Advertisement

އަތޮޅުގެ ޗެމްޕިއަނުންނަށް ގައުމީ ވޮލީ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ދެނީ

8 ޖަނަވަރީ 2022 - 12:15 0

އިންޑިއާގެ ހައިދަރުއާބާދު ސްޕައިކާސްގެ ކުޅުންތެރިއަކު ޖަހާ ޝޮޓެއް ބްލޮކްކުރަން ރާއްޖޭގެ ގައުމީ ޓީމުގެ ފައިރޫޒާއި އެޑަމް މަސައްކަތް ކުރަނީ.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު


އަތޮޅުގެ ޗެމްޕިއަނުންނަށް ގައުމީ ވޮލީ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ދެނީ

8 ޖަނަވަރީ 2022 - 12:15 0

ވޮލީބޯޅައިގެ ފުރުސަތުތައް މުޅި ރާއްޖެ އަށް ހުޅުވާލެވިފައި ބޭއްވުމަށާއި ވޮލީ ފޯރިގަދަ ކުރުމުގެ ގޮތުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އަތޮޅު މުބާރާތުގެ ޒޯން ޗެމްޕިއަނުންނަށް އެސޯސިއޭޝަން ކަޕްގެ ތެެރެއިން ގައުމީ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ދޭން ނިންމައިފި އެވެ.

ދާދި ފަހުން ވީއޭއެމްގެ ލީޑަޝިޕުން ވަނީ ޔޫތު މިނިސްޓްރީގެ އޮފިޝަލުންނާ އެކު އަތޮޅު ކައުންސިލްތަކާ ބައްދަލުކޮށް، އަތޮޅު ވޮލީބޯޅަ މުބާރާތް ފަށައި، އެ މުބާރާތުގެ ތެރެއިން ފަހިވެފައި ހުރި ފުރުސަތުތަކާ ބެހޭ މައުލޫމާތު އަތޮޅު ކައުންސިލްތަކަށް ފޯރުކޮށްދީފަ އެވެ.

ވީއޭއެމުން ނިންމާފައި އޮތީ އަތޮޅު މުބާރާުތުގެ އަތޮޅު ބުރު، އަތޮޅު ކައުންސިލުން އިންތިޒާމް ކުރާ ގޮތަށެވެ. ވީއޭއެމާއި ޔޫތު މިނިސްޓްރީގެ އެހީތެރިކަމާ އެކު 20 އަތޮޅުގައި 20 މުބާރާތް ބޭއްވުމުގެ މަސައްކަތްކުރާއިރު، އަތޮޅު މުބާރާތްތަކުގައި ބައިވެރިވާ ޓީމުތަކުގެ ނިސްބަތަށް ބަލައި، މާލީ އެހީތެރިކަން ފޯރުކޮށްދޭން ވަނީ ނިންމައިފަ އެވެ.

ފޯރުކޮށްދޭ މާލީ އެހީތެރިކަން ބިނާވާނީ އަތޮޅަކުން ބައިވެރިވާ ރަށްތަކުގެ އަދަދަށް ބެލުމަށް ފަހު އެވެ. ދެ ރަށަށް ވުރެން ގިނައިން ޓީމު ބައިވެރިނުވާ އަތޮޅުތަކުގައި މުބާރާތް ނުބާއްވާނެ އެވެ.

ޔޫތު މިނިސްޓްރީގެ އޮފިޝަލުންނާއި ވީއޭއެމްގެ އިސް ވެރިން އަތޮޅު ކައުންސިލްތަކާ ވާޗުއަލްކޮށް ބައްދަލުކުރަނީ.


މުބާރާތުގައި ވާދަކުރެވޭނީ ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީވުމުގެ އިތުރުން ރަށް ތަމްސީލްކުރަން ރަށު ކައުންސިލް އެންޑޯޒްކޮށްފައިވާ ޓީމަކަށެވެ. އެއް ރަށަކުން ގިނަ ޓީމު ބައިވެރިވާން ބޭނުންވެއްޖެ ހާލަތެއްގައި އެ ރަށުގެ މެދުގައި އަމިއްލަ އަށް މުބާރާތެއް ބާއްވައި، އެ ރަށް ތަމްސީލްކުރާނެ ޓީމެއް ހޮވުން އޮތީ އެ ރަށެއްގެ ކައުންސިލް އަތްމަތީގަ އެވެ.

އަތޮޅު މުބާރާތް ނިމުމަށް ފަހު ދެން އޮންނާނީ ހަތް ޒޯން މުބާރާތެވެ.

ޒޯން އެކެއްގައި އޮތީ ހއ. ހދ އަދި ށ އެވެ. ޒޯން ދޭއްގައި އޮތީ ނ. ޅ. ބ އަދި ރ އެވެ. ޒޯން ތިނެއްގައި އޮތީ ކ. ވ. އއ އަދި އދ އެވެ. ޒޯން ތިނެއްގައި އޮތީ މ. ފ އަދި ދ އެވެ. ޒޯން ފަހެއްގައި އޮތީ ތ، ލ އެވެ. ޒޯން ހައެއްގައި އޮތީ ގއ އާއި ގދ އެވެ. އަދި ޒޯން ހަތެއްގައި އޮތީ އައްޑޫ އާއި ފުވައްމުލަކެވެ.

"ހަތް ޒޯނުގެ ޗެމްޕިއަނުންނަށް ކުޅެވޭނެ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފައިނަލް ރައުންޑްގައި. މިހާރު މި އޮތްގޮތުން ޖޫން މަހާ ހަމައަށް ނިމިފައި އޮތް ޒޯންތަކަށް މި ފަހަރުގެ އެސޯސިއޭޝަން ކަޕްގައި ކުޅެވޭނީ،" ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވިދާޅުވި އެވެ. " ޖޫންގެ ކުރިން އަތޮޅުތަކުން ނިންމަންޖެހޭނެ. އަތޮޅަށް ދޭން ޖެހޭ ހުރިހާ ސަޕޯޓެއް، ވީއޭއެމާއި ޔޫތު މިނިސްޓްރީން ދޭނެ،"

ކުޅުންތެރިންނަށް ފުރުސަތު އޮތީ ކިހިނެއް؟

ވީއޭއެމުން އެކުލަވާލާފައިވާ އަތޮޅު މުބާރާތުގައި ކުޅުންތެރިންނަށް ކުޅެވުމުގެ އުސޫލަށް ބަލާއިރު، އަތޮޅު މުބާރާތުގައި ކުޅުންތެރިއަކަށް ކުޅެވޭނީ އެ ކުޅުންތެރިއަކު ރަޖިސްޓްރީވެފައިވާ އަތޮޅެއްގެ ރަށަކަށެވެ. އަންހެނުން ނިސްބަތްވާ ރަށް ކަމުގައި ވިޔަސް އެ ކުޅުންތެރިއަކު ރަޖިސްޓްރީވެފައި ނެތް އަތޮޅަކަށް ނުކުޅެވޭނެ އެވެ.

އެހެން ނަމަވެސް ޒޯން މުބާރާތުގައި ކުޅުންތެރިންނަށް ފުރުސަތު އިތުރު ކުރުމާއި މުބާރާތުގެ ތެރެއިން ޓްރާންސްފާ އާއި އެހެނިހެން ފޯރި ވެސް ވަރުގަދަ ކުރުމުގެ ބޭނުމުގައި ކޮންމެ ޓީމަކަށް ވެސް އެ އަތޮޅަކަށް ނިސްބަތްނުވާ ޒޯނަކުން އެއް ކުޅުންތެރިއަކު ޓީމުގައި ހިމެނޭނެ އެވެ. މާނަ އަކީ ފުރުސަތު ލިބޭ ކުޅުންތެރިންނަށް ޒޯން ބުރުގައި ގިނަ ވެގެން ދެ ޓީމަށް ކުޅުމުގެ ޖާގަ އޮތުމެވެ. އެއް ކުޅުންތެރިއަކަށް ގިނަވެގެން ކުޅެވޭނީ ދެ ޒޯނުގަ އެވެ.

މީގެ އިތުރުން ޒޯން މުބާރާތުގައި އެ ޒޯނަކަށް ނިސްބަތްވާ ކޮންމެ ކުޅުންތެރިއަކު ވެސް ޓީމުގައި ހިމެނުމުގެ ފުރުސަތު އޮންނާނެ އެވެ. މިސާލަކަށް ޒޯން އެކެއްގެ ޗެމްޕިއަން ޓީމަށް އެ ޒޯނުގެ ކޮންމެ ރަށަކުން ވެސް ކުޅުންތެރިއަކު ނެގިދާނެ އެވެ. އެކަމަކު، އެ ޒޯނުން ބޭރުން ޖެހޭނީ އެންމެ ކުޅުންތެރިއެކެވެ.

"އޭރަށް މުބާރާތުގެ ފޯރި ވެސް ގަދަވެ، ގައުމީ ޓީމުގެ ކުޅުންތެރިންނަށް ކުޅެލަން ލިބޭ ފުރުސަތު އިތުރުވާނެ ކަމަށް މި ބަލަނީ،" ރަނޭ ވިދާޅުވި އެވެ.

އަތޮޅު މުބާރާތަކީ ރާއްޖޭގައި ވަރަށް ފޯރިގަދަކޮށް ކުރިއަށްދާ މުބާރާތަކަށް ވީހިނދު އަލުން އެ ފޯރި ގެނެސް ރާއްޖޭގެ ވޮލީ އަށް ރަނގަޅު ކުރިމަގެއް ހޯދައިދިނުމަކީ ވީއޭއެމް އިން މި މުބާރާތް އަލުން ފައްޓަން ބޭނުންވި އެންމެ ބޮޑު ސަބަބެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ރަށު ފެންވަރުގައި އަދި އަތޮޅު ލެވަލްގައި ފޯރިގަދަ ވޮލީބޯޅަ މުބާރާތްތައް ކުރިއަށް ގެންދެ އެވެ. އަދި ބޮޑު އަގު ދީފައި ރާއްޖޭގެ މަޝްހޫރު ކުޅުންތެރިން ވެސް އެ މުބާރާްތްތަކުގައި ކުޅެން ގެންދެ އެވެ.

މިހާރު ރޭވިފައި އޮތް ގޮތުން އެސޯސިއޭޝަން ކަޕްގެ ޕްރިލިމިނަރީ ބުރުގައި ރަޖިސްޓްރީވެފައިވާ ކޮންމެ ޖަމިއްޔާ އަކަށް ވެސް ބައިވެރިވެވޭނެ އެވެ. ރަށްރަށުގެ ޓީމުތަކަށް ވެސް އެސޯސިއޭޝަން ކަޕްގެ ޕްރިލިމިނަރީ ބުރުގައި ވާދަކޮށްގެން ފައިނަލް ބުރަށް ހޮވެންވީ އެވެ.