Advertisement

ނިޔުކްލިއާ މަޝްވަރާ ފެއިލްވެދާނެ ކަމަށް އެމެރިކާ އިން ތައްޔާރު ވަނީ

15 ޑިސެންބަރު 2021 - 10:21 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިރާނުގެ ނިޔުކްލިއާ މަޝްރޫއާ ގުޅޭ މަޝްވަރާ ވިއެނާގައި ކުރިއަށް ދަނީ. -- ފޮޓޯ: އޭއެފްޕީ


ނިޔުކްލިއާ މަޝްވަރާ ފެއިލްވެދާނެ ކަމަށް އެމެރިކާ އިން ތައްޔާރު ވަނީ

15 ޑިސެންބަރު 2021 - 10:21 0

ޖަކާޓާ، އިންޑޮނީޝިއާ (ޑިސެމްބަރު 14) - އިރާނުގެ ނިޔުކްލިއާ މަޝްރޫއާ ގުޅޭ މަޝްވަރާތައް ފެއިލްވެއްޖެ ނަމަ އަމަލު ކުރާނެ ގޮތަކަށް އެކުވެރި ގައުމުތަކާ އެކު ތައްޔާރުވަމުންދާ ކަމަށް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ވިދާޅުވެއްޖެ އެވެ.

"މިއަދު، މި ދަނޑިވަޅާ ޖެހެންދެން ވެސް ޑިޕްލޮމެސީ އިސްކޮށްގެން ކުރިއަށް މި ދަނީ މި ވަގުތަށް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ވާތީ. އެކަމަކު އިތުރު ގޮތްތަކަށް ދާން ޖެހޭ ނަމަ އެކަމަށް ތައްޔާރު ވާން އެކުވެރިންނާއި ޕާޓްނަރުންނާ އެކު މި ދަނީ މަސައްކަތް ކުރަމުން،" އިންޑޮނީޝިއާ އަށް ވަޑައިގެން ބްލިންކެން ވިދާޅުވި އެވެ.

މިދިޔަ ހަފުތާގައި ބޭއްވި މަޝްވަރާ އަށް ފަހު ޔޫރަޕް ގައުމުތަކުން ނެރުނު ބަޔާނަށް އިޝާރާތްކޮށް ބްލިންކެން ވިދާޅުވީ "ވަގުތު ކުޑަތަންވަމުންދާ ކަމަށާއި އިރާނުން އަދިވެސް ސީރިއަސްކޮށް މަޝްވަރާގައި ބައިވެރިނުވާ" ކަމަށެވެ.

"އަވަސް ކުރިއެރުންތަކެއް ނުލިބޭ ނަމަ. އިރާނުގެ ނިޔުކްލިއާ އެއްބަސްވުން ވާނީ ބޭކާރު އެއްޗަކަށް."

އިރާނުގެ ނިޔުކްލިއާ މަޝްރޫއާ ގުޅޭ މަޝްވަރާތައް އަލުން ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަމާޒަކީ 2015 ވަނަ އަހަރު އިރާނާއި ބާރުގަދަ ގައުމުތަކާ ދެމެދު ސޮއިކުރި އެއްބަސްވުމުގައި އަލުން އެމެރިކާ ބައިވެރިވާނެ ގޮތް ފަހިކުރުމެވެ.

އިނގިރޭސިވިލާތާ، ޗައިނާ، ފްރާންސް، ޖަރުމަނުވިލާތް، އިރާން، ރަޝިއާ އަދި އެމެރިކާ އިން 2015 ގައި ސޮއިކުރި ނިޔުކްލިއާ އެއްބަސްވުން ރޫޅުނީ 2018 ވަނަ އަހަރު އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއްބަސްވުމަށް އަމަލުނުކުރަން ނިންމެވުމުންނެވެ.

އޭގެ އަހަރެއް ފަހުން އިރާނުން ވެސް އެއްބަސްވުމަށް އަމަލު ކުރުން ހުއްޓާލައި، ނިޔުކްލިއާ މަޝްރޫއުގެ ދަށުން ޔުރޭނިއަމް މުއްސަނދި ކުރަން ފެށި އެވެ. އިރާނުން ބުނީ އެއީ ހަކަތަ އުފެއްދުމުގެ މަޝްރޫއެއް ކަމަށެވެ. ނަމަވެސް ހުޅަނގުން ދެކޭ ގޮތުގައި އިރާނުން އުޅެނީ ނިޔުކްލިއާ ހަތިޔާރު އުފެއްދުމަށެވެ.