Advertisement

ބަންގްލަދޭޝް ޗެލެންޖް: ނަބާ އާއި ނަބީގެ ޕެއާ އަށް ލޯ މެޑަލް!

5 ޑިސެންބަރު 2021 - 08:05 0

މި ފަހަރުގެ ގައުމީ މުބާރާތުގެ ތެރެއިން ނަބާ އާއި ނަބީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


ބަންގްލަދޭޝް ޗެލެންޖް: ނަބާ އާއި ނަބީގެ ޕެއާ އަށް ލޯ މެޑަލް!

5 ޑިސެންބަރު 2021 - 08:05 0

ބަންގްލަދޭޝް އިންޓަނޭޝަނަލް ޗެލެންޖް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ބައިން ރާއްޖޭގެ ދެބެން ކަމަށްވާ އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) ލޯ މެޑަލް ހާސިލްކޮށްފި އެވެ.

މިއީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ނަބާ އާއި ނަބީ އަށް އަންހެން ޑަބަލްސް ބައިން ލިބުނު 10 ވަަނަ މެޑަލް އެވެ. އަދި ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަން، ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޗެލެންްޖް ލެވަލްގެ މުބާރާތަކުން ލިބުނު ފުރަތަމަ މެޑަލް އެވެ.

އިއްޔެ ކުޅުނު ސެމީ ފައިނަލުގައި ނަބާ އާއި ނަބީގެ ޕެއާ ބައްދަލުކުރަން ޖެހުނީ އިންޑިއާގެ މެހްރީން ރިޒާ އާއި އަރާތީ ސާރާ ސުނިލްގެ ޕެއާއާ އެވެ. މެހްރީން އާއި އަރާތީގެ ޕެއާ އިން ވަނީ 21-14 އާއި 21-02 އިން ސެޓުތައް ގެންގޮސް މެޗުން މޮޅުވެފަ އެވެ.

އިއްޔެ, ޒަޔާން ޒަކީ އާއި ނަބާގެ ޕެއާ ވަނީ މިކްސް ޑަބަލްސް ކުއާޓާ ފައިނަލުގައި ވާދަކޮށްފަ އެވެ. ނަބާ އާއި ޒަޔާންގެ ޕެއާ ކުުޅުނީ އިންޑިއާގެ ނަޒީރު ހާން އާއި ނިލާ ވަލުވަންގެ ޕެއާއާ އެވެ. ނަޒީރު އާއި ނިލާގެ ޕެއާ މެޗުން މޮޅުވީ 23-21 އާއި 21-10 އިން ސެޓުތައް ގެންގޮސްގެންނެވެ.

ނަބާ އާއި ނަބީގެ ޕެއާ މި މުބާރާތަށް ފަހު ދެން ވާދަކުރާނީ މި މަހު 12-19 އަށް ސްޕެއިނުގައި ބާއްވާ ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގަ އެވެ. މިއީ ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިންތަކެއް ދުނިޔޭގެ މުބާރާތުގައި ވާދަކުރާނެ ފުރަތަމަ ފަހަރެވެ. ނަބާ އާއި ނަބީގެ ޕެއާ އަކީ އަންހެން ޑަބަލްސްގައި ދުނިޔޭގެ 117 ވަަނަ އެވެ.

އަންހެން ޑަބަލްސްގައި ނަބީ އާއި ނަބާގެ ޕެއާ ވަނީ ރާއްޖެ އަށް ބައިނަލްއަގުވާމީ މުބާރާތްތަކުން 10 މެޑަލް ގެނެސްދީފަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ 2019 ވަަނަ އަހަރު ޕާކިސްތާން މުބާރާތުގެ ޑަބަލްސް ބައިން ހޯދި ރަން މެޑަލެވެ. މިއީ ބީޑަބްލިއުއެފް އިން ގަބޫލުކުރާ މުބާރާތެއްގައި ރާއްޖެ އަށް އަންހެން ޑަބަލްސް އިން ހޯދައިދިން ފުރަތަމަ ރަން މެޑަލް އެވެ. ދެން ހޯދީ ހަތަރު ރިހި މެޑަލް އާއި ފަސް ލޯ މެޑަލް އެވެ.