Advertisement

ޖިންސީ ފުރައްސާރަ ކުރި ސައުދީ މީހެއްގެ ނަން ފުރަތަމަ ފަހަރަށް އާއްމުކޮށްފި

13 ޖަނަވަރީ 2022 - 12:42 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސައުދީ އަރަބިއްޔާގެ ގައުމީ ދިދަ. -- ފޮޓޯ: އޭއެފްޕީ


ޖިންސީ ފުރައްސާރަ ކުރި ސައުދީ މީހެއްގެ ނަން ފުރަތަމަ ފަހަރަށް އާއްމުކޮށްފި

13 ޖަނަވަރީ 2022 - 12:42 0

ރިޔާދް، ސައުދީ އަރަބިއްޔާ (ޖެނުއަރީ 13) - ސައުދީ އަރަބިއްޔާގައި ޖިންސީ ފުރައްސާރައިގެ ކުށް ސާބިތުވި މީހެއްގެ ނަން ފުރަތަމަ ފަހަރަށް ނޫހެއްގައި ޝާއިއުކޮށްފި އެވެ.

މަދީނާގެ ކޯޓުން އަންގާފައި ވަނީ ޔާސިރް މުސްލިމް އަލް އަރާވީގެ ނަން އާއްމު ކުރުމަށެވެ. ޖިންސީ ފުރައްސާރައިގެ ކުށް ސާބިތުވެ، އަށް މަހުގެ ޖަލު ހުކުމަކާ އެކު 1،300 ޑޮލަރު ނުވަތަ 5،000 ރިޔާލުން ޖޫރިމަނާ ކުރި އެ މީހާގެ ނަން ޝާއިއު ކުރީ އޮކާޒް ނޫހުގަ އެވެ.

ޖިންސީ ފުރައްސާއަކީ ކުށެއް ކަމަށް ސައުދީ އަރަބިއްޔާއިން ކަނޑައެޅީ 2018 ވަނަ އަހަރު އެވެ.

އޮކާޒް ނޫހާއި އަލް އެހްބަރިއްޔާ ޓީވީން ބުނީ ކޯޓުގެ ހުކުމެއް މީޑިއާގައި އާއްމު ކުރުމަށް އެންގުމުގެ ބާރު ލިބިދޭ ގާނޫނީ ބަދަލާ އެއް ގޮތަށް އަމަލު ކުރި މިއީ ފުރަތަމަ ފަހަރު ކަމަށެވެ.

އޮކާޒް ނޫހުން ރިޕޯޓު ކުރި ގޮތުގައި އަލް އަރާވީގެ މައްޗަށް ސާބިތުވީ "ފަހަތުން ގައިގައި އަތްލުމާއި، އަނގަބަހުން ފުރައްސާރަކޮށް، ހަޑި ހުތުރު އެއްޗެހި ކީ" ކަމަށެވެ.

ސައުދީ އަރަބިއްޔާ ފަދަ މުއްސަނދި ގަލްފު ގައުމުތަކުގައި މީހުންގެ ނަން އާއްމުކޮށް ބޭޒާރު ކުރުމުގެ އަދަބު ބައެއް އެހެން ކުށްތަކުގައި މީގެ ކުރިން ވެސް ދީފައި ވެ އެވެ.

އަމީރު މުހައްމަދު ބިން ސަލްމާން ވަލީ އަހުދު ކަމަށް 2017 ވަނަ އަހަރު ވަޑައިގެންނެވި ފަހުން، ސައުދީ އަންހެނުންނަށް ކުރިން ނުލިބޭ ބައެއް ހައްގުތަކާއި މިނިވަންކަން ވަނީ ދޭން ފަށާފަ އެވެ.