Advertisement

ފިޝަރީޒް އެކްސްޕޯ ގާފަރުގައި މިއަދު ފަށައިފި

9 ޑިސެންބަރު 2021 - 15:08 0

ކ. ގާފަރުގައި މިއަދު ފެށި ފިޝަރީޒް އެކްސްޕޯގެ ބައެއް އުފެއްސުންތަކާއި ބޭހޭ މައުލޫމާތު ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ހޯއްދަވަނީ-- ފޮޓޯ ފިޝަރީޒް މިނިސްޓްރީ


ފިޝަރީޒް އެކްސްޕޯ ގާފަރުގައި މިއަދު ފަށައިފި

9 ޑިސެންބަރު 2021 - 15:08 0

ގައުމީ ފެންވަރުގައި މި އަހަރު މަސްވެރިން ދުވަސް ފާހަގަކުރާ ކ. ގާފަރުގައި "ފިޝަރީޒް އެކްސްޕޯ" މިއަދު ފަށައިފި އެވެ.

ސާޅީސް އެއް ވަނަ މަސްވެރިންގެ ދުވަސް ފާހަކުރާ ގާފަރުގައި މި އެކްސްޕޯ ހުޅުވައިދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އެވެ. ފަނަރަ ސަތޭކަ މީހުން ދިރިއުޅޭ މަސްވެރި ރަށުގައި ދެ ދުވަހުގެ މުއްދަތަށް ބާއްވާ މި އެކްސްޕޯ ކުރިއަށް ދާނީ ރަށުގެ ބަނދަރު ސަރަހައްދުގަ އެވެ.

"މި ފެއާ ގައި މަސްވެރިކަމުގައި ބޭނުންކުރާ ތަފާތު އާލާތްތަކާއި މަހާއި މަހުގެ ތަފާތު އުފެއްދުންތައް ލިބެންހުންނާނެ އެވެ. މި ފެއާގައި ބައިވެރިވާ ކޮންމެ ފަރާތަކަށް އެ ފަރާތެއްގެ އުފެއްދުން މާކެޓްކޮށް އަދި ވިއްކުމުގެ ފުރުސަތު ލިބިގެންދާނެ،" މަސްވެރިންގެ ދުވަހުގެ އަތްމަތީ ފޮތުގައި މި އެކްސްޕޯ އާ ގުޅޭ ގޮތުން ބުނެފައިވެ އެވެ.

ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލަކު ބުނީ މަސް ގަންނަ އަދި މަސްވެރިކަމުގެ ބާވްތަތައް އުފައްދާ ފަރާތްތަކާއި މަސް ދޯނި ފަހަރާއި މަސްވެރިންކަމުގައި ބޭނުންކުރާ ތަފާތު އުފެއްދުންތައް ވިއްކާ ފަރާތްތަކުން އެކްސްޕޯގައި ބެރިވެރިވެފައިވާ ކަމަށެވެ.

"ކަނޑު ވެށީގެ ސާފުތާހިރުކަން – ދެމެހެއްޓެނިވި މަސްވެރިކަން" ޝިއާރުގެ ދަށުން، މަސްވެރިންގެ ދުވަސް ފާހަގަކުރާއިރު، ދުވަހުގެ ރަސްމީ ޖަލްސާ ބާންވަން ހަމަޖައްސާފައި ވަނީ މާދަމާ ރެ އެވެ. ފިޝަރީޒް އެސްޕޯގެ އިތުރުން މަސްވެރިކަމުގެ އައު ގާނޫނަށް މަސްވެރިން އަހުލުވެރި ކުރުވުމަށާއި މަސްވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތައް ދެނެގަތުމަށްޓަކައި ފޯރަމެއް ވެސް ގާފަރުގައި ކުރިއަށް ގެންދާނެ އެވެ. މީގެއިތުރުން މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް މިއަދާއި މާދަމާ ކުޅިވަރު މުބާރަތްތަކެއް އެ ރަށުގައި ބޭއްވުމަށް ވެސް މިނިސްޓްރީން ވަނީ ހަމަޖައްސައިފަ އެވެ.

ކަޅުބިލަ މަހުގެ މަސްވެރިކަމުގައި ފާހަގަ ކުރެވޭ ގާފަރުގައި އެ މަސްވެރިކަން ކުރާ 16 އުޅަނދު އޮވެ އެވެ. ވަދުނަނާއި ފަރުމަހުގެ މަސްވެރިކަން ވެސް ކުދި ޑިނގީ ފަހަރުގަ ކުރެ އެވެ.

މަސްވެރިކަމުގެ އިތުރުން ޓޫރިޒަމްގެ ވިޔަފާރި ވެސް އެ ރަށުގައި އަންނަނީ ފުޅާވަމުންނެވެ. މިހާތަނަށް ހަ ގެސްޓް ހައުސް ހުޅުވާފައިވާއިރު 80 އެނދު ހިންގަ އެވެ.