Advertisement

ރިސޯޓެއް ހަދަން ށ. އަތޮޅުގެ ތިން ރަށެއް ކުއްލިއަކަށް ހިމަނައިފި

17 ޖަނަވަރީ 2022 - 21:21 0

އަމަން ހަލީމް

އަމަން ހަލީމް

ރިސޯޓެއް ހަދަން އެއްކޮށް ދޫކުރަން އިއުލާނުކުރި ށ. ދިގުރަށާއި މެދުރަށާއި މައިރަށް: މި ތިން ރަށާ އެންމެ ކައިރީގައި މީހުން ދިރިއުޅެނީ ށ. ކޮމަންޑޫގައި. -- ފޮޓޯ: ގޫގްލް އާތް


ރިސޯޓެއް ހަދަން ށ. އަތޮޅުގެ ތިން ރަށެއް ކުއްލިއަކަށް ހިމަނައިފި

17 ޖަނަވަރީ 2022 - 21:21 0

ޓޫރިސްޓު ރިސޯޓު ތަރައްގީކުރަން މިފަހުން ހުޅުވާލި ރަށްތަކުގެ ތެރޭގައި ށ. އަތޮޅުގެ ތިން ރަށެއް ޓޫރިޒަމް މިނިސްޓްރީން މިއަދު ހިމަނައިފި އެވެ.

ޓޫރިޒަމުން އިއްޔެ ގެޒެޓުކުރި ބިޑިން ޑޮކިއުމެންޓަށް ގެނައި އިސްލާހެއްގައި ރިސޯޓެއް ހަދަން އެއްކޮށް ދޫކުރާ ގޮތަށް ހިމެނީ ށ. ދިގުރަށާއި މެދުރަށާއި މައިރަށް (ދިގުވެލިދޫ) އެވެ.

މި ތިން ރަށުގެ ޖުމްލަ ބޮޑު މިނަކީ 19.5 ހެކްޓަރެވެ. ލީސް އެކުއިޒިޝަން ކޮސްޓަކީ 1.2 މިލިއަން ޑޮލަރު (18.5 މިލިއަން ރުފިޔާ) އެވެ. އަދި، ކުއްޔަށް ދެނީ އިތުރަށް ހިއްކޭ ގޮތަށް މަދުވެގެން 300 ކޮޓަރި އަޅަން ޝަރުތުކޮށްފަ އެވެ.

މި ތިން ރަށަކީ މި ސަރުކާރުން ރިސޯޓު ހަދަން ދޫކުރަން ޓޫރިޒަމް މިނިސްޓްރީން އިއުލާނުކުރި އެއްވެސް ލިސްޓެއްގައި ހިމެނޭ ރަށްތަކެއް ނޫނެވެ.

އެ މިނިސްޓްރީގެ ރަސްމީ ވައިބާ ގްރޫޕުގައި ހިއްސާކުރި މެސެޖެއްގައި ކޮމިއުނިކޭޝަން ޑިރެކްޓަަރު ނިއުޝާ ވިދާޅުވީ މި ރަށްތައް ހިމެނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޓޫރިޒަމުގެ "އިކޮނޮމީސް އޮފް ސްކޭލް" ހޯދަން ކަމަށެވެ.

މިހާރު ށ. އަތޮޅުގައި ހުންނަނީ އެންމެ ދެ ރިސޯޓެވެ. އެއީ ށ. ވަގަރުގައި ހިންގާ ޖޭޑަބްލިޔު މެރިއޮޓް މޯލްޑިވްސް އާއި ށ. ގާކޮށިބީގައި ހިންގާ ފެއާމޮންޓް ސިއްރު ފެން ފުއްޓެވެ. މީގެ އިތުރުން މިހާރު އިއުލާނުކޮށްފައިވާ ރަށްތަކުގެ ތެރޭގައި ށ. ކުޑަޅައިމެންދޫ ހިމެނެ އެވެ.

މި ރަށްތަކާ އެންމެ ކައިރިން މީހުން ދިިރިއުޅޭ ރަށަކީ ކޮމަންޑޫ އޮތްއިރު، ރައްޔިތުންގެ މަޖިލީހުގެ އެ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން އަންނަ ފެބްރުއަރީ 5 ގައި ބޭއްވުމަށް ވަނީ އިއުލާނުކޮށްފަ އެވެ.

ރިސޯޓެއް ހަދަން ށ. އަތޮޅުގެ ތިން ރަށެއް ކުއްލިއަކަށް ހިމެނުމާ ގުޅޭ ގޮތުން ޓޫރިޒަމް މިނސިްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަލީ ޝިނާން "އަދަދު" އަށް ވިދާޅުވީ ފަހުވަގުތު ރަށްތައް ހިމެނީ އެ ސަރަހައްދުގެ ރައްޔިތުން އެދޭތީ ކަމަށެވެ.

"މިފަހަރު ދޫކުރާ ރަށްތަކުގެ ތެރޭގައި ހިމަނަން އެދިގެން އެ ރަށްތައް ހިމެނީ. އެއީ ކުރިން ވެސް މިނިސްޓްރީގެ ދަށުގައި ހުރި ރަށްތަކެއް" އޭނާ ވިދާޅުވި އެވެ.

ސަރުކާރުން މިފަހުން އެ ސަރަހައްދުގެ ރަށްރަށަށް އިއުލާނުކުރި ޕްރޮޖެކްޓުތަކުގެ ތެރޭގައި ދެ ކޮމަންޑޫ ގުޅާލުމާއި، އެއްގަމުތޮއްޓާއި ކަނޑުތޮށި މަރާމަތުކުރުން ހިމެނެ އެވެ. އެ މަސައްކަތް 249.9 މިލިއަން ރުފިޔާއަށް ހަވާލުކުރީ އެމްޓީސީސީއާ އެވެ.

އޭގެ އިތުރުން އެ ރަށު ފުޓުބޯޅަ ދަނޑު ހެދުމުގެ މަޝްރޫއު ވެސް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. އެ މަސައްކަތް ކުރަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ.

މިއީ އިންތިހާބާ ގުޅިގެން ފެށި މަޝްރޫއުތަކެއް ކަމަށް އިދިކޮޅުން ތުހުމަތުކުރެ އެވެ.