Advertisement

އާރަށް މައްސަލައިގަ ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުންތައް ފަށަނީ

23 ޑިސެންބަރު 2021 - 15:40 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ރައީސް ޔާމީން: ވ. އާރަށު މައްސަލައިގެ އަޑުއެހުމެއް އަންނަ މަހުގެ ދެވަނަ ދުވަހު ކްރިމިނަލް ކޯޓުގައި -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު ފައިލް ފޮޓޯ


އާރަށް މައްސަލައިގަ ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުންތައް ފަށަނީ

23 ޑިސެންބަރު 2021 - 15:40 0

ވ. އާރަށް ވިއްކާލައިގެން ލިބުނު ފައިސާ ލޯންޑާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި މަނީލޯންޑަރިން ދައުވާތަކުގެ ޝަރީއަތް ފެށުމަށް ކްރިމިނަލް ކޯޓުން ތައްޔާރުވެއްޖެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލްކޮށްފައި ވަނީ އަންނަ މަހުގެ ދެވަނަ ދުވަހަށް ކަމަށެވެ. އެދުވަހު އޮންނާނީ ޔާމީންގެ މައްޗަށް ކުރާ ދައުވާތައް ސާފުކޮށްދިނުން ކަމަށް އެ އޮފީހުން ބުނެ އެވެ.

މި މައްސަލާގައި ޔާމީންގެ މައްޗަށް އުފުލީ މަނީލޯންޑަރިންގެ ދައުވާގެ އިތުރުން ރިޝްވަތު ހިފުމުގެ ދައުވާ އެވެ. ޔާމީންގެ އިތުރުން މި މައްސަލާގައި ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލަ އެވެ. އޭނާގެ މައްޗަށް އުފުލީ ރިޝްވަތު ދިން ކަމުގެ ދައުވާ އެވެ.

ފުލުހުން ތުހުމަތުކޮށްފައިވާ ގޮތުގައި ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށް އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވެ އެވެ.

ގއ. ވޮޑަމުއްލާ މައްސަލައިގައި ޔާމީނަށް ކުރި ފަސް އަހަރުގެ ހުކުމް މިދިޔަ މަހު ސުޕްރީމް ކޯޓުން ބާތިލްކުރި ނަމަވެސް، އާރަށް މައްސަލައާއެކު ކްރިމިނަލް ކޯޓުގައި އެމަނިކުފާނުގެ މައްޗަށް ދައުވާކޮށްފައިވާ ދެ މައްސަލައެއް އެބަ އޮތެވެ. ދެން އޮތީ ފުއްގިރި މައްސަލަ އެވެ.

ފުއްގިރި މައްސަލައިގައި ދައުލަތުން ޔާމީންގެ މައްޗަށް ތުހުމަތުކުރަނީ، ފުއްގިރި، ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއަށް ކުއްޔަށް ދޫކުރުމުގައި އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް 2015 ވަނަ އަހަރު، 1.3 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި އެމަނިކުފާނު ނެންގެވި ކަމަށެވެ. އަދި އެ ފައިސާގެ ތެރެއިން 1.1 މިލިއަން ޑޮލަރު މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ދެ ކުންފުންޏެއް މެދުވެރިކޮށް ޔާމީންގެ ބޭންކް އެކައުންޓަކަށް ޖަމާކޮށް، ރިޝްވަތު ގަބޫލުކޮށްފައިވާ ކަމަށެވެ.

އެ ދައުވާގައި ދައުލަތުން އެދިފައިވަނީ ފުއްގިރި މައްސަލާގައި ހިޔާނާތްވެފައިވާ ކަމަށް ބުނާ 1،117،000 ޑޮލަރު ޔާމީންގެ އަތުން ހޯދުމަށެވެ. މިމައްސަލާގައި ވެސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ.