Advertisement

ޔާމީން ދައްކަވަނީ ދިވެހިންގެ ސަލާމަތަށް ނުރައްކާ ހުރި ވާހަކަ، ހައްޔަރުކުރަންޖެހޭ: ހަސަން ލަތީފް

17 ޖަނަވަރީ 2022 - 08:38 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ހަސަން ލަތީފް ށ. މަރޮށީގައި ކެމްޕެއިން ކުރައްވަނީ: ވިދާޅުވީ ޔާމީންގެ ވާހަކަތަކުން އިންޑިއާގައި ތިބި ދިވެހިންނަށް ނުރައްކާވެދާނެ ކަމަށް -- ފޮޓޯ: މައިމޫން/އެމްޑީޕީ


ޔާމީން ދައްކަވަނީ ދިވެހިންގެ ސަލާމަތަށް ނުރައްކާ ހުރި ވާހަކަ، ހައްޔަރުކުރަންޖެހޭ: ހަސަން ލަތީފް

17 ޖަނަވަރީ 2022 - 08:38 0

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނުގައި ދިވެހިންގެ ސަލާމަތަށް ނުރައްކާ ހުރި ވާހަކަ އެ މަނިކުފާނު ދައްކަވަމުންދާ ކަމަށް ވިދާޅުވެ، އެ މަނިކުފާނު ހައްޔަރު ކުރުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ރޭ ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއިދު ހޯދަން ފޯކައިދޫގައި ބޭއްވި ޖަލްސާގައި، ހަސަން ލަތީފު ވިދާޅުވީ އިންޑިއާ އައުޓް ކެމްޕެއިންގެ ސަބަބުން ރާއްޖޭގައި ދިރިއުޅޭ އިންޑިއާ ޓީޗަރުންނަށް ބިރު ދައްކައި ސްކޫލްތަކުގެ ފާރުގައި ޝިޔާރުތައް ލިޔަމުން ދާއިރު، އޭގެ ޒިންމާ ޔާމީން ނަންގަވަންޖެހޭ ކަމަށެވެ.

ސްކޫލެއްގެ ފާރެއްގައި އިންޑިއާ އައުޓް ލިޔެފައި: އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެކަން ކުށްވެރިކޮށްފައި -- ފޮޓޯ: ސޯޝަލް މީޑިއާ


ރާއްޖޭގައި ތިބި އިންޑިއާ މީހުންނާ ދިމާކުރަން ހިތްވަރު ދިނުމުގެ ނަތީޖާއަކަށް ވާނީ، އިންޑިއާގައި ތިބި ދިވެހިންނަށް ކުރިމަތިވާނެ ނުރައްކަލަކަށް ކަމަށާއި އިންޑިއާގައި އެތައް ދިވެހިންނެއް، ދިވެހި އާއިލާތަކެއް އުޅެމުން އަންނައިރު، ދިވެހިންނާމެދު ކިރިޔާވެސް ކުލުނެއް ހުރި ނަމަ އެފަދަ ނުރައްކާތެރި ވާހަކައެއް ނުދައްކަވާނެ ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.

ޔާމީންގެ އެ ވާހަކަތައް ގައުމީ ސަލަމާތާއި ދިވެހިންނަށް ނުރައްކަލަކަށް ވަނީ އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް ނުރައްކާ ވެދާނެ ކަމުގެ ބިރު އޮތުމުންކަން އޭނާ ފާހަގަ ކުރެއްވެވި އެވެ. އަދި ޔާމީން އަމަލުކުރައްވާ ގޮތުން "ދިވެހިން އެ ވައްޓާލަނީ ވަރަށް ފުން އަނދަވަޅަކަށް" ކަމަށް ވެސް ހަސަން ލަތީފު ވިދާޅުވި އެވެ.

"ލަސްނުކޮށް ރައީސް ޔާމީން ހިފާ ހައްޔަރުކުރަންޖެހޭ. މިގައުމުގެ ސަލާމަތަށް ނުރައްކާ ހުރި ވާހަކަ ތަކެއް މިހާރު ރައީސް ޔާމީން ދައްކަވަމުން އެ ގެންދަވަނީ،" މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހެންވެއިރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވި އެވެ.

ކުރިން ރައީސްކަން ކުރެއްވި ބޭފުޅަކު ނުކުމެވަޑައިގެން "އިންޑިއާ އައުޓް" އޭ ކިޔައިގެން ހިންގަވާ ކެމްޕެއިންގެ ފަހަތުގައިވާ ކަންކަމަކީ ކޮބައިކަން ހޯދަންޖެހޭ ކަމަށާއި އެކަން ސަރުކާރުން ވެސް ކުރަންޖެހޭ ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މަޖިލީސް ހުޅުވުމުން މަޖިލީހުގެ ތެރެއިން ވެސް އެކަންކަން ބައްލަވަން ފައްޓަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ލީޑަރަކަށް ހުންނެވި ޔާމީން ގައުމީ ސަލާމަތަށް ނުރައްކާ ހުރި މިފަދަ ވާހަކަތައް ދައްކަވާއިރު، އެ ސިޔާސަތަށް ތާއިދުކުރައްވާ ބޭފުޅަކު ރައްޔިތުންގެ މަޖިލީހަށް އިތުރުވުމަކީ ދިވެހި ދައުލަތަށް ވެސް ލިބޭނެ ގެއްލުމެއް ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.

ލާމަރުކަޒީކޮށް ވެރިކަން ހިންގަންޖެހޭ ކަމަށް ގާނޫނު އަސާސީގައި ލިޔެފައި ވާއިރު، އެކަމަށް ބެލުމެއް ނެތި މާލެ ސަރަހައްދު ތަރައްގީކޮށް މަރުކަޒީކޮށް ވެރިކަން ހިންގުމަށް ޔާމީން ސިޔާސަތު ގެންގުޅުއްވާ ނަމަ ރަށްތަކަށް ކޮށްދޭނެ ކަމެއް ނޯންނާނެ ކަމަށް ވެސް ހަސަން ލަތީފު ވިދާޅުވި އެވެ.

"އެއީ އެމްޑީޕީން ތާއިދުކުރާ ސިޔާސަތެއް ނޫން. އެމްޑީޕީން ތާއިދުކުރަނީ ލާމަރުކަޒީކޮށް ހިންގުން. އެއީ އަޅުގަނޑުމެންގެ މި ޕާޓީގެ އުފެދުމުގެ ވިސްނުމަކީ ވެސް. އަޅުގަނޑުމެންގެ މި ރަށްތަކުގައި ރީތިކޮށް އުޅެވޭނެ ގޮތް ހޯދުން،" އޭނާ ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ މެމްބަރުން ހުސައިން ވަހީދު އަވަހާރުވުމުގެ ސަބަބުން އެ ދާއިރާގެ ގޮނޑި ހުސްވެގެން ބާއްވާ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓުގެ އިތުރުން ޕީޕީއެމް އާއި އެމްއެންޕީގެ ކެންޑިޑޭޓުން ވާދަކުރެ އެވެ. ބައި އިލެކްޝަންގައި ވޯޓުލުން އޮންނާނީ ފެބްރުއަރީ 5، ގަ އެވެ.