Advertisement

މަސައްކަތް ހުއްޓިފައިވާ ބޭކާރު 9 ކުންފުންޏެއް އުވައިލުމުގެ މަރުހަލާ ފަށައިފި

18 ޖަނަވަރީ 2022 - 10:58 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ފިނޭންސް މިނިސްޓްރީގެ އިމާރާތް: މަސައްކަތް ހުއްޓިފައިވާ ނުވަ ކުންފުންޏެއް އުވައިލުމުގެ މަސައްކަތް ފިނޭންސުން ވަނީ ފަށާފައި -- ފޮޓޯ: އަދަދު ފައިލް


މަސައްކަތް ހުއްޓިފައިވާ ބޭކާރު 9 ކުންފުންޏެއް އުވައިލުމުގެ މަރުހަލާ ފަށައިފި

18 ޖަނަވަރީ 2022 - 10:58 0

ކުރަމުން އައި މަސައްކަތް ދައުލަތުގެ އެހެން ކުންފުނިތަކަށް ބަދަލުކުރުމުގެ ސަބަބުން ބޭކާރުވެފައިވާ ނުވަ ކުންފުންޏެއް އުވައިލުމުގެ މަރުހަލާ ފިނޭންސް މިނިސްޓްރީން މިއަދު ފަށައިފި އެވެ.

އުވައިލުުމުގެ މަރުހަލާ ފަށާފައިވާ އެ ކުންފުނިތަކުގެ ލިސްޓް ފިނޭންސް މިނިސްޓްރީން އާއްމުކުރި އިރު އެ ލިސްޓްގެ އެންމެ ކުރީގައި އޮތީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދައުލަތުގެ މީޑިއާ ހިންގަން އުފެއްދި މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އެވެ. ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް ހިންގަން ހަމަ އޭރު އުފެއްދި ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް އާއި ކޫއްޑޫ ހިންގަން އުފެއްދި ކުންފުނި ވެސް އެ ލިސްޓްގައި އެބަ އޮތެވެ.

އުވައިލުމުގެ މަރުހަލާ ފެށި ކުންފުނިތައް

  1. މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ)
  2. ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް.
  3. ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް
  4. މަޑިވަރު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
  5. ގޭން އެއާޕޯޓް ކޮޮމްޕެނީ ލިމިޓެޑް
  6. ވޯކްސް ކޯޕަރޭޝަން ލިމިޓެޑް
  7. މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)
  8. ހަޒާނާ މޯލްޑިވްސް ލިމިޓެޑް
  9. ނެޝަނަލް އިންވެސްޓްމެންޓް މެނޭޖްމެންޓް ކޮމްޕެނީ ލިމިޓެޑް

އެ ލިސްޓްގައި ހިމެނޭ ގިނަ ކުންފުނިތަކުގެ މަސައްކަތް ބަދަލުވީ ސަރުކާރު ބަދަލުވެ، ސިޔާސަތަށް އައި ބަދަލުތަކުގައި، މަސަައްކަތް އެހެން ކުންފުނިތަކަށް ބަދަލުވެފައިވާ ކުންފުނިތަކެވެ. އެމްއެންބީސީގެ މަސައްކަތް ބަދަލުވީ ދައުލަތުގެ މީޑިއާ އާ ބެހޭ ގާނޫނެއް ފާސްކޮށް، އެ ގާނޫނުގެ ދަށުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އުފައްދައި، ދައުލަތުގެ މީޑިއާ އެކުންފުންޏާ ހަވާލުކުރުމުންނެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑާއި ކޫއްޑޫ ފިޝަރީޒް ލިމިޓެޑް އުފެއްދުމުގެ ކުރިން ވެސް ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް އާއި ކޫޫއްޑޫ ހިންގީ މިފްކޯއިންނެވެ. ސަރުކާރު ބަދަލުވުމަށްފަހު އެ ދެ ފެކްޓްރީ ވަނީ އަލުން މިފްކޯގެ ދަށަށް ބަދަލުކޮށްފަ އެވެ.

ވޯކްސް ކޯޕަރޭޝުން ކުރަމުން އައި މަގުތައް މަރަމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ފަހުން ބަދަލުވީ އެމްއާރްޑީސީއަށެވެ. މަސައްކަތް އެކުންފުނިން ވެސް އެ މަސައްކަތް ވަކިކޮށް، މިހާރު އެ މަސައްކަތް ހަވާލުކޮށްފައި އޮތީ އާރްޑީސީއާ އެވެ. އެއީ މަގު ހެދުމުގެ މަސައްކަތް ވެސް ކުރާ ކުުންފުންޏެކެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން އުފެއްދި ގޭން އެއާޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ބަދަލުގައި އެ އާޕޯޓް މިހާރު ހިންގަނީ ސަރުކާރުގެ 70 ޕަސެންޓް ހިއްސާ އޮންނަ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑް އިންނެވެ.