Advertisement

ބަންދު މުއްދަތުގެ އިނާޔަތަށްވާ 8.6 މިލިއަން ރުފިޔާ ހޯދަން ޔާމީން ހުށަހަޅުއްވައިފި

5 ޑިސެންބަރު 2021 - 14:30 2

އަމަން ހަލީމް

އަމަން ހަލީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: މަނީ ލޯންޑްރިން މައްސަލައިގެ ހުކުމުން މިނިވަންވީ ހުކުމުގެ ދެ އަހަރު ތަންފީޒުކުރި ފަހުން. -- ފޮޓޯ: އާއިމް ޒަމީރު/އަދަދު


ބަންދު މުއްދަތުގެ އިނާޔަތަށްވާ 8.6 މިލިއަން ރުފިޔާ ހޯދަން ޔާމީން ހުށަހަޅުއްވައިފި

5 ޑިސެންބަރު 2021 - 14:30 2

މަނީ ލޯންޑަރިން މައްސަލައިގައި ކުރި ޖަލު ހުކުމް ބާތިލުކުރުމާ ގުޅިގެން ބަންދުގައި ހުރި މުއްދަތުގެ ތެރޭގައި ނުލިބި ހުރި އަށް މިލިއަނެއްހާ ރުފިޔާގެ އިނާޔަތްތައް ހޯދަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފިނޭންސް މިނިސްޓްރީއަށް ހުށަހަޅުއްވައިފި އެވެ.

މިކަން ކަށަވަރުކޮށްދެމުން ފިނޭންސް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ލަމާން ވަހީދު "އަދަދު"އަށް ވިދާޅުވީ ޖަލު ބަންދުގައި ހުރި މުއްދަތުގެ ތެރޭގައި ކުރީގެ ރައީސުންނަށް ލިބެންޖެހޭ އިނާޔަތްތައް ހޯދަން ސިޓީއެއް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ ކަަމަށެވެ. އަދި ވިދާޅުވީ، އެކަމުގައި އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެ ސިޓީއަށް ސަރުކާރުން ޖަވާބުދާރީ ވާނެ ކަމަށެވެ.

ކުރިން ރައީސްކަންކޮށްފައިވާ ބޭފުޅުންނަށް ލިބޭ އިނާޔަތްތަކުގެ ތެރޭގައި މާލީ އިނާޔަތަކާއި، ބޭސް ފަރުވާ ކުރުމުގެ ފައިސާ އާއި ދިރިއުޅޭ ތަނަށް ހަރަދުކުރާނެ ފައިސާގެ އިތުރުން އޮފީސް ހިންގަން ފައިސާ ލިބެ އެވެ.

މިގޮތުން ޔާމީންއަށް މަހެއްގެ މައްޗަށް 358،333.33ރ. ލިބެން ޖެހެ އެވެ. އެކަމަކު ޖަލު ބަންދުގައި ހުރި މުއްދަތުގެ ތެރޭގައި މި ފައިސާ ނުލިބުނީ ޖިނާއި ކުށެއް ސާބިތުވެ ޖަލު ހުކެމެއް ތަންފީޒުކުރަމުންދާނަ، އެ އިނާޔަތްތައް ނުލިބޭ ގޮތަށް ގާނޫނު އޮތީމަ އެވެ. އެގޮތަށް ގާނޫނު ބަދަލުކުރީ އެ މަނިކުފާނުގެ ޒައާމަތުގަ އެވެ.

ޔާމީން ވަނީ ޖަލު ހުކުމް ބާތިލުކުރުމާ ހަމައަށް ދެ އަހަރު ދުވަސް ޖަލުގައި ހޭދަކުރައްވާފަ އެވެ. އެހެންކަމުން އެ މަނިކުފާނަށް 24 މަހުގެ އިނާޔަތްތައް ލިބެން ޖެހެ އެވެ. މި އަދަދު ހިސާބުކުރުމުން އެ މުއްދަތުގެ ތެރޭގައި ޔާމީންއަށް ލިބެންޖެހޭ ފައިސާގެ އަދަދު ގާތްގަނޑަކަށް 8.6 މިލިއަން ރުފިޔާ (8,599,999.92ރ.)އަށް އަރަ އެވެ.

ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލުކުރުމާއެކު، ފިނޭންސުން ވަނީ އެ ތާރީހުން ފެށިގެން ޔާމީނަށް ލިބެން ޖެހޭ އިނާޔަތްތައް ލިބޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ.