Advertisement

އަންހެނުންނަށް އަނިޔާކުރުމަށް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރޭ: އެޗްއާރްސީއެމް

5 ޖަނަވަރީ 2022 - 09:22 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ރަށެއްގެ އަތިރިމަތީ އަންހެނުންތަކެއް އިށީންދެލައިގެން: ރުގްޔާ ކުރުމުގެ ނަމުގައި އެކި ކަހަލަ އަނިޔާ ކުރާ މައްސަލަ އަބަދުވެސް ރާއްޖޭގައި ފެންމަތިވޭ-- ފޮޓޯ: ހުސެން ވަހީދު / އަދަދު


އަންހެނުންނަށް އަނިޔާކުރުމަށް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރޭ: އެޗްއާރްސީއެމް

5 ޖަނަވަރީ 2022 - 09:22 0

އަންހެނުންނަށް އަނިޔާ ކުރުމަށް ދީން ހަތިޔާރަކަށް ބޭނުންކުރާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އެޗްއާރްސީއެމުން ނެރުނު އެ ކޮމިޝަނުގެ މިދިޔަ އަހަރުގެ ރިޕޯޓުގައި ބުނެފައިވަނީ އަންހެނުންގެ ހައްގުތަކާއި މިންތީގެ ހަމަހަމަކަން މުޖުތަމައު ބަލައިގަންނަ މިންވަރު ދަށްވެފައިވާ ކަމަށެވެ.

އެގޮތުން އަންހެނުންގެ ހައްގުތަކާއި މިންތީގެ ހަމަހަމަކަން ގާއިމު ކުރުމަށް ކުރާ މަސައްކަތަށް ހުރަސްއެޅުމަށް ދީން ބޭނުންކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ. އަދި އަންހެނުންނަށް އަނިޔާކުރުމަށް ދީން ހަތިޔާރެއްގެ ގޮތުން ބޭނުންކުރާ ކަމަށްވެސް އެޗްއާރްސީއެމުން ފާހަގަކޮށްފައިވެ އެވެ.

އެ ރިޕޯޓުގައި ބުނީ ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން ކުޑަކަން ފާހަގަވެފައިވާ ކަމަށެވެ.

ހަމަހަމަކަން ގާއިމުކޮށް އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަގުފަހިވާ ގޮތަށް ގާނޫނީ އޮނިގަނޑު ފަރުމާކުރެވިފައި އޮތް ނަމަވެސް އެކަން ތަންފީޒު ކުރުމަށް އެކަށީގެންވާ މަސައްކަތެއް ތަންފީޒީ އިދާރާތަކުން ކޮށްފައިނުވާ ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އަންހެނުންނަށް އަނިޔާ ކުރުމަށް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރާ ކަމަށް އެޗްއާރްސީއެމުން ބުނެފައި ވާއިރު، ރުގްޔާކުރުމުގެ ނަމުގައި އެކި ކަހަލަ އަނިޔާ ކުރާ މައްސަލަ އަބަދުވެސް ރާއްޖޭގައި ފެންމަތިވެ އެވެ. މިފަދަ މައްސަލަތަކުގެ ޝިކާރައަކަށް ގިނަފަހަރު ވަނީ ވެސް އަންހެނުންނާއި ކުޑަކުދިންނެވެ. އަދި ފެންމަތިވާ ގިނަ މައްސަަލަތަކުގައި އަންހެނުންނާއި ކުޑަކުދިންނަށް ހުންނަނީ ޖިންސީ އަނިޔާކޮށްފަ އެވެ.

ރުގްޔާ ކުރުމުގެ ނަމުގައި އުމުރުން 30 އަހަރުގެ އަންހެނަކާއި އޭނާގެ ހަތް އަހަރުގެ ކުޑަ ދަރިއެއް ގޭގައި ތިން މަސް ވަންދެން ބަންދުކޮށް ލާއިންސާނީ ތަފާތު އަނިޔާތަކެއް ދިން މައްސަލައެއް 2020 ވަނަ އަހަރު ވަނީ ފެންމަތިވެފަ އެވެ.

އޭގެ އިތުރުން ހަމަ ރުގްޔާ ކުރުމުގެ ނަމުގައި އޮޅުވާލައިގެން ވަރަށް ގިނަ ބަޔަކަށް އެކި ކަހަލަ ގެއްލުން ދެމުން އައި މީހަކު ފުލުހުން ވަނީ މީގެ ކުރިން އަތުލައިގަނެފަ އެވެ. އޭނާގެ ނަމާއި ފޮޓޯ އާންމުކޮށް ޝިކާރައަކަށްވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ވެސް ފުލުހުން ކުރި އެވެ.

އެކަން ކޮންޓްރޯލް ކުރުމަށް ރުގްޔާ ކުރުން ރެގިއުލޭޓް ކުރުމާ ބެހޭ ގަވާއިދެއް ތައްޔާރު ކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.