Advertisement

"ބޮން ތޫފާނުގައި" އެމެރިކާ ސްނޯއިން ރަޖާ އެޅިފައި

8 ޖަނަވަރީ 2022 - 13:19 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެރިކާގެ ބޮސްޓޮންގައި މީހަކު ކުއްތާއެއް އުފުއްލާލައިގެން ދަނީ. -- ފޮޓޯ: އީޕީއޭ


"ބޮން ތޫފާނުގައި" އެމެރިކާ ސްނޯއިން ރަޖާ އެޅިފައި

8 ޖަނަވަރީ 2022 - 13:19 0

ނިއު ޔޯކް، އެމެރިކާ (ޖެނުއަރީ 7) - "ބޮން ތޫފާނު"ގެ ގޮތުގައި ނިސްބަތް ކުރާ ފިނި މޫސުމުގެ ތޫފާނެއް ލައްވާލައި، އިރުއުތުރު އެމެރިކާގެ އެކި ހިސާބުތަކަށް ބޯކޮށް ސްނޯ ފޭބުމާ ގުޅިގެން ސްކޫލުތައް ބަންދުކޮށް އެތައް ސަތޭކަ ފްލައިޓް ކެންސަލްކޮށްފި އެވެ.

މީޓިއޮރޮލޮޖިސްޓުން ބުނާ ގޮތުގައި ބޮން ތޫފާނަކީ ފިނި މޫސުމުގައި އަންނަ ބާރުގަދަ ތޫފާނެކެވެ. އެގޮތަށް ދިމާވަނީ 24 ގަޑިއިރުގެ ތެރޭގައި އެއާ ޕްރެޝާ 24 މިލިބާ އަށް ވުރެ ދަށަށް ވެއްޓުމުންނެވެ. އެއާ އެކު ގަދަ ވައި ޖެހި ބޯކޮށް ސްނޯ ފައިބަ އެވެ.

ތޫފާނުގައި ސްނޯ ފައިބަމުންދާ ތަންތަނުގެ ތެރޭގައި ކެންޓަކީ، ނޭޝްވިލް، ޓެނެއްސީ، ވާޖިނިއާ އަދި ވޮޝިންޓަން ހިމެނެ އެވެ. މިހާރު ތޫފާނުގެ މިސްރާބު ހުރީ އެޓްލާންޓިކް ކަނޑާ ދިމާލަށެވެ.

"އައްސޭރިފަށާ ކައިރީގައި މި ތޫފާނު އިތުރަށް ވަރުގަދަވެއްޖެ ނަމަ، އިރުމަތީ އައްސޭރިފަށުގައިވާ ސިޓީތަކަށް ވަރަށް ބޮޑަށް އަސަރު ކުރާނެ،" އެކިޔުވެދާގެ މީޓިއޮރޮލޮޖިސްޓް ޓޮމް ކައިންސް އޭއެފްޕީ އަށް ވިދާޅުވި އެވެ.

ނޭޝަނަލް ވެދާ ސާވިސް އިން ބުނި ގޮތުގައި ނިއު ޔޯކް ސިޓީގެ ލަ ގާޑިއާ އެއާޕޯޓަށް 20 ސެންޓިމީޓަރުގެ ސްނޯ ފައިބާފައި ވެ އެވެ. އެ އެއާޕޯޓުން ދަތުރު ކުރަން ޝެޑިއުލްކޮށްފައިވާ 340 ފްލައިޓް ވަނީ ކެންސަލްކޮށްފަ އެވެ.

ނިއު ޔޯކްގައި މަގުމަތިން ސްނޯ ސާފުކުރަނީ. -- ފޮޓޯ: އޭއެފްޕީ


ކައިރީގައި ހުންނަ ޖޭއެފްކޭ އެއާޕޯޓުން 220 ފްލައިޓް އަދި ބޮސްޓޮންގައި ހުންނަ ލޯގަން އިންޓަނޭޝަނަލް އެއާޕޯޓުން 250 ފްލައިޓް ކެންސަލްކޮށްފައި ވެ އެވެ.

ނޭޝަނަލް ވެދާ ސާވިސް އިން ބުނީ މިހާތަނަށް އެންމެ ގިނައިން ސްނޯ ފައިބާފައި ވަނީ ކެނެޑާއާ ގުޅޭ ބޯޑަރު ކައިރިން ޗީކްޓޮވާގާ އަށް ކަމަށެވެ. އެ ތަނަކަށް 45 ސެންޓިމީޓަރުގެ ސްނޯ ފައިބާފައި ވެ އެވެ.

މެސެޗުސެޓްސްގެ ސްކޫލުތައް ބަންދު ކުރި ނަމަވެސް ނިއު ޔޯކް ސިޓީ އިން ނިންމީ ކިޔެވުން ކުރިއަށް ގެންދިޔުމަށެވެ. އެއީ ކޮވިޑާ ހެދި މީގެ ކުރިން ވެސް ގިނަ ދުވަސްތަކެއް ވަންދެން ސްކޫލު ބަންދު ކުރަން ޖެހުމުން ކަމަށް އެ ސިޓީ އިން ބުންޏެވެ.