Advertisement

އެޓޫ އަށް ޖަލު ހުކުމަކާއި 1.9 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް!

21 ޖޫން 2022 - 19:17 0


އެޓޫ އަށް ޖަލު ހުކުމަކާއި 1.9 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް!

21 ޖޫން 2022 - 19:17 0

ބާސެލޯނާ (ޖޫން 21) - ކެމަރޫންގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި ހުރި ކުރީގެ އެއް ވަނަ ފޯވާޑް ސެމިއުލް އެޓޫ، ބާސެލޯނާ އަށް ކުޅުނުއިރު، ޓެކުހަށް މަކަރު ހަދާފައިވާކަން ސާބިވުމާ އެކު ޖަލު ހުކުމަކާއި ޖޫރިމަނާ އަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ބާސެލޯނާގެ ކޯޓުން އިއްޔެ ނިންމީ 2004 އިން 2009 އަށް އެޓޫ ބާސެލޯނާ އަށް ކުޅުނުއިރު، އިމޭޖް ރައިޓްސް މެދުވެރިކޮށް ލިބުނު އާމްދަނީން ދައްކަން ޖެހޭ ޓެކުހަށް މަކަރު ހަދާފައިވާކަން ސާބިތުވާ ކަމަށެވެ. މި މައްސަލަ ސާބިތުވުމުން އެޓޫ އަށް 22 މަހުގެ ޖަލު ހުކުމެއް އައިއިރު، 1.9 މިލިއަން ޑޮލަރު ދައްކަން ވަނީ އަންގައިފަ އެވެ.

ސްޕެއިނުގެ ގާނޫނުގައިވާ ގޮތުން ޓެކުހަށް މަކަރު ހެދުމާގުޅިގެން އަންނަ ޖަލު ހުކުމެއް ދެ އަހަރަށް ވުރެ މުއްދަތު ކުޑަވެއްޖެނަމަ ޖޫރިމަނާ އެކަނި ދައްކައިގެން ސަލާމަތްވެވޭނެ އެވެ. އެކަމަކު، ދެ ވަނަ ފަހަރަށް އެ ފަދަ ކުށެއް ކޮށްފިނަމަ، ޖަލު ހުކުމް ތަންފީޒު ކުރަން ޖެހޭނެ އެވެ.

އެޓޫ، 41، ޓެކުހަށް މަކަރު ހެދިކަން ސާބިތުވެފައިވަނީ 2006 އިން 2009 އަށް އިމޭޖް ރައިޓްސް މެދުވެރިކޮށް ލިބުނު އާމްދަނީގެ ހިސާބުތައް ދިމާވާ ވަރަށް ލިޔެކިޔުންތައް ދެއްކިފައިނުވާތީ އެވެ. އެޓޫ، ބާސެލޯނާ އަށް ކުޅެމުންދިޔައިރު، ޓެކުހަށް މަަކަރު ހެދުމުގެ ގޮތުން އިމޭޖް ރައިޓްސް ރަޖިސްޓްރީ ކޮށްފައިވަނީ ހަންގޭރީގައި ހުރި ކުންފުންޏެއްގަ އެވެ. އެއީ އެ ގައުމަކީ އިމޭޖް ރައިޓްސާ ގުޅޭ ކަންކަމުގައި ޔޫރަޕްގެ އެހެން ގައުމުތަކާ އަޅާކިޔާއިރު، ތަރައްގީ ގައުމުތަކުގެ ތެރެއިން އެންމެ މަދުން ޓެކްސް ނަގާ ގައުމު ކަމަށްވާތީ އެވެ.

ސްޕެއިނުގެ ކޯޓުން މީގެ ކުރިން ވެސް މަޝްހޫރު ފުޓްބޯޅަ ތަރިންގެ ޓެކްސް މައްސަލަތަކުގައި ވަނީ ޖަލު ހުކުމްތަކެއް އިއްވައިފަ އެވެ. އޭގެ ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯ، ލިއޮނަލް މެސީ، ނޭމާގެ އިތުރުން މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ ވެސް ހިމެނެ އެވެ.

ހަތަރު ފަހަރު އެފްރިކާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި އެޓޫ، ކެމަރޫން ފުޓްބޯޅަ ރައީސަކު ހޮވި އިންތިހާބު ކާމިޔާބުކުރީ މިިދިޔަ ޑިސެމްބަރު މަހުގަ އެވެ. ރެއާލް މެޑްރިޑާއި ބާސެލޯނާ، ޗެލްސީ އަދި އިންޓަ މިލާން އަށް ވެސް ކުޅުނު އެޓޫ ވަނީ ކެމަރޫން ގައުމީ ޓީމަށް 118 މެޗުން 56 ގޯލު ޖަހައިފަ އެވެ. އަދި އެޓޫ ވަނީ ކެމަރޫނަށް 2000 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް އާއި އޮލިމްޕިކް ފުޓްބޯޅަ އިވެންޓްގެ ރަން މެޑަލް ހޯދައިދިނުމުގެ އިތުރުން 2002 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބުކޮށްދޭން އެހީތެރިވެދީފަ އެވެ.