Advertisement

ކެމަރޫންގެ ފުޓްބޯޅަ ރައީސްގެ މަގާމު އެޓޫ އަށް

11 ޑިސެންބަރު 2021 - 22:33 0


ކެމަރޫންގެ ފުޓްބޯޅަ ރައީސްގެ މަގާމު އެޓޫ އަށް

11 ޑިސެންބަރު 2021 - 22:33 0

ޔައުންޑޭ، ކެމަރޫން (ޑިސެމްބަރު 11) - ކެމަރޫންގެ މަޝްހޫރު ފުޓްބޯޅަ ތަރި ސެމިއުލް އެޓޫ، އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް މިއަދު އިންތިހާބުވެއްޖެ އެވެ.

ހަތަރު ފަހަރަށް އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ އެޓޫ ވަނީ އިންތިހާބުގައި ވާދަކުރި އެފްރިކާ ފުޓްބޯޅަ ފެޑެރޭޝަންގެ ހަތަރު ވަނަ ނައިބު ރައީސް ސެއިޑޫ އެމްބޮމްބޯ އެންޖޯޔާ ބަލިކޮށްފަ އެވެ. އިންތިހާބުގައި ހަތް ކެންޑިޑޭޓުން ވާދަކުރަން ނިންމި ނަމަވެސް އިންތިހާބު ފެށެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ފަސް ކެންޑިޑޭޓަކު ނަން އަނބުރާ ގެންދިޔައީ އެވެ.

މިއަދު ބޭއްވި އިންތިހާބުގައި، އެޓޫ އަށް 43 ވޯޓު ލިބުނުއިރު، އެންޖޯޔާ އަށް ލިބުނީ 31 ވޯޓެވެ.

އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި ކެމަރޫންގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިންތިހާބުތައް ސައްހަ ނޫން ކަމަށް މިިދިޔަ ޖެނުއަރީ މަހު ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން ނިންމި އެވެ. އެ އިންތިހާބު ކާމިޔާބު ކުރެއްވީ އެޓޫ އަތުން މިއަދު ނާކާމިޔާބީއާ ކުރިމަތިލި އެންޖޯޔާ އެވެ. މިއަދު ބޭއްވި ކެމަރޫން އެފްއޭގެ އިންތިހާބު ގެންދިޔައީ ފީފާގެ ހާއްސަ ޓީމެއްގެ ބެލުމުގެ ދަށުންނެވެ.

އުމުރުން 40 އަހަރުގެ އެޓޫ ބުނީ ކެމަރޫންގެ ފުޓްބޯޅައިގެ ރައީސްގެ މަގާމު ލިބުމަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ. އެޓޫ އަށް ވޯޓު ދިން ކޮންމެ މީހަކަށް އަދި ކެމަރޫނާއި އެފްރިކާ ފުޓްބޯޅައިގެ މުސްތަގުބަލަށް މަސައްކަތްކުރާ ކޮންމެ މީހަކަށް ކުރިއަށް އޮތް ހަތަރު އަހަރު ފުރުސަތު އޮންނާނެ ކަމަށް އެޓޫ ބުނެފައިވެ އެވެ.

އެޓޫ ވަނީ އޭނާގެ ލީޑަޝިޕްގައި ބޭނުންވަނީ ކެމަރޫނާއި އެފްރިކާ ފުޓްބޯޅަ ރިފޯމްކުރުމުގެ މުހިއްމު ކަންތައްތަކެއް ކުރަން ކަމަަށް ބުނެފަ އެވެ.

ރެއާލް މެޑްރިޑާއި ބާސެލޯނާ، ޗެލްސީ އަދި އިންޓަ މިލާން އަށް ވެސް ކުޅުނު އެޓޫ ވަނީ ކެމަރޫން ގައުމީ ޓީމަށް 118 މެޗުން 56 ގޯލު ޖަހައިފަ އެވެ. އަދި އެޓޫ ވަނީ ކެމަރޫނަށް 2000 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް އާއި އޮލިމްޕިކް ފުޓްބޯޅަ އިވެންޓްގެ ރަން މެޑަލް ހޯދައިދިނުމުގެ އިތުރުން 2002 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބުކޮށްދޭން އެހީތެރިވެދީފަ އެވެ.