Advertisement

ކީރިތި ޤުރުއާން ތަދައްބުރުކުރުން


ކީރިތި ޤުރުއާން ތަދައްބުރުކުރުން

ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން

ކީރިތި ޤުރުއާން ތަދައްބުރުކުރުމުގެ މާނައަކީ، ކީރިތި ޤުރުއާން ކިޔަވާއިރު އެއީ ތިމަންނައާ މުޚާޠަބުކުރެއްވިފައިވާ އެއްޗެއްކަން ދެނެގަތުމެވެ. އެއާއެކު ތިމާގެ ކަންފަތާއި ހިތުން ކީރިތި ޤުރުއާން ކަނުލައި އަޑުއެހުމެވެ. އަދި އެއާމެދު ހޯދައި ބަލައި ފުންކޮށް ވިސްނައި ފިކުރުކުރުމެވެ. މިގޮތުގެމަތިން އޭގައިވާ މާނަތައް ދެނެގަތުމަށްފަހު އޭގައިވާ އަމުރުތަކަށް ކިޔަމަންވެ، އޭގައިވާ ނަހީތަކުން އެއްކިބާވުމެވެ. އޭގެ ހެޔޮ އަސަރު ތިމާގެ ބަހާއި ޢަމަލުން ފާޅުވެއްޖައުމަށްދާންދެނެވެ.

ސަޢުދު ބްނު ހިޝާމު ވިދާޅުވެފައިވާ ބަސްފުޅެއްގެ މާނައިގައި ވެ އެވެ. ތިމަންކަލޭގެފާނު ޢާއިޝަތުގެފާނުގެ އަރިއަހުގައި ދެންނެވީމެވެ. އޭ އުއްމުލްމުއުމިނީން އެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޚުލުޤުފުޅާބެހޭ ގޮތުން ތިމަންކަލޭގެފާނަށް ޚަބަރުކޮށްދެއްވަބައްލަވާށެވެ! އެކަމަނާ ވިދާޅުވި އެވެ. "އިތުރުއެކަލޭގެފާނުގެ ޚުލުޤުފުޅަކީ ކީރިތި ޤުރުއާން ކަމުގައިވި އެވެ. އަލްޤަލަމް ސޫރަތުގެ 4 ވަނަ އާޔަތް ކަލޭގެފާނު ކިޔަވާވިދާޅުނުވަމުތޯ އެވެ؟" އެ އާޔަތުގެ މާނައަކީ "އަދި ހަމަކަށަވަރުން، ކަލޭގެފާނު ވަނީ (އެބަހީ: އިތުރުއެކަލޭގެފާނު ވަނީ) މާތްވެގެންވާ ޚުލުޤުފުޅެއްގެ މަތީގައިކަން ކަށަވަރެވެ."

އިބްނުލްޤައްޔިމު ވިދާޅުވެފައި ވެ އެވެ. ކީރިތި ޤުރުއާނާމެދު ތައައްމުލުކުރުމަކީ އެ ފޮތުގައިވާ މާނަތަކާމެދު ފުންކޮށް ވިސްނައި ފިކުރުހިންގުމުގެ ތެރެއަށް ހިތުގެ ލަގަން ދޫކޮށްލުމެވެ. އަދި ކީރިތި ޤުރުއާން ތަދައްބުރުކޮށް ދެނެގަތުމުގެ މައްޗަށް ވިސްނުމާއި ފިކުރު ޖަމާކުރުމެވެ. އެ މާތް ފޮތް ބާވައިލެއްވުމުގެ މަޤުޞޫދަކީ މިއީ އެވެ. އެ މާތް ފޮތަކީ، ފަހުމުކުރުމެއް އަދި ތަދައްބުރުކުރުމެއް ނެތި ހަމައެކަނި ތިލާވަތުކުރުމަށްޓަކައި ބާވައިލައްވާފައިވާ ފޮތެއް ނޫނެވެ. ޞާދު ސޫރަތުގެ 29 ވަނަ އާޔަތުން މިކަން އެނގެ އެވެ. އެ އާޔަތުގެ މާނައަކީ "(މިއީ) ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވި ބަރަކާތްތެރި ފޮތެކެވެ. (އެއީ) އެއުރެން އެ ފޮތުގެ އާޔަތްތަކުގެ މާނަތަކާމެދު ވިސްނައި ފިކުރުކުރުމަށެވެ. އަދި ބުއްދީގެ އަހުލުވެރިން (އެއިން) ނަޞީޙަތް ލިބިގަތުމަށެވެ."

ކީރިތި ޤުރުއާން ތަދައްބުރުކުރުމަށް އެ ފޮތުގެ އެތައް އާޔަތެއްގައި މަގުދައްކަވާފައި ވެ އެވެ. މުޙައްމަދު ސޫރަތުގެ 24 ވަނަ އާޔަތުގެ މާނައިގައި ވެ އެވެ. "ފަހެ، ޤުރުއާނާމެދު އެއުރެން ވިސްނައި ފިކުރުނުކުރަނީހެއްޔެވެ؟ ނުވަތަ (އެއުރެންގެ) ހިތްތަކުގައި ތަޅުތަކެއް ލެވިފައިވަނީ ހެއްޔެވެ؟" އައްޒުޚުރުފު ސޫރަތުގެ 3 ވަނަ އާޔަތުގެ މާނައިގައި ވެ އެވެ. "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ ފޮތް ލައްވާފައިވަނީ، ޢަރަބި ބަހުން އޮތް ޤުރުއާނެއް ކަމުގަ އެވެ. އެއީ ތިޔަބައިމީހުން ވިސްނުމަށްޓަކަ އެވެ."

އަލްޙަސަނުލް ބަޞްރީ ވިދާޅުވެފައި ވެ އެވެ. "ކީރިތި ޤުރުއާން ބާވައިލައްވާފައިވަނީ އެއާމެދު ތަދައްބުރުކޮށް އެއާ އެއްގޮތަށް ޢަމަލުކުރުމަށްޓަކަ އެވެ. ފަހެ، ތިޔަބައިމީހުން އެ މާތް ފޮތް ތިލާވަތުކުރާ ފަދައިން، އެ މާތް ފޮތުގައި އަންގަވާފައިވާ ގޮތަށް ޢަމަލުކުރާށެވެ!"

އިބްނުލް ޤައްޔިމު ވިދާޅުވެފައި ވެ އެވެ.

"ކީރިތި ޤުރުއާން ތަދައްބުރުކުރުމަށްވުރެ ބޮޑަށް، ދުނިޔެއާ އާޚިރަތުގައި މީހަކަށް ފައިދާކުރާނެ އެހެން ކަމެއް ނެތެވެ. އަދި އޭނާ ނަޖާވުމާ އެންމެ ގާތްކަން ބޮޑީ ވެސް އެކަމެވެ. އެކަންކުރުމަކީ ހެޔޮކަމާއި ނުބައިކަން އޮޅުންފިލާނެ ކަމެކެވެ. އަދި އެ ދެ ކަމަށް ވާޞިލުވާނެ މަގުތަކާއި ސަބަބުތަކާއި، އެ ދެ ކަމުގެ އަމާޒުތަކާއި މޭވާތަކާއި، އެ ދެ ކަމުގެ އަހުލުވެރިންގެ ނިމުންތައް ވެސް އެނގޭނެ ކަމެކެވެ. ކީރިތި ޤުރުއާން ތަދައްބުރުކުރާ މީހާގެ އަތަށް، ބާއްޖަވެރިކަމާއި ފައިދާކުރަނިވި ޢިލްމުތައް ހިމެނޭ ކަންޒުތަކުގެ ތަޅުދަނޑިތައް އަރައިދެ އެވެ. އޭނާގެ ހިތުގައި އީމާންކަމުގެ ބިންގާތައް ސާބިތުވެދެ އެވެ. އެ ބިންގަލުގެ މަތީގައި އީމާންކަމުގެ ބިނާ އާރާސްތުވެދެ އެވެ. ދުނިޔެއާއި އާޚިރަތާއި ސުވަރުގެއާއި ނަރަކައިގެ ޞޫރަ އޭނާގެ ހިތަށް ކަޝްފުވެދެ އެވެ. އުންމަތްތަކުގެ މެދަށް އޭނާއަށް ދެވިދެ އެވެ. އެ އުންމަތްތަކަށް ވެގެންދިޔަގޮތް އޭނާއަށް އެނގިދެ އެވެ.

އެކަމުން ޢިބްރަތް ލިބިގަންނަންވީ ކަންކަން އޭނާއަށް ހާމަވެދެ އެވެ. މާތް ﷲ ގެ ޢަދުލުވެރިކަމާއި އެކަލާނގެ ފަޟުލުވަންތަވެރިކަން އޭނާއަށް މޭރުންވެދެ އެވެ. އެކަލާނގެ އިސްމުފުޅުތަކާއި ސިފަފުޅުތަކާއި ޢަމަލުފުޅުތައް އޭނާއަށް ތަޢާރުފުވެދެ އެވެ. އެކަލާނގެ ރުހިވޮޑިގަންނަވާ ކަންކަމާއި އެކަލާނގެ ކޯފާވެވޮޑިގަންނަވާ ކަންކަން އޭނާއަށް ހާމަވެދެ އެވެ. އެކަލާނގެ ޙަޟުރަތަށް ކުއްތަންވުމުގެ މަގު އޭނާއަށް ފެނިދެ އެވެ. އެ މަގު އިޚުތިޔާރުކުރާ މީހާއާ ކުރިމަތިވެދާނެ ކަންކަން އޭނާއަށް ތަޞައްވުރުކުރެވިދެ އެވެ. ޢަމަލުތައް ރަނގަޅުވާނެ ގޮތާއި ފާސިދުވާނެ ގޮތް އޭނާއަށް ވިސްނިދެ އެވެ. ސުވަރުގޭގެ އަހުލުވެރިންގެ މަގާއި ނަރަކައިގެ އަހުލުވެރިންގެ މަގު އޭނާއަށް މަޢުރިފާވެދެ އެވެ. ޚަލްޤުތަކުންގެ ބައިތަކާއި، އެއުރެން އެކަންކަމެއްގައި ބައިވެރިވާ ކަންކަމާއި، އެއުރެން އެކަންކަމެއްގައި ވަކިވެގަންނަ ކަންކަން އޭނާއަށް އޮޅުންފިލައިދެ އެވެ."

ކީރިތި ޤުރުއާން ކިޔެވުމާއި ކީރިތި ޤުރުއާން ތަދައްބުރުކުރުމަކީ ތަފާތު ދެ ކަމެކެވެ. އަބުލްޢައްބާސް ބްނު ޢަޠާ ވިދާޅުވާ ގޮތުގައި، ކޮންމެ ދުވަހަކު އެކަލޭގެފާނު ކީރިތި ޤުރުއާން ކިޔަވާވިދާޅުވެ ޚަތިމެއްކުރެއްވި އެވެ. ރަމަޟާންމަހުގެ ކޮންމެ ރެއަކާއި ދުވާލެއްގައި ތިން ޚަތިމުކުރެއްވި އެވެ. އަދި އެކަލޭގެފާނު ސާދަ އަހަރުދުވަސް ވަންދެން ކީރިތި ޤުރުއާން ތަދައްބުރުކުރެއްވި އެވެ. ނަމަވެސް ކީރިތި ޤުރުއާނުގެ ދެބައިކުޅަ އެއްބައި ވެސް އެކަލޭގެފާނަކަށް ނިންމަވައެއްނުލެއްވުނެވެ.

އެހެންވީމާ، ކީރިތި ޤުރުއާން ތަދައްބުރުކުރުމަކީ، ކީރިތި ޤުރުއާން ކިޔަވައި ތިލާވަތުކުރުމާ ތަފާތު ކަމެއްކަން އެބަ އެނގެއެވެ. އަދި ތިލާވަތުކުރުމަށްވުރެ މޮޅުއިތުރީ ތަދައްބުރުކުރުން ކަން ވެސް އެބަ އެނގެ އެވެ.