Advertisement

ރޯގާ ފެތުރޭ އިރު ޑޮކްޓަރަކު ނެތުމުން ކުޑަރިކިލު ރައްޔިތުން ނުކުމެ ހެލްތު ސެންޓަރު ބަންދުކޮޮށްފި

17 ޖަނަވަރީ 2022 - 12:44 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރޯގާ ފެތުރޭ އިރު ޑޮކްޓަރަކު ނެތުމުން ކުޑަރިކިލު ބަޔަކު ހެލްތު ސެންޓަރަށް ގޮސް އިހުތިޖާޖްކުރަނީ.


ރޯގާ ފެތުރޭ އިރު ޑޮކްޓަރަކު ނެތުމުން ކުޑަރިކިލު ރައްޔިތުން ނުކުމެ ހެލްތު ސެންޓަރު ބަންދުކޮޮށްފި

17 ޖަނަވަރީ 2022 - 12:44 0

ބ. ކުޑަރިކިލުގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާއާއި ފެތުރިފައިވާ އިރު، އެރަށުގެ ހެލްތު ސެންޓަރުގައި ޑޮކްޓަރަކު ނެތި ގިނަ ދުވަސްތަކެއް ވުމުން ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ހެލްތު ސެންޓަރު ބަންދުކޮށްފި އެވެ.

ކުޑަރިކިލު ކައުންސިލްގެ މެމްބަރު އިބްރާހީމް ނަޝީދު "އަދަދު"އަށް ވިދާޅުވީ އެ ރަށުގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ ޖެހޭ މީހުންނަށް މިހާރު ފަރުވާ ދެމުން އަންނަނީ އޭދަފުށީގައި ހުންނަ އަތޮޅު ހޮސްޕިޓަލްގައި ތިއްބަވާ ޑޮކްޓަރުންނަށް އޮންލައިންކޮށް ދައްކައިގެން ކަމަށެވެ.

އެގޮތަށް ދައްކަން ވެސް ކިއުގައި ވަރަށް ގިނަ އިރު މަޑުކުރަން ޖެހޭ ކަމަށާއި ރައްޔިތުން އެންމެ ބޮޑަށް ހިތްހަމަ ނުޖެހުނީ އެެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޑަރިކިލު މީހުން ކުރާ އިހުތިޖާޖްގައި ހެލްތު ސެންޓަރުގެ ދޮރުގައި ތަތްކޮށްފައިވާ ލިއުމެއް.


އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ ބަޔަކު ހެލްތު ސެންޓަރު ބަންދުކުރި ނަމަވެސް ހެލްތު ސެންޓަރުގެ މުވައްޒފުން އެތަނުގައި މަޑުކޮށްގެން އަދިވެސް އެބަ ތިއްބެވެ.

ޑޮކްޓަރަކު ފޮނުވުމުގެ ކަންތަކުގައި އެންމެ ފަހުން ލިބިފައިވާ ޖަވާބަކީ ކޮބައިތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ މިހާރު ދީފައިވާ އޮތް ތާރީހަކީ މިމަހުގެ 18 (މާދަމާގެ ތާރީހު) ކަމަށެވެ.

"އަތޮޅު ހޮސްޕިޓަލުން މީގެ ކުރިން އަޅުގަނޑުމެންނަށް ދީފައި އޮތް ތާރީހަކީ މިމަހުގެ 15 [މިދިޔަ ހޮނިހިރު]. މިހާރު އަނެއްކާ ވެސް އަންގާފައި އޮތީ 18 ގައި ޑޮކްޓަރަކު ފޮނުވާނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

ރޯގާ ޖެހިގެން ނުވަތަ އެހެން ކަމެއްގައި ވެސް މީހެއްގެ ހާލު ބޮޑުވެއްޖެ ނަމަ މިހާރު ކުރެވެން އޮތް ކަމަކީ އޭދަފުށްޓަށް ނުވަތަ މާލެއަށް ފޮނުވުން ކަމަށާއި ބައެއް މީހުން މިހާރު ވެސް އޭދަފުށްޓަަށް ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.