Advertisement

ޗުއްޓީ ފެށުނީ: މިއީ ދަތުރު ދާން އެންމެ ސަޅި ގައުމުތައް

7 ޑިސެންބަރު 2021 - 08:04 2

މަރިޔަމް އަރީން އީސާ

މަރިޔަމް އަރީން އީސާ

ޓްރެވަލް ވްލޮގާ އަދި ދިވެހި "ދަތުރުކުރާ ޑޮކްޓަރު" މިނާހް ބޭރު ގައުމެއްގައި ނަގާފައިވާ ފޮޓޯއެއް. އިސްޓަގްރާމް ފޮޓޯ: މިނާހް ފާއިޒް


ޗުއްޓީ ފެށުނީ: މިއީ ދަތުރު ދާން އެންމެ ސަޅި ގައުމުތައް

7 ޑިސެންބަރު 2021 - 08:04 2

ކޮވިޑްގެ ބަލިމަޑުކަމާ އެކު މުޅި ދުނިޔޭގެ ޓޫރިޒަމް ހުއްޓިފައި އޮތުމަށް ފަހު، ގައުމުތަކުގެ ބޯޑަރުތައް މިހާރު ވަނީ އަލުން ހުޅުވަން ފަށައިފަ އެވެ. ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ދަތުރު ކުރުމުގެ ފުރުސަތު އަނެއްކާ ވެސް ތަނަވަސްވީ އެވެ. ކުރިއަށް އޮތީ ޑިސެމްބަރުގެ ބޮޑު ޗުއްޓީ އެވެ. ކުޑަ ބަޖެޓެއް އޮތަސް، މި ޗުއްޓީގައި ކޮންމެވެސް ތަނަކަށް ދާން ވާނެ އެވެ.

އެހެން ވީމަ ބުނެބަލާށެވެ. ބޮޑު ޗުއްޓީ ދަތުރުގައި ދާނެ ގައުމެއް ނިންމައިފިން ހެއްޔެވެ؟

"2021 ސޭފް ސިޓީޒް އިންޑެކްސް" ގެ ނަމުގައި އިނގިރޭސިވިލާތުގެ އިކޮނޮމިކްސް އިންޓެލިޖެންސް ޔުނިޓް (އީއައިޔޫ) އިން ނެރެފައިވާ ލިސްޓުގައި 60 ގައުމެއް ހިމަނާފައިވެ އެވެ. މި ގައުމުތަކަކީ އެ ޖަމިއްޔާއިން ކުރި ދިރާސާއަކަށް ފަހު ދަތުރުފަތުރު ކުރުމަށް އެންމެ ރައްކާތެރި ގައުމުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ގައުމުތަކެވެ. އެއީ އެ ގައުމުތަކުގެ އިންފްރާސްޓްރަކްޗާއާއި، ސެކިއުރިޓީ، މާހައުލުގެ ރައްކާތެރިކަމާއި ކޮވިޑް 19 ގެ ހާލަތައް ބެލުމަށްފަހު އެކުލަވާލާފައިވާ ލިސްޓެކެވެ.

މި ހިމަނާލަނީ، މި ލިސްޓަށް ބަލައިގެން މި ޗުއްޓީގައި ދަތުރު ދާން އެންމެ ސަޅި ބައެއް ގައުމުތަކެވެ.

ޑެންމާކު

ޑެންމާކްގެ ޕާކެއް. ޑެންމާކްއަކީ ފެހިކަން ބޮޑު ޕާކުތައް ގިނަ ގައުމެއް. ފޮޓޯ: ގޫގްލް


ޑެންމާކުގެ ވެރި ރަށް ކޮޕެންހޭގަން އަކީ "2021 ސޭފް ސިޓީޒް އިންޑެކްސް" ގެ އެންމެ ކުރީގައި އުޅޭ ސިޓީ އެވެ. ދަތުރުކުރުމަށް އެންމެ ރައްކާތެރި ގައުމުގެ ލަގަބް ލިބިފައިވާ މި ގައުމަކީ ގަސްގަހާގެހި ގިނަ ޕާކުތަކުން ފުރިފައިވާ ހިތްގައިމު ފެހި ގައުމެކެވެ. ކޮރަޕްޝަން އެންމެ މަދު ގައުމުގެ ލަގަބުވެސް ހޯދާފައިވާ ޑެންމާކަކީ އެކުވެރި ބައެއް ދިރިއުޅޭ މެހުމާނުދާރީ ރަނގަޅު ގައުމެކެވެ.

ކޮވިޑް ޓެސްޓުކުރުމަށްޓަކައި އެ ގައުމުން ވަނީ ބޮޑު މަޝްރޫއުއެއް ހިންގާ އާބާދީގެ ކޮންމެ މީހަކަށްވެސް ހިލޭ ކޮވިޑް ޓެސްޓް ހެދުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި އެ ގައުމަށް ޒިޔާރަތް ކުރާ މެހުމާނުންނަށް ވެސް މި ހިދުމަތްތައް ހިލޭ ފޯރުކޮށްދެ އެވެ. މިކަން ވެގެން ދިޔައީ އެ ގައުމުން ކޮވިޑް 19ގެ ނުރައްކާތެރިކަން ކުޑަވުމަށް މަގުފަހި ކުރުވި ކަމަކަށެވެ.

ކެނެޑާ

ކެނަޑާގެ ޓޮރޮންޓޯ: ހިތްގައިމު ރީތި ތަނެއް. ފޮޓޯ: ވިކިޕީޑިއާ


ކެނަޑާގެ އެންމެ ބޮޑު ރަށްކަމަށްވާ ޓޮރޮންޓޯ އަކީ ވެސް ޒިޔާރަތްކޮށްލަން ރަނގަޅު، ހިތްގައިމު، ރައްކާތެރި ސިޓީއެކެވެ. އެ ގައުމުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ވެކްސިނޭޝަން ޕްރޮގްރާމެއްގެ ދަށުން ގައުމުގެ އާބާދީގެ ބޮޑު ބަޔަކަށް ވަނީ ވެކްސިން ޖަހާފައެވެ. އެހެންކަމުން ކޮވިޑްގެ ނުރައްކާތެރިކަން އެ ގައުމުގައި މިހާރު ވަރަށް ކުޑަ އެވެ. މުއްސަނދި ސަގާފަތަކާއި ތަފާތު ނަސްލުތަކުގެ މީހުން ދިރިއުޅެމުންދާ ޓޮރޮންޓޯއަށް ދަތުރެއް ކޮށްލުމަކީ އާ ކަންކަމަށް ސިކުނޑި ހުޅިވިގެންދާނެ ތަފާތު ތަޖުރިބާއަކަށް ވާނެ އެވެ.

ސިންގަޕޫރު

ސިންގަޕޫރް- ދިވެހިންގެ މެދުގައި މަގުބޫލު މަންޒިލެއް. ފޮޓޯ: ދި ޓައިމްސް


ޓެކްނޮލޮޖީ އާއި ސައިންސްގެ ރޮނގުން ކުރިއަރާފައިވާ ސިންގަޕޫރު ފާހަގަކޮށްލެވެނީ އާބާދީގެ އެންމެ ބޮޑު ބަޔަކަށް، ވެކްސިން ޖަހާފައިވާ ގައުމުގެ ގޮތުގަ އެވެ. ނަމަވެސް އެ ގައުމުން ވަނީ ކޮވިޑްގެ އާ ވޭރިއެންޓް ފެނުމާއި ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. ފޯނުގެ ތަފާތު އެޕްލިކެޝަން ތަކުގެ ޒަރިއްޔާއިން އެ ގައުމުގައި ކޮވިޑް ފެތުރޭ މިންވަރު ދަނީ މޮނިޓާ ކުރެވެމުންނެވެ.

ސިންގަޕޫރަށް ދާނަމަ، އެއާޕޯޓުން ނިކުތުގެ ކުރިން "ޓްރޭސް ޓުގެދާ" އެޕް ފޯނަށް އަޅަން ޖެހޭނެ އެވެ. މި ދުވަސްކޮޅު ސިންގަޕޫރަށް ގޮސްފި ނަމަ ކުރެވޭނީ މުޅިން ތަފާތު ތަޖުރިބާ އެކެވެ. އަދިވެސް ގިނަ އޮފީސްތަކުގެ މީހުން ގެއިން މަސައްކަތް ކުރާތީ އެ ގައުމުގެ މަގުތައް ފެންނާނީ ވަރަށް ހުސް ކޮށެވެ.

އެހެންވީމަ މީހުންގެ އުނދަގުލެއް ނެތި ސިންގަޕޫރަށް ދަތުރުކޮށް އެ ގައުމު ބަލާލަން ބޭނުން މީހުންނަށް މިއީ އެ ފުރުސަތެވެ.

ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ ދިވެހިންނަށް ކަރަންޓީން ވާން ނުޖެހި، މި މަހުގެ 16 ން ފެށިގެން ސިންގަޕޫރަށް ދެވޭނެ އެވެ.

އޮސްޓްރޭލިޔާ

އޮސްޓްރޭލިޔާގެ ސިޑްނީ- ހިތްގައިމު ރީތި މަންޒިލެއް. ފޮޓޯ: ގޫގްލް


އޮސްޓްރޭލިޔާގެ އެންމެ ބޮޑު ރަށް، ސިޑްނީ އޮތީ 2021 ސޭފް ސިޓީޒް އިންޑެކްސްގެ ފަސްވަނައިގަ އެވެ. ކޮވިޑާ ހެދި ހުރިހާ ބޯޑަރެއް ބަންދުކުރި އެންމެ ފުރަތަމަ އެއް ގައުމަކީ އޮސްޓްރޭލިޔާ އެވެ. މުޅި ދުނިޔެއިންވެސް މި ބަލީގައި ނިސްބަތުން އެންމެ މަދު މީހުން ނިޔާވި އެއް ގައުމަކީ ވެސް މިއީ އެވެ.

ޗުއްޓީގައި ސިޑްނީ އަށް ދާނަމަ ސިޓީގެ "ޗިލްއައުޓް ހަބްސް" ތައް ތަޖުރިބާކޮށްލަން ވާނެ އެވެ. މި ތަންތަނަކީ ވައިފައި އާއި ސްމާޓް ލައިޓިންގް އަދި މޯބައިލް ފޯނު ފަދަ ވަސީލަތްތައް ޗާޖުކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ތަންތަނަށް ވާތީ ބޭރުގައި ގިނަ އިރު އުޅެން ޖެހިގެން ފޯނުގެ ޗާޖު ހުސްވެދާނެތީ ހާސް ވާކަށް ނުޖެހޭނެ އެވެ.

ޖަޕާން

ޖަޕާނުގެ އަވަށެއް ކަމަށްވާ ޓޯކްޔޯ- ދަތުރުވެރިންނަށް ރައްކާތެރި ހިތްފަސޭހަ މަންޒިލެއް. ފޮޓޯ: ގޫގްލް


ޖަޕާނުގެ ވެރިރަށް ޓޯކްޔޯގައި ކޮވިޑް 19ގެ ކޭސްތައް އޮލިމްޕިކްސް އާއި ގުޅިގެން ވަރަށް ބޮޑަށް އިތުރުވި އެވެ. ނަމަވެސް މިހާރު އެ ގައުމުގައި ބަލީގެ ހާލަތު ކޮންޓްރޯލް ކުރެވި އާބާދީގެ 60 ޕަސެންޓް މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފަ އެވެ.

އެންމެ ރައްކާތެރި ގައުމުގެ ލަގަބް ހޯދާފައިވާ ޖަޕާނުގެ ރައްޔިތުންނަކީ ތަފާތު ބައެކެވެ. މުއްސަނދި ސަގާފަތެއް ގެންގުޅޭ މަޑުމައިތިރި، އަހުލާގު ރަނގަޅު ބައެކެވެ. ކުށްކުރުން މަދު ގައުމެކެވެ. އެހެންވީމަ، ޓޯކިއޯ އަކީ އެކަނި ބެކްޕެކް ހަދާލަން ވެސް ސަޅި ގައުމަކަށް ވާނެ އެވެ.