Advertisement

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ފެބްރުއަރީ މަހު ބާއްވަނީ

15 ޑިސެންބަރު 2021 - 15:55 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލީ މީހެއްގެ އިނގިލީގައި ފާހަގަ ޖަހަނީ. -ފައިލް ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ފެބްރުއަރީ މަހު ބާއްވަނީ

15 ޑިސެންބަރު 2021 - 15:55 0

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވަން ނިންމާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން މިއަދު ބުނެފި އެވެ.

އެ ދާއިރާގެ މަޖިލީހުގެ ގޮނޑި ހުސްވީ، މަޖިލީހުގައި އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ.

ކެންސަރުގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށް ހުސެއިން އަވަހާރަވީ އުމުރުން 53 އަހަރުގެ އިއްޔެ މާލޭ އޭޑީކޭ ހޮސްޕިޓަލުގަ އެވެ.

އިސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވެއްޖެ ކަމަށް މަޖިލީހުން މިއަދު އެންގުމާ ގުޅިގެން އެ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނިންމާފައިވާ ކަމަށެވެ.

އެ ދާއިރާގެ އިލެކްޝަން ބާއްވަނީ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު އެވެ.

ހުސެއިން ވަނީ 17 ވަނަ އަހަރު މަޖިލީހުގައި ވެސް ކޮމަންޑޫ ދާއިރާގެ މެމްބަރުކަންކުރައްވައިފަ އެވެ. މި ދައުރުގައި އޭނާ ވަނީ މާލިއްޔަތު ކޮމިޓީ އާއި އިމްތިޔާޒް ކޮމިޓީ އާއި ސުލޫކް ކޮމިޓީ އާއި ބަޖެޓު ދިރާސާކުރާ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިން ކޮމިޓީގައި މަސައްކަތްކުރައްވައިފަ އެވެ.

މިދިޔަ އަހަރުން ފެށިގެން ދުބާއީގައި ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯއްދެވުމަށް ފަހު ހުސައިން މާލެ ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި އަލުން ބައިވެރިވެވަޑައިގަންނަވަން ފެއްޓެވީ މި އަހަރުގެ މާޗު 29 ގަ އެވެ.

އެއަށް ފަހު، މާޗް 30 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގަ މަސްވެރިކަމުގެ ބިލަށް އޭނާ ވާހަކަ ދައްކަވަން ފެއްޓެވުމުގެ ކުރިން ވިދާޅުވީ ބޭސްފަރުވާ އަށް ރާއްޖޭން ބޭރުގައި ހޭދަ ކުރެއްވި ދުވަސްތަކުގައި ވަރަށް ގާތް ރައްޓެހިންނާއި ދާއިރާގެ އެކިއެކި ރައްޔިތުންނާއި ހެޔޮ އެދޭ އެތައް އިއްޒަތްތެރި މެމްބަރުންނެއް ގުޅުއްވައި ހާލު ބައްލަވަމުން ދިޔަ ކަމަށްޓަކައި އުފާ ކުރައްވާ ކަމަށެވެ. އެ ފަރާތްތަކަށް ޝުކުރު އަދާކުރެއްވެވި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ށ. އަތޮޅަށާއި ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ށ. ފޯކައިދޫން މަރުހަބާ ވިދާޅުވެ، އަދި ރަށުގައި ބޭއްވި ބައްދަލުވުންތަކުގައި އެ މަނިކުފާނުގެ އަރިހުގައި ވެސް ހުސައިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ހުސެއިން އަކީ މަޝްހޫރު ވިޔަފާރިވެރިއެއް ވެސް މެ އެވެ. އެގޮތުން ޓިމްބާ ހައުސް ޕްރައިވެޓް ލިމިޓެޑާއި ޔުނައިޓެޑް ފުޑް ސަޕްލައި ޕްރައިވެޓް ލިމިޑެޓުގައި އޭނާގެ ހިއްސާ އޮވެ އެވެ.

އަވަހާރަވިއިރު އޭނާގެ ފިރިހެން ބޭފުޅަކާއި ދެ އަންހެން ބޭފުޅުން އަދި އަނބިކަނބަލަކު ދުނިޔޭގައި އެބަ ތިއްބެވި އެވެ.