17 ޖަނަވަރީ 2022 - 20:08 1
އަމަން ހަލީމް
މާލެ-ތިލަފުށި ބްރިޖުގެ ކުރެހުމެއް: މި ބްރިޖު މަސައްކަތް ނިމުމުން ގްރޭޓާ މާލެ ސަރަހައްދުގެ ހުރިހާ ރަށެއް އެއްގަމުން ގުޅާލެވޭނެ. -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
17 ޖަނަވަރީ 2022 - 20:08 1
ގްރޭޓާ މާލެ ސަރަހައްދުގެ ހުރިހާ ރަށްތަކެއް ގުޅާލަން އަޅާ މާލެ ތިލަފުށި ލިންކުގެ މަސައްކަތް ފަށަން އިންޑަސްޓްރިއަލް ވިލެޖުން ކޮންޓްރެކްޓަރަށް ދޫކޮށްފައިވާ ސައިޓު މިއަދު ހުސްކޮށްފި އެވެ.
މާލެއިން ފެށިގެން ތިލަފުއްޓާ ހަމައަށް އަޅާ އެ ބްރިޖު މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އިންޑިއާގެ އެފްކޮންސް އެވެ. ކޮންޓްރެކްޓަރަށް ކަނޑައަޅާފައިވާ ސައިޓު ސަރަހައްދު ހުސްކުރި ނަމަވެސް އަދި އެފްކޮންސްއާ އެތަން ހަވާލުކުރިކަމެއް ކަށަވަރެއް ނޫނެވެ.
އެކަމަކު އެ ޕްރޮޖެކްޓުގެ އީއައިއޭ ރިޕޯޓުގައި ހުރި މައުލޫމާތަށް ބަލާއިރު މިހާރު ހުސްކޮށްފައިވާ ސަރަަހައްދަކީ މާލޭ ސަރަހައްދުގައި ކޮންޓްރެކްޓަރު ގާއިމުވާ ސަރަހައްދެވެ. ކޮންޓްރެކްޓަރާ ހަވާލުކުރާ ދެ ސައިޓުގެ ތެރެއިން އެއް ސައިޓުގެ ބޮޑު މިނަކީ 4،600 އަކަމީޓަރެވެ. އަނެއް ސައިޓަކީ 8،000-10،000 އަކަމީޓަރުގެ ސަރަހައްދެކެވެ.
މާލެއިން އެފްކޮންސްއަށް ދޫކުރާ ސައިޓުތައް: މި ސައިޓުތައް ބޮޑުބަޔެއް މިހާރު ހުރީ މިހާރު ހުސްކޮށްފައި. -- ފޮޓޯ: ގްރޭޓާ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓް އީއައިއޭ
ގާތްގަނޑަކަށް 7.7 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކުރެވޭ އެ ބިޔަ މަޝްރޫއަށް ހަރަދުކުރަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އިންޑިއާ އެގްޒިމް ބޭންކުން ހަމަޖެހިފައިވާ 400 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީންނެވެ.
އިންޑިއާ ސަރުކާރުން ދޭ ހިލޭ އެހީގެ ތެރެއިން 15 މިލިއަން ޑޮލަރު ނޮވެމްބަރު މަހު ފަހުކޮޅު ދިވެހި ސަރުކާރާ ހަވާލުކޮށްފި އެވެ. އެއީ ބްރިޖު މަސައްކަތް ފަށަން އެޑްވާންސަކަށް ދިން ފައިސާ ކަމަށް މައުލޫމާތު ލިބެ އެވެ.
ބްރިޖު މަސައްކަތުގެ ކޮންޓްރެކްޓުގައި އެފްކޮންސްއާ އެކު މިދިޔަ އަހަރުގެ އޮގަސްޓު 26 ސޮއިކުރި ނަމަވެސް، އަދިވެސް މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނެ ތާރީހެއް އަދިވެސް ނޭނގެ އެވެ.
މާލެ-ތިލަފުށި ލިންކް ދަށުން މާލެ އާއި، ވިލިމާލެ އާއި، ގުޅިފަޅާއި، ތިލަފުށި ގުޅާލާނެ އެވެ.
މި މަޝްރޫއުގެ ފުރަތަމަ ބައިގައި ހިމެނެނީ މާލެއިން ގުޅީފަޅަށް ގުޅާލުމެވެ. މި މަސައްކަތް 27 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވެ އެވެ. ދެވަނަ ބައިގައި ހިމެނެނީ ތިލަފުށިން ގުޅީފަޅަށް ގުޅާލުމެވެ. މި މަސައްކަތް ނިންމަން 32 މަސް ހޭދަވާނެ އެވެ.
ދެ ބަޔަކަށް ބަހާލައިގެން ކުރިޔަށް ގެންދިޔަ ނަމަވެސް ދެބައިގެ މަސައްކަތް ފަށާނީ އެއް ފަހަރާ އެވެ.
މި ރަށްތައް ގުޅާލަން އަޅާ ބްރިޖާއި ކޯސްވޭ އަދި މަގުތަކުގެ ނެޓްވާކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެ އެވެ. މި ލިންކުގެ ބައިތަކުގެ ތެރޭގައި ތިން ބްރިޖާއި، ދެ މަގާއި، ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަޗޭންޖް ޕޮއިންޓްތަކާއި، ޕާކިން ސަރަހައްދުތައް ގާއިމު ކުރެވޭނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment