Advertisement

އަސްހަދަށް ދިން އަދަބު އެފްއޭއެމުން ދަމަހައްޓައިފި

15 ޑިސެންބަރު 2021 - 00:30 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ގައުމީ ޓީމުގެ މެޗެއްގެ ތެރެއިން އަސްހަދު އަލީ (އަޑޭ): އޭނާގެ ސަސްޕެންޝަން އިސްތިއުނާފް ކޮމިޓީން ވަނީ ދަމަހައްޓާފައި.-- ފޮޓޯ: އިމޭޖަސް.އެމްވީ


އަސްހަދަށް ދިން އަދަބު އެފްއޭއެމުން ދަމަހައްޓައިފި

15 ޑިސެންބަރު 2021 - 00:30 0

ސްރީ ލަންކާގައި ކުރިއަށްދިޔަ ފޯ ނޭޝަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި ސީޝެލްސް އާއި ރާއްޖެ އެއްވަރުވި މެޗުގައި ރާއްޖޭގެ މިޑްފީލްޑަރު އަދި ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ސީޝެލްސްގެ ކުޅުންތެރިޔަކަށް ބޯޅަ ނެތީސް ހަމަލާ ދިން މައްސަލަ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން އެޅި ފިޔަވަޅު އިސްތިއުނާފް ކޮމިޓީން ދަމަހައްޓައިފި އެވެ.

ޑިސިޕްލިނަރީ ކޮމިޓީން ނިންމީ އަސްހަދު ހަ މެޗަށް ސަސްޕެންޑްކޮށް، އޭނާ 12،000 ރުފިޔާ އިން ޖޫރިމަނާ ކުރާށެވެ. އެ މައްސަލަ އިސްތިއުނާފުކުރަން ލިބިފައި އޮތް ހައްގުގެ ބޭނުންކޮށް އަސްހަދު ވަނީ އިސްތިއުނާފު ކޮމިޓީ އަށް ހުށަހަޅައިފަ އެވެ. އިސްތިއުނާފް ކޮމިޓީން ބެލުމަށް ފަހު ނިންމީ ދީފައިވާ އަދަބު ދަމަަހައްޓާށެވެ.

"އައްސަދު އަލީ މި އަމަލު ހިންގާފައިވަނީ ގައުމީ ޓީމު ތަމްސީލްކުރި މެޗެއްގައި ގައުމީ ޓީމު ކުޅުންތެރިއެއްގެ ގޮތުގައި ކަމަށްވާތީ، ސަސްޕެންޑް ކުރެވިފައިވާ ހަ މެޗަކީ ގައުމީ ޓީމު ތަމްސީލްކުރާ ހަަ މެޗަށެވެ.،" އަސްހަދުގެ ސަސްޕެންޝަން އިސްތިއުނާފް ކޮމިޓީން ދަމަހައްޓަން ނިންމާފައިވާކަން މީޑިއާ އަށް އިއުލާނުކުރަން އެފްއޭއެމުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އަސްހަދުގެ ސަސްޕެންޝަން ގުނަނީ ގައުމީ ޓީމުގެ މެޗުތަކަށް ކަމަށް ނިންމުމާ އެކު މާދަމާރޭ ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ކުޅެން އަސްހަދަށް އެއްވެސް ހުރަހެއް ނެތެވެ.

އަސްހަދު ވަނީ ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ކްލަބް ވެލެންސިއާ އަށް ކުޅެން އެއްބަސްވެފަ އެވެ. މާދަމާރޭ ޗެރިޓީ ޝީލްޑް މެޗުގައި ވެލެންސިއާ ނުކުންނާނީ ލީގު ޗެމްޕިއަން މާޒިޔާއާ ދެކޮޅަށެވެ.

އަސްހަދަށް ސަސްޕެންޝަން އައި ސަަބަަބު

ފޯ ނޭޝަންސް ކަޕްގައި ރާއްޖެ އާއި ސީޝެލްސްއާ 0-0 އިން އެއްވަރުވި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އިތުރު ވަގުތުގައި ދެއްކި ހަތަރު މިނިޓްގެ ތެެރެއިން ފުރަތަމަ މިނިޓްގައި އަސްހަދު ކުޅެން އެރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ފަހަތުން ދުވެފައި ގޮސް ސީޝެލްސްގެ ކެޕްޓަން ބެނޮއިޓް މޭރީ މޫނުމަތީގައި ވަރަށް ބާރަށް އުޅަބޮށިން ޖެހި އެވެ. އެއާ އެކު އޭނާ އަށް ރެފްރީ ވަގުތުން ރަތްކާޑެއް ދެއްކި އެވެ.

ޑިސިޕްލިނަރީ ކޮމިޓީ އަށް ހާޒިރުކުރުމުން އަސްހަދު ބުނީ ބެނޮއިޓް ގައިގައި އެ ގޮތަށް ޖަހަން މެދުވެރިވީ ގިނަ ސަބަބުތަކަކާ ހެދި ކަމަށެވެ. އެ ގޮތުން ބަދަލެއްގެ ގޮތުގައި ކުޅެން އަރުވަން އަސްހަދު ޓެކްނިކަލް އޭރިއާ ރޮނގުކައިރީގައި ހުންނަން ޖެހުނު ވަގުތު ގިނަވެ، އޭނާ ހިތްހަމަ ނުޖެހުނު ކަމަށާއި ދަނޑަށް ކުޅެން އެރިތަނުން ސީޝެލްސްގެ ކުޅުންތެރިއަކު ބޭއަދަބީ ބަހުން މުއާމަލާތުކޮށް، ފައި މައްޗަށް ފައިން އެރިކަމަށް އަސްހަދު ބުނެފައިވެ އެވެ.

އެކަމަކު، ސީޝެލްސް އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދި މެޗަށް ފަހު އެ ޓީމުގެ ކޯޗު ނެވިލް ވިވިއަން ބޯތު ގާތުގައި ސީޝެލްސް ކެޕްޓަން ބެނޮއިޓަށް އަސްހަދު އެ ގޮތަށް ހަމަލާ ދިނީ ސަބަބެއް އޮވެގެންތޯ "އަދަދު" އިން ސުވާލުކުރުމުން ބޯތު ބުނީ އޭނާ އަށް އެނގޭ ގޮތުގައި ބެނޮއިޓް ގަސްދުގައި އަސްހަދު ރުޅިއަރުވަން ކަމެއް ނުކުރާ ކަމަށެވެ.