Advertisement

ޔާމީންގެ ހައްގު ނުގެއްލޭހެން ފައިސާގެ ހަގީގަތް ހޯދަން ސުޕްރީމް ކޯޓު އަމުރުކޮށްފި

30 ނޮވެންބަރު 2021 - 16:17 1

ނާޒިމް ހަސަން

ނާޒިމް ހަސަން

ރައީސް ޔާމީން މިނިވަންވުމަށްފަހު ސަޕޯޓަރުންނާއެކު: ފައިސާގެ ހަގީގަތް ހޯދުމުގެ ހައްގު ދައުލަތަށް އެބަ އޮތް ކަމަށް ކަނޑައެޅި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު


ޔާމީންގެ ހައްގު ނުގެއްލޭހެން ފައިސާގެ ހަގީގަތް ހޯދަން ސުޕްރީމް ކޯޓު އަމުރުކޮށްފި

30 ނޮވެންބަރު 2021 - 16:17 1

ކުރީގެ ރައީސް އަބްދުالله ޔާމީންގެ އެކައުންޓަށް އެސްއޯއެފް ކުންފުނިން ޖަމާކުރި އެއް މިލިއަން ޑޮލަރުގެ ހަގީގަތް ހޯދުމަށް ދައުލަތަށް އަދިވެސް ތަހުގީގު ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.

އެ އެއް މިލިއަން ޑޮލަރަކީ ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށް ދައުލަތުން ތުހުމަތުކޮށް, ޔާމީންގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާކުރި އެވެ. އެ ދައުވާ ސާބިތުވެ އެމަނިކުފާނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އަޔެ އެވެ.

ނަމަވެސް, ސުޕްރީމް ކޯޓުން މިއަދު ވަނީ އެ ހުކުމް ބާތިލްކޮށް ޔާމީންގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ ސާބިތުނުވާ ކަމަށް ކަނޑައަޅާފަ އެވެ. އެކަމަކު, ޔާމީންގެ އެކައުންޓަށް ވަން އެއް މިލިއަން ޑޮލަރުގެ ހަގީގަތް ހޯދިފައި ނެތްއިރު އޭގެ ހަގީގަތް ހޯދަން ޖެހޭކަން ސުޕްރީމް ކޯޓުން ފާހަގަކުރި އެވެ.

އެގޮތުން, ހުކުމްގައި ބުނެފައިވާ ގޮތުގައި، އެ ފައިސާގެ ހަގީގަތް ހޯދުމަށް ބަލާ ބެލުންތަކުން އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްނަމަ، އެ ފައިސާއާއި، އެ ފައިސާއިން އިންވެސްޓްކުރުމުގެ ސަބަބުން ފައިދާއެއް ލިބިފައިވާނަމަ، އެ ފައިދާއެއް ހިމެނޭނެހެން ހޯދުމުގެ ހައްގު ދައުލަތަށް ލިބެ އެވެ.

ނަމަވެސް, އެކަމުގައި ގާނޫނުއަސާސީގެ 60 ވަނަ މާއްދާއިން ޔާމީނަށް ލިބޭ ހައްގަށް އުނިކަމެއް އައިސްގެން ނުވާނެކަން ސުޕްރީމް ކޯޓުން ފާހަގަކުރި އެވެ.

ގާނޫނުއަސާސީގެ 60 ވަނަ މާއްދާ


(ހ) ޖިނާއީ ކުށެއްގެ ދައުވާ މީހެއްގެ މައްޗަށް ސާބިތުނުވާކަމަށް ކޯޓަކުން ހުކުމްކޮށްފިނަމަ، ދެވަނަ ފަހަރަށް ހަމަ އެ ކުށުގެ ނުވަތަ އެ ކުށުގެ އަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދައުވާ އެ މީހެއްގެ މައްޗަކަށް ނުއުފުލޭނެ އެވެ. އަދި ޖިނާއީ ކުށެއްގެ ދައުވާ މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، ދެވަނަ ފަހަރަށް ހަމަ އެ ކުށުގެ ނުވަތަ އެ ކުށުގެ އަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދައުވާ އެ މީހެއްގެ މައްޗަކަށް ނުއުފުލޭނެ އެވެ. (ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުގެ ތެރޭގައި މައްސަލަ އިސްތިއުނާފުކުރުމެއް ނުހިމެނެ އެވެ.

ހުކުމްގައި ބުނި ގޮތުގައި އެސްއޯއެފް ކުންފުންޏަކީ ޔާމީން ނުދަންނަ ކުންފުންޏެއް ކަމަށްވެފައި އެ ފައިސާއާމެދު ތަހުގީގީ އިދާރާތަކުން ޔާމީންގެ ސަމާލު ކަމަށް ކަންކަން ގެނެސްފައިވަނިކޮށް އެ ފައިސާއިން މަންފާ ހޯދާފައިވަނީ ގޯސްކޮށެވެ.

އެގޮތުން, އެއީ ދައުލަތުގެ އެއްބައިވަންތަކަން ގެއްލޭ ގޮތަށް ގާނޫނީ ވެރިކަމާ ހިލާފަށް އަދި ރައިސުލްޖުމްހޫރިއްޔާގެ މަގާމުގެ ޒިންމާއާ ވެސް ހިލާފަށް އަމިއްލަ މަސްލަހަތު އިސްކޮށް ކޮށްފައިވާ ކަމެއް ކަމަށް ފަނޑިޔާރު މަހާޒު އަލީ ޒާހިރު ފާހަގަ ކުރެއްވި އެވެ.

ފަނޑިޔާރު މަހާޒު އިއްވެވި ހުކުމްގައިވާ ގޮތުން އެސްއޯއެފްއާ ގުޅޭ ތަހުގީގެއް އެދެވޭ ގޮތުގައި ކޮށްފައިވާ ކަމުގައި ނުބެލެވެ އެވެ. އެއީ ހައިރާންވި ކަމެއްގެ ގޮތުގައި ވެސް ހުކުމްގައި ވަނީ ފާހަގަކޮށްފަ އެވެ.

"އަހުރެން ހައިރާންވީ، އެސްއޯއެފް ކުންފުންޏަކީ އެމްއެމްޕީއާރްސީގެ މައްސަލައިގައި މަނީ ލޯންޑާ ކުރުމަށް ބޭނުންކުރި އެންމެ ވަރުހުރި އާލާތްކަމަށް ދައުލަތުން ތަކުރާރުކޮށް ބުނުމަށްފަހު، އެ ކުންފުނީގެ އިސްފަރާތްތަކަށް ދައުވާ ވެސް ނުކުރުމަށް ނިންމާފައިވާ ވާހަކަ ބުނުމުން," ހުކުމްގައިވެ އެވެ.

"މުއާމަލާތާ ގުޅިގެން ފައިސާ ޖަމާކުރުމުގައި ހަރަކާތްތެރިވި ދެ މީހުންގެ ހެކިބަސް ކްރިމިނަލް ކޯޓުން ނަގާފައިނުވުމަކީ މި މައްސަލައިގައި ލިބިފައިވާ ހެކި ބަލިކަށިވެ ދާނެ ހާލަތެއް ކަމުގައި ބަލައި އެ ހެކިންގެ ހެކިބަސް އެ ކޯޓުން ނަގައި މައްސަލަ ނިންމުމުގެ ކުރިން އެ ހެކިންގެ ހެކިބަހަށް އެ ކޯޓުން ބުރަދަނެއް ހޯދަން ދައުލަތުން މަސައްކަތް ކޮށްފައިނުވޭ."

އެފަދައިން މަސައްކަތްކޮށް، އެ ކޯޓުން އެކަމުގައި ކާމިޔާބުނުވިނަމަ، އެކަން އިސްތިއުނާފީ މަރުހަލާގައި ދައުލަތަށް ފަހި ނުކުތާއެއްގެ ގޮތުގައި ފާހަގަ ކުރެވުނީސްކަން ވެސް 131 ސަފުހާ ހިމެނޭ ސުޕްރީމް ކޯޓުގެ ހުކުމްގައި ފާހަގަކުރި އެވެ.