Advertisement

ސާޅީހުން މައްޗަށް ދާއިރުވެސް، ތިޔަ ކަނބަލުން ޒުވާންކަންމަތީ ތިބެން ބޭނުންތަ؟

4 ޑިސެންބަރު 2021 - 06:24 1

މަރިޔަމް އަރީން އީސާ

މަރިޔަމް އަރީން އީސާ


ސާޅީހުން މައްޗަށް ދާއިރުވެސް، ތިޔަ ކަނބަލުން ޒުވާންކަންމަތީ ތިބެން ބޭނުންތަ؟

4 ޑިސެންބަރު 2021 - 06:24 1

ޒުވާންކަމުގައި ގިނަދުވަހު ހުންނަން ބޭނުންނުވާނީ ކާކު ހެއްޔެވެ؟ އެކަމަށް ކޮންމެ ގުރުބާނީއެއް ވާންޖެހުނަސް ވާނެމީހުން މަދެއް ނުވާނެ އެވެ. ކިތައްމެ ބޮޑު ހަރަދެއް ކުރަން ޖެހުނަސް ފަހަކަށް ނުޖެހޭނެ އެވެ. މިކަމުގައި ދެޖިންސް ހަމަހަމަ އެވެ. ހަގީގަތުގައި މިއީ އެހާބޮޑު ގުރުބާނީއެއް ވާންޖެހޭ ކަމެއް ނޫނެވެ. އޮތީ އެކަމަށްޓަކައި ދުރާލާ މަސައްކަތްކުރުމެވެ. ޑަކްޓަރުންދެއްވާ އިރުޝާދުތައް ބޮލާލާ ނުޖެހުމެވެ.

އުމުރުން 40 އަހަރަށްފަހު އަންހެނުންގެ ހޯމޯންސްތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ހަން ކުރަކިވެ ރޫޖެހުމަކީ ގުދުރަތީކަމެކެވެ. ހަމުގެ ޑޮކްޓަރެއް ކަމަށްވާ އައިލީން ޓޭން ބުނެފައިވާ ގޮތުގައި 40 ގެ އަހަރުތަކުގައި އަންހެނެއްގެ ހަށިގަނޑުގައި އުފައްދާ އީސްޓްރިޖެން ހޯމޯން މަދުވުމުގެ ނަތީޖާއެއްގެ ގޮތުން ހަމުގެ އޮމާންކަމާއި ރީތިކަން ދަމަހައްޓައިދޭ މާއްދާކަމަށްވާ ކޮލާޖެން އުފައްދާ މިންވަރު ދަށް ވެއެވެ. މި ކަންކަމާއި ގުޅިގެން މި އުމުރުގައި ހަން ކުރަކިވުމާއި، ދޫވުމާއި، ރޫޖެހުންފަދަ ކަންކަން ދިމާވާނެ އެވެ.

މިއީ ގުދުރަތީ ގޮތުން ކުރިމަތިވާ މަރުހަލާއެއްކަން އަހަރުމެން އެންމެންވެސް ދަންނަމު އެވެ. ނަމަވެސް ގިނަ ބަޔެއްގެ ސުވާލަކަށް ވެފައިވަނީ އެއްބައި މީހުންގެ ކިބައިން މި ކަންކަން ވަރަށް އަވަހަށް ފެންނަމުން ދާއިރު އަނެއްބައި މީހުން ޒުވާންކަން މަތީ ގިނަ ދުވަހު ތިބެނީ ކީއްވެބާ އެވެ؟ ހަގީގަތުގައި މިކަމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ އެއްކަމަކީ އަހަރުމެންގެ އާދަތަކެވެ. އެހެންކަމުން މިކަމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަމާއި ބެހޭ މައުލޫމާތު އެނގިފައި ހުރުން ވަރަށް މުހިންމެވެ. ތިރީގައި މި ބުނެދެނީ ޒުވާންކަން ދެމެހެއްޓުމަށްޓަކައި ގެންގުޅެވިދާނޭ ބައެއް އާދަތަކެވެ.

1. ސަންސްކްރީން ބޭނުންކުރުން

ސަންސްކްރީން ބޭނުްންކުރުމުން ހަމުގެ އޮމާންކަން އިތުރުކޮށްދޭ. ފޮޓޯ: ގޫގްލް


އަހަރުމެންގެ މި ދިވެހި ރާއްޖެއަކީ ހޫނު ގަދަ ގައުމެކެވެ. އިރުގެ ދޯދިތަކުގެ އަސަރު ކުރުމުގެ ސަބަބުންވެސް ހަމަށް މި ބަދަލުތައް އަންނަ މިންވަރު އަވަސްވެއެވެ. ރާއްޖޭގެ ގިނަ ބައެއްގެ ޝަކުވާއަކީވެސް މިއީ އެވެ. ކުޑައިރު އަވީގައި ދުވެ މަޖާކުރި އިރު މިކަމުގައި ހުރި ނުރައްކާތެރިކަން އިހުސާސްވެސް ނުކުރެވެ އެވެ. ސަންސްކްރީން އަކީ ކޯއްޗެއްކަން އަދިވެސް ރާއްޖެގެ ގިނަ ބަޔަކަށް ނޭނގެ އެވެ. މޫދަށް ދާއިރު އެކަނި އުނގުޅާލުމުން ފުދޭކަމަށް އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށްހީވެފައި އޮންނަ ކަހަލަ އެވެ. ނަމަވެސް ހަގީގަތަކީ މިއެއް ނޫނެވެ. ސައިންސުވެރިންގެ ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި ޒުވާން އުމުރުގައި ގަވައިދުން ސަންސްކްރީން ބޭނުން ކުރާ މީހުންގެ ހަން ކުރަކިވެ ރޫޖެހޭ މިންވަރު ލަސް ވެއެވެ. އެހެނީ ސަންސްކްރީން އަކީ އިރުގެ ނުރައްކާތެރި ޔޫވީ ދޯދިތަކުން ހަން ސަލާމަތްކޮށްދީ، ހަމުގައި ހުންނަ ތެތްކަން ގިނަ ވަގުތު ހިފަހައްޓައިދޭ އެއްޗެކެވެ. ސަންސްކްރީނެއް އިހްތިޔާރުކުރައްވާއިރު އެސް.ޕީ.އެފް 30 ގެ ބްރޯޑްސްޕެކްޓްރަމް ވައްތަރު އިހްތިޔާރު ކުރެއްވުމަށް ހަމުގެ ޑޮކްޓަރުން ބާރުއަޅުއްވަ އެވެ. އަދި ސަންސްކްރީން ގަވައިދުން ބޭނުންކުރުމަށް ސަމާލުވުމަކީވެސް ޑޮކްޓަރުންގެ ވަރަށް ބޮޑު އާދޭހެކެވެ.

2. މޫނުގައި ސައިބޯނި ނުލުން

ސައިބޯނި އެކުލެވިގެން ނުވާ ކްލެންސާއެއް. ފޮޓޯ: އެވީން ކޮސްމެޓިކްސް


އުމުރުން ދުވަސްވާ ވަރަކަށް ހަމުގެ ތެތްކަމާއި އޮމާންކަން ގެއްލެމުންދާނެ އެވެ. ގިނަގިނައިން މޫނު ދޮވުމުން މިކަން ކުޑަވާކަމަށް ގިނަ ބަޔަކަށް ހީވެފައި ވެއެވެ. ނަމަވެސް މިއީ ކުށްހީއެކެވެ. ޑޮކްޓާ އައިލީން ޓޭން ވިދާޅުވެފައިވާ ގޮތުގައި ހަމައެކަނި ފެނުން މޫނުދޮވުމުން މޫނުގައި ހުންނަ ޖަރާސީމުތައް މަރެއް ނުވާނެ އެވެ. މިކަން އަހަރުމެންގެ ތެރެއިން ގިނަބަޔަކަށް އެނގެ އެވެ. މޫނުގައި ރަނގަޅަށް ސައިބޯނިލައި ދޮވެގެން ނޫނީ ނިދަން އޮށޯވެގެން ނުވާނެކަމަށް ދަރިން ގާތު ބުނެ އުޅެނީ މިހެންވެގެންނެވެ. ނަމަވެސް މޫނުގައި ސައިބޯނި މާ ގިނައިން ލުމަކީ ހަމުގެ ބޭރުގައިވާ ތެޔޮ ފަށަލަ ހަލާކުވުމަށް މަގުފަހި ކުރުވާ ކަމެކެވެ. މިކަން ކުޑަކުރުމަށްޓަކައި ހަމުގެ ޑޮކްޓަރުން އިލްތިމާސް ކުރައްވަނީ ސޯޕްލެސް ކްލެންސާއެއް ނުވަތަ ސައިބޯނި އެކުލެވިގެން ނުވާ ކްލެންސާއެއް ބޭނުން ކުރެއްވުމަށެވެ.

3. ގިނަގިނައިން ހަންގަނޑު މޮއިސްޗަރައިޒްކުރުން

ގިނަ މީހުންގެ ހަމާއި ގުޅޭ މޮއިސްޗަރައިޒާއެއް. ފޮޓޯ: ސެޓަފިލް


ކޮންމެ ރެޔަކާއި ދުވާލަކު ހަން މޮއިސްޗަރައިޒް ކުރުމުގެ ގޮތުން އެހާ ބާރުގަދަ ނޫން ކްރީމްއެއް ބޭނުން ކުރުމަކީ ހަމުގެ އޮމާންކަން އިތުރުކޮށްދޭ ކަމެކެވެ. ހަމުގެ މައްސަލަތައް ހުންނަ ބޭފުޅުން މޮއިސްޗަރައިޒާއެއް ބޭނުންކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުން ބުއްދިވެރި އެވެ. ހަމުގެ ގިނަ ޑޮކްޓަރުން އިއްތިފާގުވެލައްވާ ގޮތުގައި ހައިރުލޯނިކް އެސިޑް އާއި ގްލިސެރިން ހިމެނޭ ކްރީމްތައް އާންމުކޮށް ހުރިހާ ވައްތަރެއްގެ ހަމަކާވެސްގުޅޭނެ އެވެ. އަދި ހަމުގެ މައްސަލަ ހުންނަ މީހުން ސެރެމައިޑް އެކުލެވޭ ކްރީމްތައް ބޭނުންކުރުމަށް ޑޮކްޓަރުން ލަފާދެއްވަ އެވެ. ސެރެމައިޑްއަކީ ގުދުރަތީގޮތުންވެސް ހަމުގައި އެކުލެވިގެންވާ މާއްދާއެކެވެ. ސެރެމައިޑްސްގެ ސަބަބުން ޖަރާސީމު ހަމުގެ ފަށަލައިން އެތެރެވާ މިންވަރު ކުޑަކޮށްދެ އެވެ.

4. އެންޓީ-އޭޖިންގް ކްރީމްތައް ބޭނުންކުރުން

ގިނަ މީހުންގެ ހަމާއި ގުޅޭ ބޭނުންކުރުން ރަނގަޅުކަމަށް ޑޮކްޓާ ޓޭން ލަފާދެއްވާފައިވާ އެންޓި އޭޖިންގް ކްރީމެއް. ފޮޓޯ: ޗާންޓެކައިލް


ހަމަށް އެންމެ ރަނގަޅު ދެ މާއްދާކަމަށް ސައިންސުވެރިން ފާހަގަކޮށްފައިވަނީ ވިޓަމިން ސީ އާއި ރެޓިނޯލް އެވެ. ވިޓަމިން ސީ އަކީ ހަމަށް އެއްވެސް ކަހަލަ އުނދަގުލެއް ކުރިމަތުކުރުވާނެ މާއްދާއެއް ނޫނެވެ. އެހެންކަމުން ކޮންމެ ހަމުގެ ބާވަތަކާވެސް ވިޓަމިން ސީ ގުޅޭނެ އެވެ. ރެޓިނޯލް އަކީ ހަމުގެ ޑޮކްޓަރުންގެ މެދުގައި އެންމެ ބޮޑަށް ލޯތްބާއި ގަދަރި ހޯދާފައިވާ މާއްދާ އެވެ. އެހެނީ ރެޓިނޯލް ބޭނުންކުރުމުގެ ސަބަބުން ހަމުގައި ހުންނަ ރޫތައް އޮމާންވެ، ކޮލާޖެން އުފައްދައިދޭ މިންވަރު އިތުރުވެ، ކަޅު ލައްތައް ފިލައިގެން ދެ އެވެ. ހަން ދޫވުން ކުޑަކުރުމަށް އެދޭނަމަ ބޭނުންކުރަން އެންމެ ރަނގަޅީ ޕެޕްޓައިޑްސް އެކުލެވޭ ކްރީމް އެކެވެ.

މީގެ އިތުރުން ބޭނުންވަނީ ރަނގަޅު ކާނާއާއި ފުރިހަމަ ނިންޖެވެ. މި ދެ ކަންތައްތަކާއެކު، މަތީގައި މި ކިޔައިދެވުނު ގޮތަށް ދިރިއުޅުމުގެ އާދަތައް ބައްޓަންކޮށްފިނަމަ ޒުވާންކަން ދެމެހެއްޓުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެކެވެ.