Advertisement

ކުޅުންތެރިން ރަށްރަށުގެ މުބާރާތްތައް ކުޅެން ދިއުމަކީ މައްސަލައެއް ނޫން: އިންމަ

24 ޑިސެންބަރު 2021 - 06:06 0

ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ މެޗުގެ ތެރެއިން ސަސްގެ ކޯޗު އިންމަ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ކުޅުންތެރިން ރަށްރަށުގެ މުބާރާތްތައް ކުޅެން ދިއުމަކީ މައްސަލައެއް ނޫން: އިންމަ

24 ޑިސެންބަރު 2021 - 06:06 0

ފުރަތަމަ ޑިވިޝަނުގެ ކުޅުންތެރިން ރަށްރަށުގައި އޮންނަ ފުޓްބޯޅަ މުބާރާތްތައް ކުޅެން ދިއުމަކީ ހަގީގަތުގައި ރަނގަޅު ކަމެއް ކަމަށާއި މައްސަލަ އަށް ދިމާވާ ސަަބަބަކީ ފުރަތަމަ ޑިވިޝަނާއި ރަށްރަށުގެ މުބާރާތްތައް އެއް ވަގުތެއްގައި ކުޅެން ޖެހޭ ފަދަ ހާލަތެއް މެދުވެރިވުން ކަމަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ) ބުނެފި އެވެ.

އާންމު ގޮތެއްގައި ޑިސެމްބަރު މަހަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ މުބާރާތްތައް ބާއްވާ ދުވަސްވަރެކެވެ. ގިނަ ރަށްރަށުން ބޮޑު އަގު ދީފައި ޓީމުތަކަށް ފުރަތަމަ ޑިވިޝަނާއި ގައުމީ ޓީމުގެ ކުޅުންތެރިން ގެންދެ އެވެ. ފަހަކަށް އައިސް ކުޅުންތެރިން ގިނަ ފަހަރު އަހަރު ދުވަހުގެ ބަޖެޓެއް ހަދަނީ ވެސް ރަށްރަށުގައި އޮންނަ މުބާރާތްތަކުން ލިބޭނެ އާމްދަނީ އަށް ބެލުމަށް ފަހު އެވެ.

ޕްރެޒިޑެންޓްސް ކަޕްގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންމަ ބުނީ ރަށްރަށުގެ މުބާރާތްތަކަށް ނަން މަޝްހޫރު ކުޅުންތެރިން ގޮސް ފުޓްބޯޅަ ޕްރޮމޯޓް ކުރުމަކީ ހަގީގަތުގައި ފުޓްބޯޅަ އަށް ވެސް ވަރަށް ރަނގަޅު ކަމެއް ކަމަށެވެ.

"ހާއްސަކޮށް އެންމެ ޓޮޕް ލެވަލްގައި ކުޅޭ ފުޓްބޯޅަ ކުޅުންތެރިން ރަށްރަށަށް ގެންގޮސްގެން އެ މީހުންގެ ހިތްހަމަ ޖެހުމަށް މުބާރާތް ޕްރޮމޯޓް ކުރުން މައްސަލައެއް ނޫން. އެކަމަކު މައްސަލަ އަކަށް ވަނީ ޑިސެމްބަރު މަހު ބޮޑެތި މުބާރާތްތައް ރަށްރަށުގައި ކުރިއަށް ގެންދިއުމާއި ލީގާ ދިމާވެގެން މި އުޅެނީ. އިރާދަކުރެއްވިއްޔާ މީތި މާ ގިނަ ދުވަހެއް ނުވެ ފޯމަކަށް އެޅޭނެ،" އިންމަ ބުންޏެވެ.

ފަަހަކަށް އައިސް ގިނަ ކުޅުންތެރިން ރަށްރަށުގެ މުބާރާތްތަކަށް ދާ އެއް ސަބަބަކީ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުން ބަރާބަރަށް މުސާރަ ނުދޭތީ އެވެ. މިދިޔަ ދެތިން ސީޒަނުގައި ކަންހިނގާފައި ހުރި ގޮތަށް ބަލާއިރު އެއީ ކަމަށް އިންމަ ވެސް އެއްބަސްވެ އެވެ.

އިންމަ ބުނީ މި ވަގުތަށް ބަލާއިރު ރަށްރަށުގެ މުބާރާތްތަކުގައި ކުޅެން ނިންމާފައިވާ ކުޅުންތެރިންތަކެއް ސަސްގައި ވެސް އެބަތިބި ކަމަށެވެ. އަދި ރަނގަޅު އުސޫލެއްގެ ތެރެއިން އެ ކުޅުންތެރިންނަށް އުނދަގޫ ނުވާނެހެން މެނޭޖް ކުރެވޭތޯ ބަލަމުން އަންނަ ކަމަށެވެ.

"އުނދަގޫތަކެއް އެބަހުރި. މި މުބާރާތް (ޕްރެޒިޑެންޓްސް ކަޕް) ފެއްޓުމުގެ ކުރިން (ކުޅުންތެރިން) އެއްބަސްވެފައި އިން އެއްބަސްވުންތަކެއް އެބައިން ރަށްރަހުގެ ޓީމުތަކާ. އަޅުގަނޑުމެންގެ މެޗާ ދިމާނުވާ ކަހަލަ ގޮތަކަށް މެނޭޖްކުރަމުން މިދަނީ. ފުދޭ ވަރަކަށް އުނދަގޫވާނެ. އުނދަގޫ ހާލަތެއްގައި ފައްޓައިގެން އުޅޭއިރު، އެ ކަހަލަ ގޮތަަކަށް ޕްލޭޔަރުންތަކެއް ތަންތަނަށް ދިއުން. އެ ކުދިންނަށް ވެސް އުނދަގޫ ނުވާގޮތަށް މެނޭޖްކުރަމުން މިދަނީ," އިންމަ ބުންޏެވެ.

ސަސް ވަނީ ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ މެޗުން މާޒިޔާ އަތުން 2-0 އިން ބަލިވެފަ އެވެ. އެ މެޗުގައި ސަސް އިން ރަނގަޅު ކުޅުމެއް ދެއްކި އެވެ.

މިއަދު ހަވީރު ޕްރެޒިޑެންޓްސް ކަޕްގައި ސަސް ކުޅޭ ދެ ވަނަ މެޗުގައި ނުކުންނާނީ ޓީސީއާ ދެކޮޅަށެވެ. ޒުވާން ކުޅުންތެރިންތަކެއް ގޮވައިގެން މި ސީޒަނުގައި ވާދަކުރާ ޓީސީން ވަނީ ފުރަތަމަ މެޗުގައި 1-0 އިން އީގަލްސް ބަލިކޮށްފަ އެވެ.

އިންމަ ބުނީ ސަސް އޮތީ ޓީސީ ޓީމަށް ބަލައިގެން މެޗު ފަސޭހަކޮށްލުމުގެ ވިސްނުމުގައެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން އަންޑައެސްޓިމޭޓެއް ނުކުރާނަން އިދިކޮޅަށް ނުކުންނަ ޓީމެއް. އަޅުގަނޑުމެން މި ތިބީ އިދިކޮޅަށް ނުކުންނަ ޓީމެއް އަންޑައެސްޓިމޭޓް ކޮށްގެން ފައިދާނެގޭނެ ވިސްނުމެއްގައި އަދި އެ ކަހަލަ ހާލަތެއްގައި އެއްވެސް ނޫން،" އިންމަ ބުންޏެވެ.

"އަޅުގަނޑު ގަބޫލުކުރަނީ އިދިކޮޅަށް ނުކުންނަ ކޮންމެ ޓީމަކީ ވެސް އަޅުގަނޑުމެންނާ ވާދަވެރި އަޅުގަނޑުމެންނަށް އުނދަގޫތަކެއް ވާނެ ދަނޑުމަތީގައި މަސައްކަތް ކޮށްގެން ނޫނީއްޔާ ކާމިޔާބު ނުލިބޭނެ ވަރުގެ ޓީމުތަކެއްގެ ގޮތުގައި"

ސަސް އިން ކޮންމެ މެޗަކަށް ވެސް ނުކުންނާނީ އިދިކޮޅަށް ނުކުންނަ ޓީމެއް ބަލައި އެ ޓީމަކާ ދެކޮޅަށް ނަތީޖާ ނެރެވޭ ގޮތަށް ޓީމު ރާވައިގެން ކަމަށް އިންމަ ވަނީ ބުނެފަ އެވެ.

ސަސް އާއި ޓީސީ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެވެ.