Advertisement

ވޮލީބޯލް އެސޯސިއޭޝަންގެ ރައީސަކަށް މި ފަހަރު ވެސް ކުރިމަތިލެއްވީ ލަތީފް އެކަނި

24 މާރިޗު 2024 - 18:16 0


ވޮލީބޯލް އެސޯސިއޭޝަންގެ ރައީސަކަށް މި ފަހަރު ވެސް ކުރިމަތިލެއްވީ ލަތީފް އެކަނި

24 މާރިޗު 2024 - 18:16 0

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން މި މަހު ބާއްވަން ނިންމާފައިވާ އިންތިހާބުގައި ހުސްވެފައިވާ އެ އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް މި ފަހަރު ހުޅުވާލި ފުރުސަތުގައި ވެސް ކުރިމަތިލައްވާފައިވާ ހަމައެކަނި، ފަރާތަކީ ކުރީގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ) ކަމަށް އެސޯސިއޭޝަނުން ބުނެފި އެވެ.

މީގެ ކުރިން، އެސޯސިއޭޝަނުން، މި މަހު 15 ވަނަ ދުވަހު، ބާއްވަން އިއުލާނުކުރި އިންތިހާބުގައި ވެސް ވާދަކުރަން ކެންޑިޑެސީ ހުށަހެޅީ ވެސް ލަތީފް އެކަންޏެވެ.

މި ފަހަރުގެ އިންތިހާބުގައި ވެސް ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލާން ހުށަހަޅާފައިވަނީ ލަތީފްގެ ޓީމުންނެވެ.

އެ އިންތިހާބު، މި މަހު 19 އަށް ފަސްކޮށްގެން ވެސް ނުބޭއްވުނީ ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް، އޭރު ވީއޭއެމް އިން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބަލައިނުގަންނަން ނިންމުމުންނެވެ. އޭގެ ފަހުން، ވީއޭއެމް އިން ވަނީ ކޮމިޝަނާ އޮފް ސްޕޯޓްސްއާ އެކު ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި، ވީއޭއެމްގެ އޮޑިޓްގެ މަސައްކަތް ކުރަަން މުހުލަތެއްދިނުމަށް ފަހު، ގާނޫނީ ގޮތުން ދެން ފުރިހަމަވާން ޖެހޭ ކަންކަން ވެސް ފުރިހަމަކޮށް، ހުސްވެފައިވާ ހިންގާ ކޮމިޓީގެ މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރުމުގެ ފުރުސަތު ދޭން ކޮމިޝަނާ އޮފް ސްޕޯޓްސް، ތޮލާލް ނިންމެވި އެވެ.

އެއާ އެކު، ވޮލީބޯލް އެސޯސިއޭޝަނުން ކުރިން އިންތިހާބު ބާއްވަން ނަން ހުށަހަޅަން ކުރި އިއުލާނު ބާތިލްކޮށް، މި މަހު 26 ވަނަ ދުވަހު އިންތިހާބެއް ބާއްވަން އިއުލާނުކުރި އެވެ. އަދި ކުރިމަތިލުމުގެ ފުރުސަތު އިއްޔެގެ 14:00ގެ ނިޔަލަށް ހުޅުވާލި އެވެ. އެ މުއްދަތުގައި މަގާމުތަކަށް ކުރިމަތިލީ ހަމަ ކުރިން ވެސް ކުރިމަތިލި ފަރާތްތަކުންނެވެ.

ކުރިއަށް އޮތް ވީއޭއެމްގެ އިންތިހާބުގައި މަގާމުތަކަށް ހުށަހަޅާފައިވާ ނަންތައް


* ރައީސް: މުހައްމަދު ލަތީފް * ސީނިއާ ނައިބު ރައީސް: މުހައްމަދު ސާޖިދު (ބޮޑުކާއްޓެ) * ނައިބު ރައީސް ވޮލީބޯލް: އަލީ ލަތީފް * ނައިބު ރައީސް އިދާރީ: އިއްޒަތު ވަހީދު * ނައިބު ރައީސް އަންހެން: އާއިދާ އަބްދުލް ހަކީމް * ހިންގާ ކޮމިޓީ މެމްބަރު: ފަތުހުﷲ ވަހީދު (ފައްލޯ) * ހިންގާ ކޮމިޓީ މެމްބަރު: ސޮފްވާން އަހުމަދު * ހިންގާ ކޮމިޓީ މެމްބަރު: ޝިޔާމް އަލީ * ހިންގާ ކޮމިޓީ މެމްބަރު/އަންހެން: އައިޝަތު ފަތީނަތު

ވޮލީ އެސޯސިއޭޝަނުން އެންމެ ފަހުން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި، އަސާސީ ގަވާއިދު ފާސްކުރުމަށް ފަހު، ދެން ވަނީ ގަރާރެއް ވެސް ފާސްކޮށްފަ އެވެ. އެ ގަރާރު މެދުވެރިކޮށް، އާ އަސާސީ ގަވާއިދުގައިވާ ބައެއް މަގާމުތަކަށް މީހުން ވަނީ "މައިގްރޭޓް" ކޮށްފަ އެވެ.

މި ފަހަރުގެ އިންތިހާބުގައި ވޮލީ އެސޯސިއޭޝަންގެ މި މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރެވޭނީ، މިހާރު ހިނގަމުންދާ ހިންގާ ކޮމިޓީގެ ދައުރުގެ ބާކީ މުއްދަތަށެވެ. އެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ އެއް ވަނަ ދުވަހަށެވެ.

ވޮލީ އެސޯސިއޭޝަންގެ ރައީސްގެ މަގާމު ހުސްވީ، ދައުރުގައި ބާކީ އެއް އަހަރު އޮއްވައި، މުހައްމަދު ރަނޭޝް (ރަނޭ) އިސްތިއުފާ ދިނުމުންނެވެ.

ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ރައީސް ކަމަށް ދެ ވަނަ ދައުރަކަށް އިންތިހާބުވި ލަތީފް ވަނީ، 2016-2019 އަށް ވީއޭއެމްގެ ރައީސްގެ މަގާމު ފުރުއްވައިފަ އެެވެ.

ލަތީފް އަތުން ވޮލީ އެސޯސިއޭޝަންގެ ރައީސްގެ މަގާމު ގެއްލުނީ، ކުރީގެ ކޮމިޝަނާ އޮފް ސްޕޯޓްސް، ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ)، ވޮލީ އެސޯސިއޭޝަންގެ މައްސަލައެއް ބަަލައި، އޭރު އޮތް ލަތީފްގެ ހިންގާ ކޮމިޓީ އުވާލައި، އެސޯސިއޭޝަން އިންޓަރިމް ހާލަތަކަށް ގެންނަން ނިންމުމުންނެވެ. އޭގެ ފަހުން، ވޮލީގެ އިދާރީ ހިންގުން މައްސަލަތަކެއްގެ ތެރޭގައި އޮތުމަށް ފަހު، ވޮލީ އެސޯސިއޭޝަން އިންތިހާބެއް ބާއްވައި، ރަނޭ ރައީސްގެ މަގާމަށް އިންތިހާބުވީ، 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގަ އެވެ.