޒިޑެންޓްސް ކަޕްގައި ސާންތީގެ ހިތްހަަމަޖެހުމަކީ އާ ކުޅުންތެރިންނަށް ފުރުސަތު ދެވުން

18 ޖަނަވަރީ 2022 - 11:28 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ޔުނައިޓެޑް ވިކްޓްރީގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ).-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ޕްރެޒިޑެންޓްސް ކަޕްގައި ސާންތީގެ ހިތްހަަމަޖެހުމަކީ އާ ކުޅުންތެރިންނަށް ފުރުސަތު ދެވުން

18 ޖަނަވަރީ 2022 - 11:28 0

މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ކުރީކޮޅުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ފާހަގަކުރި ކަމަކީ އޭނާގެ ޓީމުން ހާސިލް ނުކުރެވޭނެ ވަރުގެ ޓާގެޓެއް ހަދައިގެން، އެ ފަހަތުން ނުދާނެ ކަމަށެވެ. އޭގެ ބަދަލުގައި މި މުބާރާުތުގައި ފޯކަސް ކުރާނީ އާ ކުޅުންތެރިންތަކަކަށް ފުރުސަތު ދީގެން ބޭނުންވާ މިސްރާބަށް ދިއުމުގެ މަސައްކަތުގެ ފެށުމެއްގެ ގޮތުގައި ކަމަށެވެ.

ސާންތީ ވަނީ މިދިޔަ އޮގަސްޓް މަހު ތިން ވަނަ ދުވަހުން ފެށިގެން 19 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހުޅުވާލައިގެން ޓްރެއިނިންތަކެއް ގެންގޮސްފަ އެވެ. އޭގެ ބޭނުމަކީ މި މަހު އެފްއޭއެމުން ބާއްވާ 19 އަހަރުން ދަށުގެ މުބާރާތަށް ކުޅުންތެރިން ހޯދުމާއި ޔޫވީގެ ސީނިއާ ޓީމުގައި ވެސް ޓީމެއް ބިނާކުރުމުގެ ސިލެކްޝަނެއް ހެދުމަށެވެ.

އޭގެއިން ފާހަގަވި ކުޅުންތެރިންނަށް މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި މިހާތަނަށް ޔުނައިޓެޑް ވިކްޓްރީން ކުޅުނު ހަ މެޗުގައި ވަނީ ފުރުސަތު ދީފަ އެވެ.

"މީގެ ހާއްސަކޮށް ޒުވާން ކުޅުންތެރިން ވަރަށް ރަނގަޅަށް ޓެސްޓް ކުރެވިއްޖެ. ގިނަ ކުޅުންތެރިންނަށް ފުރުސަތު ދެވިއްޖެ. އެންމެ ފަހުން ޔޫވީ ކުޅުނު މެޗުގައި 18 އަހަރުގެ ކުޅުންތެރިއަކު ނެރެގެން މުޅި މެޗު ކުޅެލެވުނު. އެހެންވީމަ ވަރަށް ގިނަ ކުޅުންތެރިންނަށް ފުރުސަތު ދެވިއްޖެ،" އިއްޔެ، ޔުނައިޓެޑް ވިކްޓްރީގެ ޒުވާން ޓީމުގެ ޕްރެކްޓިހުގެ ތެރެއިން ދިން އިންޓަވިއުއެއްގައި ސާންތީ ބުންޏެވެ.

"މާދަމާ (މިއަދު ޓީސީއާ ދެކޮޅަށް ކުޅޭ) މެޗަށް ވެސް ނުކުންނައިރު، ޔޫވީން އާ ދެ ކުޅުންތެރިއަކަށް ފުރުސަތު ދޭނަން. ބައެއް ސީނިއާ ކުޅުންތެރިން މާދަމާ ނުފެންނާނެ،"

ޕްރެޒިޑެންޓްސް ކަޕަށް ކުރިމަތިލިއިރު، ޔުނައިޓެޑް ވިކްޓްރީ އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ މެޖޯރިޓީ ޓީމުތަކުގައި ވެސް ހުރި މައްސަލަ އެވެ. ރަނގަޅު ޕްރީ ސީޒަނެއް ނެހެދުމުގެ މައްސަލަ އެވެ. އެކަމާ ހުރެ ސާންތީ ވެސް ޓާގެޓް ހެދީ އަންނަ މަހު ފަށާ ދިވެހި ޕްރިމިއާ ލީގަށެވެ. ޔުނައިޓެޑް ވިކްޓްރީގެ ޓާގެޓަކީ ލީގުގެ ގަދަ ހައެކެވެ.

"ޕްރީ ސީޒަނެއް ރަނގަޅަށް ނެހެދޭ. ފުޓްބޯޅަ ކޯޗެއް ދައްކަން ވެސް ރަނގަޅު ވާހަކައެއް ނޫން ކަންނޭނގެ މިއީ. ޓީމު ތެރޭގައި ކުޅުންތެރިން ހަމަކުރުމުގައި މި ހުރި ދަތިތަކާއި އެހެން ކަންތައްތަކުގެ ހުރި މައްސަލަ އަކުން މި ކަންތައްތައް ނުވެގެން މިދިޔައީ. އެހެންވެ، ލީގަށް ޓާގެޓެއް ކަނޑައެޅީ،" ސާންތީ ބުންޏެވެ.

"ކޮންމެ ގޮތެއް ވިޔަސް ޔޫވީން ނަހަދާނަން އަޅުގަނޑުމެންނަށް އަތް ނުލެވޭ ވަރުގެ ޓާގެޓެއް. އަޅުގަނޑުމެން މި މުބާރާތް މި ނެގީ ކުޅުންތެރިން ޓެސްޓް ކުރުމާއި މި ކަހަލަ ބައިވަރު ކަންކަމަށް. ފުޓްބޯޅަ ޓީމެއް ވެއްޖިއްޔާ މޮޅުވުމުގެ މަސައްކަތް ވެސް ކުރަން ޖެހޭ. އެ ނޫން ވާހަކައެއް ނޫން މި ބުނީ،"

ޕްރެޒިޑެންޓްސް ކަޕްގެ ފަހު މެޗުތަކަށް ކުރިމަތިލާއިރު، ޔުނައިޓެޑް ވިކްޓްރީ މިއަދު ހަވީރު ކުޅޭނީ ޓީސީ ސްޕޯޓްސް ކްލަބާ އެވެ.

ޔުނައިޓެޑް ވިކްޓްރީ ތާވަލުގެ އެންމެ ފުލުގައި އޮތީ އެއް ޕޮއިންޓާ އެކު އެވެ. އެއީ ހަތް ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ އެއްވަރަށް އެއް ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑް ވިކްޓްރީ އަށް އެންމެ މައްޗަށް ވެސް ދެވެން އޮތީ ހަތް ވަނަ އަށެވެ. އެހެންވެ، ސާންތީ ދެމިހުރީ އެންމެ ފުރަތަމަ މުބާރާތަށް ނުކުތްއިރު ހުރި ޓާގެޓަށް ފޯކަސް ކޮށްގެންނެވެ.

"ޓޭބަލަށް މާ ބޮޑު ބަދަލުތަކެއް އަންނަން ނެތް. ކޯޗެއްގެ ހައިސިއްޔަތުން މި ވަގުތު މުހިންމީ ފުރުސަތު ދިނުން،" ސާންތީ ބުންޏެވެ.

ލީގަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ޔުނައިޓެޑް ވިކްޓްރީން ވަނީ ހަތަރު ބިދޭސީ ކުޅުންތެރިން ގެނެސްފަ އެވެ. އޭގެ ތެރެއިން ތިން ކުޅުންތެރިންނަކީ މިދިޔަ ސީޒަނުގައި ރާއްޖޭގައި ކުޅެފައިވާ ތިން ކުޅުންތެރިންނެވެ. އެއީ ޔުނައިޓެޑް ވިކްޓްރީ އަށް މިދިޔަ ސީޒަނުގައި ވެސް ކުޅުނު ކިރްގިސްތާންގެ މިޑްފީލްޑަރު އަނަޓޯލީ ވްލަސީޗޭވާއި ސާބިއާގެ ޑިފެންޑަރު މިލޯސް ކޮވަސެވިޗްގެ އިތުރުން މިދިޔަ ސީޒަނުގައި ސަސް އިން ފެނުނު ޖަޕާނުގެ މިޑްފީލްޑަރު އެއިސޫކޭ މޯރީ އެވެ. ސާންތީ ބުނީ މިއަދު ހަވީރުގެ މެޗުގައި ބިދޭސީ ކުޅުންތެރިން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެެވެ.

ޓީސީ އާއި ޔުނައިޓެޑް ވިކްޓްރީ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެވެ. މިރޭ ނުވައެއް ޖަހާއިރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ސަސް ވާދަކުރާނެ އެވެ.