Advertisement

ރިޒޭ އެނބުރި އައުމުން އީގަލްސްގެ ތަފާތު އެބަފެނޭ: ޝާޒް

13 ޖަނަވަރީ 2022 - 12:08 0

އީގަލްސްގެ މެޗެއްގެ ތެރެއިން ރިޒޭ: އޭނާ އެނބުރި އައުމާ އެކު އީގަލްސްގެ ކުޅުން ރަނގަޅުވަމުން އަންނަ ކަމަށް އެ ޓީމުގެ ކޯޗު ޝާޒް ވަނީ ބުނެފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ރިޒޭ އެނބުރި އައުމުން އީގަލްސްގެ ތަފާތު އެބަފެނޭ: ޝާޒް

13 ޖަނަވަރީ 2022 - 12:08 0

ކަކުލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރަށް ދާން ޖެހުނު ކްލަބް އީގަލްސްގެ ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ)، އަހަރެއްހާ ދުވަސް ފަހުން ކުޅުމަށް އެނބުރި އައިސް ދައްކަމުން އަންނަ ކުޅުމުގެ ސަބަބުން މަޑުމަޑުން އީގަލްސްގެ އަސްލު ކުޅުން އެބަ ފެންނަ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝާޒްލީ ބުނެފި އެވެ.

މިދިޔަ މަހު 30 ވަނަ ދުވަހު، ޕްރެޒިޑެންޓްސް ކަޕްގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން އީގަލްސް ބަލިވި މެޗުގައި ރިޒޭ ކުޅެން އެރީ މެޗުގެ 52 ވަނަ މިނިޓްްގައި ހުސެއިން އަހުސާމް މޫސާ (ތިއްތޭ)ގެ ބަދަލުގަ އެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީ ހަތަރު ވަނަ ދުވަހު ވެެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ރިޒޭގެ ކަކުލުގެ ލިގަމެންޓަށް ލިބުނު ސީރިއަސް އަނިޔާގެ ސަބަބުން ކުޅުމާ ދުރަށް ދިއުމަށް ފަހު ރިޒޭ ކުޅުނު ފުރަތަމަ މެޗެވެ.

އީގަލްސް އިން ޕްރެޒިޑެންޓްސް ކަޕްގައި މި ފަހަރު ކުޅުނު ފުރަތަމަ ތިން މެޗުން ވަނީ ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ސަސް އަތުން ބަލިވެފަ އެވެ. އެކަމަކު، އެންމެ ފަހުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުތަކުން އީގަލްސް މޮޅުވި އެވެ.

ދަ ގްރާންޑޭ މެޗުގައި އީގަލްސް އިން ފަހަތުން އަރައި 3-2 އިން މޮޅުވިއިރު، އެ މެޗުގައި އީގަލްސްގެ ފުރަތަމަ ގޯލު ޖެހީ ރިޒޭ ހިލޭ ޖެހުމަކުންނެވެ.

ޝާޒް ބުނީ ރިޒޭ އަކީ މިދިޔަ ފަސް އަހަރަށް ބަލާއިރު، އީގަލްސްގެ "ތަނބު" ކަމަށެވެ. އަދި ރިޒޭގެ އަނިޔާއާ އެކު އީގަލްސް އަށް ވަރަށް ބޮޑެތި އުނދަގޫތަކެއް ދިމާވި ކަމަށް ޝާޒްލީ ބުންޏެވެ.

"ކޮންމެ ގޮތެއް ވިޔަސް (ރިޒޭ) މުބާރާތުގެ އެންމެ މޮޅު އެއް ކުޅުންތެރިއަކަށް ވާނެ. އެންމެ މޮޅު ފަސް ކުޅުންތެރިން ނޫނީ ހަތަރު ކުޅުންތެރިން ނެގި ނަމަވެސް އޭގެ ތެރެއަށް ރިޒޭ ވަންނާނެ. ދެން އޭގެ އިތުރު ރިޒޭގެ މުހިންމުކަން މި އިންނަނީ އީގަލްސް އަށް، އީގަލްސްގައި އެހާ ދުވަހު ކުޅެފައި އިނީމަ، އީގަލްސްގެ ހުރިހާ ކުޅުންތެރިން ވެސް ވަރަށް އިތުބާރުކުރާ ކުޅުންތެރިއެއް،" ޝާޒް ބުންޏެވެ.

ޝާޒް އީގަލްސްއާ ހަވާލުވިއިރު، ވެސް ރިޒޭ ހުރީ އަނިޔާގަ އެވެ. ރިޒޭ އަލުން ކުރީގެ ފޯމަށް ގެންނަން ކުރާ މަސައްކަތުގައި ޝާޒް އެންމެ ފުރަތަމަ ރިޒޭ އަށް ޓީމުން ފުރުސަތު ދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ފުރަތަމަ އެގާރައިގައި ކުޅުނީ އެންމެ މެޗެކެވެ. ޝާޒް ބުނީ ރިޒޭ އައިސް ޓީމުގައި ކުޅެން ފެށުމުން ބަދަލުތަކެއް އެބަ ފެންނަ ކަމަށާއި އެހެންވެ، އަންނަ މަހު ފަށާ ދިވެހި ޕްރިމިއާ ލީގާ ދޭތެރޭ އިތުބާރު ބޮޑުވާ ކަމަށެވެ.

"އަނެއްހެން ބުނަންޏާ ރިޒޭގެ 40 ޕަސެންޓް އެ ކުޅެނީ އަދި. ބޮޑު އިންޖަރީ އަކުން އައީމަ އެއްކޮށް ގޭމް ތެރެއަށް ނުވަދެވިގެން. އެކަމަކު، ރިޒޭ ދަނޑުމަތީގައި ހުުރުމަކީ ވެސް ކިހާ މުހިންމު ކަމެއްކަން އީގަލްސްގެ ކުޅުމުން އެބަ ފެނޭ،" ޝާޒް ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އީގަލްސްގެ ކޯޗު ޝާޒް ވާހަކަ ދައްކަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


"އީގަލްސް އިން އާންމުކޮށް ތިރިން ކުޅޭ ޓީމެއް. ރިޒޭ ނެތީމަ އެ ބައި ވެސް ގޮސްފައި އޮވެފައި. މިހާރު ރިޒޭ އައުމާ އެކު އެކަން ރަނގަޅުވަމުން އެ އަންނަނީ. ދެން ލީގަށް ދާއިރު، މި ބަލަނީ ރިޒޭގެ 100 ޕަސެންޓް ފެންނާނެ ކަމަށް،"

ރާއްޖޭގެ އެންމެ މޮޅު ޒުވާން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މީގެ ކުރިން ހޯދާފައިވާ ރިޒޭ އަކީ ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ލަނޑު ލިސްޓުތަކުގެ އެންމެ ކުރީގައި އޮތް ކުޅުންތެރިޔާ އެވެ. އޭނާ ނެތި އީގަލްސް އިން މިދިޔަ އަހަރެއްހާ ދުވަހު ކުޅުނު މެޗުގައި އެންމެ ބޮޑު މައްސަލަ އަކަށް ދިމާވީ ގޯލު ނުޖެހުމުގެ މައްސަލަ އެވެ.

ރަނގަޅު ޓްރެކުގައި ޕްރެޒިޑެންޓްސް ކަޕް ނިންމާލަން އީގަލްސް އިން ބޭނުން

ޕްރެޒިޑެންޓްސް ކަޕްގައި ވެލެންސިއާ އިން ވަނީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެފަ އެވެ. އީގަލްސް އިން ފުރަތަމަ ތިން މެޗުން ބަލިވި ނަމަވެސް ދެން ކުޅުނު ދެ މެޗުން ވަނީ މޮޅުވެފަ އެވެ. އީގަލްސް އިން ޕްރެޒިޑެންޓްސް ކަޕްގައި މިރޭ ކުޅޭނީ ވެލެންސިއާއާ ދެކޮޅަށެވެ.

ޝާޒް ބުނީ މިރޭގެ މެޗަށް ނުކުންނައިރު، ވިސްނަން ޖެހޭ ކަމަކީ މިހާރު އެންމެ ފޯމުގައި އޮތް އެއް ޓީމަކީ ވެލެންސިއާ ކަމެވެ.

"އީގަލްސް އަށް އެނގޭ މިއީ މުބާރާތުގައި އެންމެ އުނދަގޫވާނެ އެއް މެޗުކަން. މުބާރާތުގެ ރޭހުގައި ރަނގަޅު ހިސާބެއްގައި އީގަލްސް ނެތް ނަމަވެސް މުބާރާތް ނިންމާލަން އީގަލްސް ބޭނުންވަނީ ރަނގަޅު ރިޒަލްޓަކާ އެކު،" ޝާޒް ބުންޏެވެ.

އީގަލްސް އިން މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ނަގަން ވިސްނައިގެން ކަމަށާއި ފައިނަލަށް ދާން މި މެޗުގެ މުހިންމުކަން ވެލެންސިއާ އަށް ބޮޑުވެފައި އޮތުމުން އޭގެ ޕްރެޝަރު ވެސް އެ ޓީމަށް އޮންނާނެކަމަށް ޝާޒް ގަބޫލުކުރެ އެވެ.

"މުހިންމުކަމަށް ބަލާއިރު، ވެލެންސިއާ އަށް މުހިންމު މެޗެއް. އެއީ އީގަލްސް އަށް އެޑްވާންޓޭޖެއް. އީގަލްސް އަށް އިން ޕްރެޝަރަށް ވުރެ ވެލެންސިއާ އަށް އިން ޕްރެޝަރު ބޮޑުވާނެ. އޭގެ އެޑްވާންޓޭޖް ކޮންމެވެސް ހިސާބަކުން ލިބޭނެ ކަމަށް މި ބަލަނީ،" ޝާޒް ބުންޏެވެ.

ވެެލެންސިއާ އާއި އީގަލްސް ކުޅޭ މެޗު ފަށާނީ މިރޭ 21:00 ގަ އެވެ.