Advertisement

ކެމަރޫންގެ ފުޓްބޯޅައިގެ ރައީސް ކަމަށް އެޓޫ ކުރިމަތިލައިފި

18 ނޮވެންބަރު 2021 - 08:12 0


ކެމަރޫންގެ ފުޓްބޯޅައިގެ ރައީސް ކަމަށް އެޓޫ ކުރިމަތިލައިފި

18 ނޮވެންބަރު 2021 - 08:12 0

ޔައުންޑޭ، ކެމަރޫން (ނޮވެމްބަރު 18) - ކެމަރޫންގެ މަޝްހޫރު ފުޓްބޯޅަ ތަރި ސެމިއުލް އެޓޫ، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސްކަމަށް ކުރިމަތިލައިފި އެވެ.

ހަތަރު ފަހަރަށް އެފްރިކާގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ އެޓޫ، އޭނާގެ ކެންޑިޑެސީ ލިޔުންތައް ކެމަރޫން ފުޓްބޯޅަ ފެޑެރޭޝަންގެ ހެޑްކުއާޓަރަށް ހުށަހަޅަން ދިޔައިރު، ގިނަ އަދަދެއްގެ ސަޕޯޓަރުން ވެސް އޭނާއާ އެކު ބައިވެރިވި އެވެ.

ކެންޑިޑެސީ ހުށަހެޅުމަށް ފަހު މީޑިއާ އަށް ދިން އިންޓަވިއުއެއްގައި އެޓޫ ބުނީ އެ ގައުމުގެ ފުޓްބޯޅައިގެ ލީޑަޝިޕަށް އަންނަން އޭނާ ބެނުންވީ ވަރަށް ގިނަ ކަންކަން ތަހައްމަލުކޮށްފައި ކަަމަށެވެ. އަދި މި ވަގުތު އޮތް ކެމަރޫންގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ލީޑަޝިޕްގައި ތިބި މީހުން އެޓޫ އަށް ނައިބު ރައީސަކަށް ވުމުގެ ސްލޮޓް ހުށަހެޅި ނަމަވެސް އެ މަގާމަށް ނޫނެކޭ ބުނީ "މަކަރާއި ހީލަތްތެރި" ބަޔެއްގެ ތެރޭގައި ހުރެ މަސައްކަތް ނުކުރެވޭނެ ކަމަށް ބުނެ އެވެ.

އުމުރުން 40 އަހަރުގެ އެޓޫ އެންމެ ފުރަތަމަ ކެމަރޫން ފުޓްބޯޅަ ފެެޑެރޭޝަންގެ ރައީސް ކަމަށް ވާދަކުރައްވާނެކަން އިއުލާނުކުރީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.

ރަސްމީކޮށް ކުރިމަތިލުމުގެ ކަންކަން ނިންމާލުމަށް ފަހު އެޓޫ ބުނީ މިއީ ކެމަރޫންގެ ފުޓްބޯޅަ އަލުން އާރާސްތުކުރަންވީ ވަގުތު ކަމަށެވެ.

އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި ކެމަރޫންގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިންތިހާބުތައް ސައްހަ ނޫން ކަމަށް މިިދިޔަ ޖެނުއަރީ މަހު ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން ނިންމި އެވެ. ކެމަރޫން ފުޓްބޯޅައިގެ އާ އިންތިހާބު ފީފާގެ ހާއްސަ ބެލުމެއްގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވަނީ އަންނަ މަހު އެވެ. އޭގެ އެއް މަސް ފަހުން އެފްރިކާ ބައްރުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫނުން ހޯސްޓްކުރާނެ އެވެ. -- އޭއެފްޕީ