Advertisement

އަސްހަދު ވެލެންސިއާ އަށް ބަދަލުވަނީ

3 ޑިސެންބަރު 2021 - 10:15 1

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ވެލެންސިއާގެ ޕްރެކްޓިހުގެ ތެރެއިން އަސްހަދު: އެ ކްލަބުން ބުނީ އަސްހަދު އެ ޓީމާ ގުޅުމުގެ ހުރިހާ ކަމެއް އަދި ނުނިމޭ ކަމަށް.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު


އަސްހަދު ވެލެންސިއާ އަށް ބަދަލުވަނީ

3 ޑިސެންބަރު 2021 - 10:15 1

މިދިޔަ ސީޒަނުގައި ކްލަބް އީގަލްސް އިން ފެނުނު ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަދި ގައުމީ ޓީމުގެ މިޑްފީލްޑަރު އަސްހަދު އަލީ (އަޑޭ) ކުރިއަށް އޮތް ސީޒަނަށް ވެލެންސިއާއާ ގުޅެން އެ ކްލަބްގެ ޕްރެކްޓިހުގައި ބައިވެރިވާން ފަށައިފި އެވެ.

އުމުރުން 34 އަހަރުގެ އަޑޭ، ވެލެންސިއާ އަށް ސޮއިކުރީތޯ ކަށަވަރު ކުރަން "އަދަދު" އިން ސުވާލުކުރުމުން ވެލެންސިއާގެ އިސް އޮފިޝަލް، އިލްމާއު ހުސެއިން (މައު) ބުނީ އަޑޭ ވެލެންސިއާގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުން އަންނަ ކަމަށާއި އެކަމަކު، ރަސްމީކޮށް އެ ޓީމާ ގުޅުމުގެ ކަންކަން އަދި އެއްކޮށް ނުނިމޭ ކަމަށެވެ.

ކްލަބް ގްރީން ސްޓްރީޓްސް އަށް 2018 ވަނަ އަހަރު ކުޅުމަށް ފަހު ސީރިއަސް އަނިޔާއެއްގައި ހުރި އަޑޭ އެ އަނިޔާއިން ރަނގަޅުވެ، ކުޅުމަށް އެނބުރި އައިސް އީގަލްސްއާ ގުޅުނީ މިދިޔަ މާޗް މަހުގަ އެވެ. އެއީ އެ ޓީމާ އެކު އޭއެފްސީ ކަޕް ކޮލިފައިންގައި ކުޅޭށެވެ. އޭގެ ކުރިން މިދިޔަ އަހަރު މާޒިޔާއާ އެކު އޭއެފްސީ ކަޕްގައި ކުޅެން ވެސް އަޑޭ މަސައްކަތް ކުރި އެވެ. އެކަމަކު، ކޮވިޑް-19ގެ ސަބަބުން އެ މުބާރާތް ވީ ކެންސަލް އެވެ.

އަޑޭ ކުޅުމަށް އެނބުރި އައީ ދޮޅު އަހަރެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރެފަ އެވެ. ދިގު މުއްދަތަކަށް ފަހު އެނބުރި އައިސް އަޑޭ ވަނީ މިދިޔަ އޮކްޓޫބަރު މަހު މާލޭގައި ކުޅުނު އުރީދޫ ސާފް ޗެމްޕިއަންޝިޕާއި މިދިޔަ މަހު ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގައި ގައުމީ ޓީމަށް ކުޅެފަ އެވެ.

ގިނަ ދުވަހު ކުޅުމާ ދުރުގައި ހުރި އަޑޭ އެނބުރި އައިސް މަދު މެޗެއް ކުޅެފައި ގައުމީ ޓީމަށް އެރުމުން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އެކަމަކު، ގައުމީ ޓީމުން ބުނީ އަޑޭ ޓީމަށް ނެގީ އޭނާ ކުޅެމުން އަންނަ އީގަލްސްގެ ކޯޗިން ޓީމާ މަޝްވަރާކޮށް އޭނާ ރަނގަޅު ފޯމެއްގައި ހުރި ކަމަށް ބުނުމުން ކަމަށެވެ.

ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕްގައި ރާއްޖެ ކުުޅުނު ފަހު މެޗުގައި ސީޝެލްސްއާ ދެކޮޅަށް އިތުރު ވަގުތުގައި ކުޅެން އަރައި އަޑޭ ވަނީ ސީޝެލްސް ކެޕްޓަން ބެނޮއިޓް މެރީ އަށް އުޅަބޮށިން ހަމަލާދީފަ އެވެ. އޭނާ އަށް ވަގުތުން ރަތް ކާޑެއް ދެއްކިއިރު، އެ ކާޑުގެ މައްސަލަ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން އަންނަނީ ބަލަމުންނެވެ. ދާދިފަހުން އަޑޭ ވަނީ އެ ކޮމިޓީ އަށް ހާޒިރުކޮށްފަ އެވެ.

ކުރިން މާޒިޔާ އާއި ނިއު ރޭޑިއަންޓާއި ވިކްޓްރީ އަދި ވީބީ ސްޕޯޓްސް ކްލަބަށް ވެސް ކުޅުނު އަޑޭ ކެރިއަރުގެ ކުރީކޮޅުގައި ކްލަބް ވެލެންސިއާ އަށް ވެސް ކުޅުނެވެ.

މި މަހު 15 ވަނަ ދުވަހު އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ވާދަކުރަން ތައްޔާރުވަމުން އަންނަ ވެލެންސިއާ އަކީ ކުރިއަށް އޮތް ސީޒަނަށް އެންމެ ފަހުން ތައްޔާރީތައް ފެށި ޓީމުތަކުގެ ތެރެއިން އެއް ޓީމެވެ. ޝީލްޑް މެޗުގައި ވެލެންސިއާ އިން ނުކުންނާނީ ލީގު ޗެމްޕިއަން މާޒިޔާއާ ދެކޮޅަށެވެ.

ކުރިއަށް އޮތް ސީޒަނުގައި އޭއެފްސީ ކަޕް ކޮލިފައިންގައި ވެސް ވާދަކުރަން ތައްޔާރުވަމުން އަންނަ ވެލެންސިއާ އިން ވަނީ ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ގިނަ ކުންތެރިންތަކެއްގެ ސޮއި ހޯދައިފަ އެވެ.

ވެލެންސިއާއާ އެކު މި ވަގުތު ޕްރެކްޓިސް ކުރަމުން އަންނަ އާ ކުޅުންތެރިންނަށް ބަލާއިރު، މާޒިޔާ އަށް ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ޑިފެންޑަރު އަމްދާން އަލީ (އެންޑީ)، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން މިދިޔަ ސީޒަނުގައި ފެނުނު އާދަމް އިޝާމް (ސަން)، ޓީސީ އާއި ގްރީން ސްޓްރީޓްސް އަށް ކުރިން ކުޅުނު މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލް ހިމެނެ އެވެ.

ވެލެންސިއާ އިން ބުނީ ދެން އެ ޓީމާ ގުޅޭނެ ކުޅުންތެރިންގެ ތެރޭގައި މިދިޔަ ސީޒަނުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް ކުޅުނު އިސްމާއިލް އީސާ (މެސީ) އަދި ދަ ގްރާންޑޭ އަށް ކުޅުނު ޑިފެންޑަރު އަހުމަދު ސިޒާން ހިމެނެ ކަމަށެވެ.