Advertisement

ހާލުގައި ޖެހިފައި އޮތް ރޮހިންޔާ ރެފިއުޖީންގެ ބޯޓެއް އިންޑޮނީޝިއާއަށް ނުވައްދާ ފޮނުވާލައިފި

29 ޑިސެންބަރު 2021 - 14:26 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިންޑޮނީޝިއާ އަށް އެތެރެވާން މަސައްކަތް ކުރި ރޮހިންޔާ ރެފިއުޖީންގެ ބޯޓު. -- ފޮޓޯ: ޖަކާޓާ ޕޯސްޓް


ހާލުގައި ޖެހިފައި އޮތް ރޮހިންޔާ ރެފިއުޖީންގެ ބޯޓެއް އިންޑޮނީޝިއާއަށް ނުވައްދާ ފޮނުވާލައިފި

29 ޑިސެންބަރު 2021 - 14:26 0

ޖަކާޓާ، އިންޑޮނީޝިއާ (ޑިސެމްބަރު 29) - ހާލުގައި ޖެހުނު ރޮހިންޔާ ރެފިއުޖީންގެ ބޯޓެއް އިންޑޮނީޝިއާއަށް އެތެރެވިޔަ ނުދީ މެލޭޝިއާއަށް ފޮނުވާލައިފި އެވެ.

ފިތި ބާރުވެފައިވާ ކުޑަ ލަކުޑި ބޯޓެއްގައި 100 އަށް ވުރެ ގިނަ މީހުން ތިބި އިރު، އޭގެ ތެރޭގައި ގިނަ އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެ އެވެ.

ބޯޓުގައި ތިބި ރެފިއުޖީންނަށް އިންޑޮނީޝިއާ އިން ރައްކާތެރިކަން ފޯރުކޮށްދޭން އދ. އާއި އެހެން ޖަމިއްޔާތަކުން ގޮވާލި ނަމަވެސް ނިންމާފައި ވަނީ އަނބުރާ ފޮނުވާލުމަށެވެ.

އިންޑޮނީޝިއާ އިން ބުނީ ބޯޓު އަނބުރާ ފޮނުވާލީ އަންނައުނާއި، ތެޔޮ، ކާބޯތަކެތި ދިނުމަށް ފަހު ޓެކްނިކަލް އެހީތެރިއަކާ އެކު ބޯޓު މަރާމާތު ކުރުމަށް ފަހު ކަމަށެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ އެ މީހުން ރާވާފައިވާ ގޮތަށް، އަޅުގަނޑުމެން ފޯރުކޮށްދިން ސަޕްލައިއާ އެކު އެ މީހުންނަށް ރައްކާތެރިކަމާ އެކު މެލޭޝިއާ އަށް ދެވުން،" އާޗޭ ސަރަހައްދުގެ ފުލުހުން ބުންޏެވެ.

"އެ މީހުންގެ މަންޒިލަށް ދެވެންދެން މޮނީޓާ ކުރަމުން ދާނަން."

އެ ބޯޓު އެންމެ ފުރަތަމަ ފެނުނީ މީގެ ދެ ދުވަސް ކުރިން އިންޑޮނީޝިއާގެ އައްސޭރިފަށާ 70 ނޯޓިކަލް މޭލު ދުރުން ހާލުގައި ޖެހިފައި އޮއްވަ އެވެ.

އަވައްޓެރި މެލޭޝިއާ އާއި ތައިލޭންޑާ ހިލާފަށް، އިންޑޮނީޝިއާ އިން އާޢްމު ގޮތެއްގައި ހާލުގައި ޖެހިގެން އަންނަ ރެފިއުޖީންނަށް ރައްކާތެރިކަން ފޯރުކޮށްދެ އެވެ.

ނަމަވެސް މި ފަހަރު އެ ގޮތަށް އަމަލު ކުރުމުން ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް، އެފަދަ ބޯޓެއްގައި ތިބި ބަޔަކަށް އެތެރެވުމުގެ ހުއްދަ ދޭން ޖެހޭނެ ކަމަށް ބުނެފަ އެވެ.

ބުދިސްޓުންގެ މެޖޯރިޓީ އޮންނަ މިޔަންމާގައި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގި ގާތުލުއާއްމުގެ ސަބަބުން ގިނަ ބަޔަކު ވަނީ އެ ގައުމު ދޫކޮށް، ރެފިއުޖީންގެ ގޮތުގައި ކައިރި ގައުމުތަކަށް އެތެރެވެފަ އެވެ.

އެގޮތުން މިދިޔަ އަހަރު އެތައް ސަތޭކަ ރޮހިންޔާ ބަޔަކު އިންޑޮނީޝިއާ އަށް އެތެރެވި އެވެ. ނަމަވެސް އަވައްޓެރި މެލޭޝިއާގައި 100،000 އަށް ވުރެ ގިނަ ރޮހިންޔާ މީހުން ދިރިއުޅޭތީ، އިންޑޮނީޝިއާގައި ތިބި ގިނަ ރެފިއުޖީން ވެސް ވަނީ މެލޭޝިއާ އަށް ހިޖުރަކޮށްފަ އެވެ.