Advertisement

ފަހި ދިރިއުޅުމުން އަޅާ މިކްސްޑް ރެޒިޑެންޝަލް ޓަވަރުތަކުގެ އެޑްވާންސް ފައިސާ ދައްކައިފި

29 ޑިސެންބަރު 2021 - 13:33 0

އަމަން ހަލީމް

އަމަން ހަލީމް

ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ އެމްޑީ ސަލަފިއްޔާ އަންވަރު އެންބީސީސީ އެއްބަސްވުމުގައި ސޮއިކުރައްވަނީ: އިންޑިއާ އެގްޒިމް ބޭންކުން ލޯނު ނަގައިގެން ހިންގާ މި ޕްރޮޖެކްޓުގެ ދަށުން 2000 ހައުސިން ޔުނިޓު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާނެ. -- ފޮޓޯ: ފަހި ދިރިއުޅުން ކޯޕަރޭޝަން


ފަހި ދިރިއުޅުމުން އަޅާ މިކްސްޑް ރެޒިޑެންޝަލް ޓަވަރުތަކުގެ އެޑްވާންސް ފައިސާ ދައްކައިފި

29 ޑިސެންބަރު 2021 - 13:33 0

މި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭން ގެންގުޅޭ މިކްސްޑް ރެޒިޑެންޝަލް މޮޑެލްއަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 4000 ހައުސިން ޔުނިޓުގެ އެޑްވާންސް ފައިސާ ދައްކައިފި އެވެ.

އިންޑިއާގެ އެންބީސީސީ އާއި ޖޭއެމްސީއާ ހަވާލުކޮށްގެން އެފްޑީސީން ހިންގާ މި ހައުސިން މަޝްރޫއުތައް ފަންޑުކުރަނީ އިންޑިއާ އެގްޒިމް ބޭންކު މެދުވެރިކޮށް ނަގާފައިވާ ލޯނަކުންނެވެ. ސަރުކާރުގެ ސޮވަރިން ގެރެންޓީ ލިބިފައިވާ މި ލޯނު އެއްބަސްވުންތަކުގައި ސޮއިކުރީ ސެޕްޓެމްބަރު މަހު އެވެ.

އެފްޑީސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ޖޭއެމްސީ ޕްރޮޖެކްޓްސް އަށް އެޑްވާންސް ފައިސާ ދެއްކީ ޑިސެމްބަރު 9 ގައި ކަމަށާއި އެންބީސީސީ އަށް އެޑްވާންސް ފައިސާ ދެއްކީ ޑިސެމްބަރު 15 ގައި ކަމަށެވެ. އެކަމަކު އެއީ ކިހާ އަދަދެއްގެ ފައިސާ ކަމެއް އެ ކޯޕަރޭޝަނުން ނުބުނެ އެވެ.

މި ޕްރޮޖެކްޓުތަކުގެ ތެރެއިން ޖޭއެމްސީއާ ހަވާލުކޮށްގެން އަޅާ 2000 ހައުސިން ޔުނިޓަށް 139 މިިލިއަން ޑޮލަރު އަދި އެންބީސީސީއާ ހަވާލުކޮށްގެން އަޅާ 2000 ހައުސިން ޔުނިޓަށް 130 މިލިއަން ޑޮލަރު ހަރަދުވާނެ އެވެ. އެއީ ދިވެހި ފައިސާއިން ނަމަ 4.1 ބިލިއަން ރުފިޔާ އެވެ.

އެންބީސީސީ 2000 ހައުސިން ޔުނިޓު ޕްރޮޖެކްޓު

އިންޑިއާ ސަރުކާރު ހިއްސާވާ އެންބީސީސީން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2000 ހައުސިން ޔުނިޓު އަޅަން އިންޖިނިއަރިން، ޕްރޮކިޔުމަންޓް އެންޑް ކޮންސްޓްރަކްޝަން ކޮންޓްރެކްޓެއްގައި ސޮއިކުރީ މި އަހަރުގެ ފެބްރުއަރީ 2 ގަ އެވެ.

  • ޕްރޮޖެކްޓުގެ އަގަކީ 130 މިލިއަން ޑޮލަރު (2 ބިލިއަން ރުފިޔާ)
  • އުސްމިނުގައި 17 އަދި 18 ފަންގިލާގެ ތިން ލިފްޓު ހުންނަ 16 ޓަވަރު
  • ތިން ކޮޓަރި އާއި ދެ ކޮޓަރީގެ އެޕާޓްމަންޓުތައް
  • ތިން ކޮޓަރީގެ 1400 ޔުނިޓު، ސައިޒަކީ 900 އަކަފޫޓު
  • ދެ ކޮޓަރީގެ 600 ޔުނިޓު، ސައިޒަކީ 650 އަކަފޫޓު

އެންބީސީސީއާ ވެވުނު އެއްބަސްވުމުގެ ދަށުން މަސައްކަތް ފަށާތާ 900 ދުވަހުގެ ތެރޭގައި ޕްރޮޖެކްޓު ނިންމާލަން ޖެހެ އެވެ.

މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް އަދި ނުފެށުނު ނަމަވެސް، ވަރަށް އަވަހަށް އެ މަސައްކަތް ފެށޭނެ ކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަނުން ބުނެ އެވެ. މިހާރު ލަފާކުރަނީ 2024 ވަނަ އަހަރުގެ ތެރޭގައި ޕްރޮޖެކްޓު އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

ޖޭއެމްސީ ޕްރޮޖެކްޓްސް 2000 ހައުސިން ޔުނިޓް ޕްރޮޖެކްޓް

ޖޭއެމްސީ ޕްރޮޖެކްޓްސް އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2000 ހައުސިން ޔުނިޓު އަޅަން އިންޖިނިއަރިން، ޕްރޮކިޔުމަންޓް އެންޑް ކޮންސްޓްރަކްޝަން ކޮންޓްރެކްޓެއްގައި ސޮއިކުރީ މި އަހަރުގެ މާޗު 8 ގަ އެވެ.

  • ޕްރޮޖެކްޓުގެ އަގަކީ 139 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ)
  • އުސްމިނުގައި 17 އަދި 18 ފަންގިލާގެ ތިން ލިފްޓު ހުންނަ 16 ޓަވަރު
  • ތިން ކޮޓަރި އާއި ދެ ކޮޓަރީގެ އެޕާޓްމަންޓުތައް
  • ތިން ކޮޓަރީގެ 1400 ޔުނިޓު، ސައިޒަކީ 900 އަކަފޫޓު
  • ދެ ކޮޓަރީގެ 600 ޔުނިޓު، ސައިޒަކީ 650 އަކަފޫޓު

ޖޭއެމްސީއާ ވެވުނު އެއްބަސްވުމުގެ ދަށުން މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފަށާތާ ތިން އަހަރާ މަސް ދުވަހުގެ ތެރޭގައި ޕްރޮޖެކްޓު ނިންމާލަން ޖެހެ އެވެ.

މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ވެސް ނުފަށާއިރު، އެފްޑީސީން ބުނަނީ މި ޕްރޮޖެކްޓު ވެސް 2024 ވަނަ އަހަރުގެ ތެރޭގައި ނިމޭނެ ކަމަށެވެ. މިހާރު ކުރިޔަށް ދަނީ ޓަވަރުތަކުގެ ޑިޒައިނިން މަރުހަލާ އެވެ.

މިކްސްޑް ރެސިޑެންޝަން މި ޓަވަރުތަކުގައި މަތީ ފަންތީގެ ލަގްޒަރީ ޔުނިޓުތަކާއި، ސޯޝަލް ހައުސިން ޔުނިޓުތަކާއި ނިކަމެތިންނަށް ދޫކުރާ ކައުންސިލް ހައުސިން ޔުނިޓުތައް ވެސް ހިމެނޭނެ އެވެ.

އަދި، މިހާރު ހުޅުމާލޭގައި އަޅާ ގިނަ ޓަވަރުތަކުގައި ހުންނަހެން، ތިރީ ފަންގިފިލާ އާއި ފުރަތަމަ ފަންގިފިލާގައި ހުންނާނީ މި ޓަވަރުތަކުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ހިދުމަތްތަކަށް ހާއްސަކުރެވޭ ރީޓެއިލް ޔުނިޓުތަކާއި ޕާކިން އެވެ.

މި ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ހާއްސަކޮށްގެން އުފެއްދި އެފްޑީސީން ދަނީ އިތުރު ޕްރޮޖެކްޓެއް ވެސް ފެށުމަށް ތައްޔާރުވަމުންނެވެ. އެއީ މާލެ-ތިލަފުށި ގުޅާލާ ބްރިޖު މަސައްކަތްކުރާ އަޝޯކާ ބިލްޑްކޮންއާ ގުޅިގެން ހިންގާ 2000 ޔުނިޓުގެ ސޯޝަލް ހައުސިން ޕްރޮޖެކްޓެކެވެ.