Advertisement

އިޖުރާއީ ގޯހުން ޑްރަގުގެ "ބޮޑުން" ދޫވުން: ކޮމިޓީގެ ބޮޑު ނިންމުމަކާއެކު ޕީޖީއަށް ހުށަހެޅުމެއް

24 ނޮވެންބަރު 2021 - 13:05 3

ނާޒިމް ހަސަން

ނާޒިމް ހަސަން

ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ އާއި ޖުޑީޝަރީކޮމިޓީ ގުޅިގެން ހިންގި ދިރާސާއަށްފަހު ރިޕޯޓް ހުށަހަޅުއްވަނީ --


އިޖުރާއީ ގޯހުން ޑްރަގުގެ "ބޮޑުން" ދޫވުން: ކޮމިޓީގެ ބޮޑު ނިންމުމަކާއެކު ޕީޖީއަށް ހުށަހެޅުމެއް

24 ނޮވެންބަރު 2021 - 13:05 3

އެކަށީގެންވާ ހެކި ލިބިފައި ހުންނަ މައްސަލަތަކުގައި ވެސް އިޖުރާއީ ގޯހެއްގެ ސަބަބުން ބޮޑެތި ކުށުގެ ތުހުމަތުވާ މީހުން ސަލާމަތްވާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. ހާއްސަކޮށް މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގާ ބޮޑެތި އޮޕަރޭޝަންތަކުގައި ހައްޔަރުކުރާ މީހުން މިގޮތަށް ދަނީ ދޫވަމުންނެވެ. އެހެންވެ، މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ އަދި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގުޅިގެން ވަނީ މުހިންމު ނިންމުމެއް ނިންމައި, ވަރުގަދަ ހުށަހެޅުންތަކެއް ހުށަހަޅާފަ އެވެ.

ކަނޑުމަތީގައި ވަރަށް ގިނަ ވަގުތު ފުލުހުން ހޭދަކޮށް ގދ. ހުޅުވާރުލުން ހަތް ގޯންޏެއްގައި 149 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތެވެ. އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ މައްޗަށް ދައުވާކޮށް މައްސަލަ އެންމެ ފުރަތަމަ ކުރިމިނަލް ކޯޓަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ހުށަހެޅި އެވެ. ނަމަވެސް, އެ ކޯޓުން އެ މައްސަލަ ބޭރުކޮށްލީ އިހުތިސޯސް ނެތް ކަމަށް ބުނެ އެވެ.

ކުރިމިނަލް ކޯޓުގެ އެ ނިންމުމާއެކު, ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މައްސަލަ ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ވެއްދި އެވެ. ނަމަވެސް, މައްސަލާގައި ދައުވާ ލިބޭ މީހުން ހައްޔަރުކޮށްފައި ތިބިއިރު, ގައްދޫ ކޯޓާ ހަމައަށް މައްސަލަ ގެންދެވުނުއިރު ދައުވާ ކުރުމަށް ޖިނާއީ އިޖުރާއަތުގައި ކަނޑައަޅާފައިވާ މުއްދަތު ވަނީ ހަމަވެ އެވެ. އެހެންވެ, އެ މައްސަލަ ގައްދޫ ކޯޓުން ވެސް ބޭރުކޮށްލީ އެވެ.

އެ މައްސަލާގައި ދެން ގާނޫނީ ގޮތުން ކުރިއަށް ދެވޭނެ ހަމައެއް ނެތް ކަމަށް ނިންމައި, މައްސަލަ ހިފައިގެން ޕްރޮސިކިއުޓާ ޖެނަރަލް ހައިކޯޓަށް ވަޑައިނުގަންނަވަ އެވެ.

ހުޅުވާރުލުގެ 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ނުވާ ކަމަކަށްވެ, މައްސަލަ ފައިލްވީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މުހިންމު ދެ ކޮމިޓީއަކުން ގުޅިގެން މި މައްސަލަ ދިރާސާކުރީ އެހެންވެ އެވެ. ކޮމިޓީން ގަބޫލުކުރާ ގޮތުގައި މިފަދަ މައްސަލަތަކަކީ އިޖުރާއީ ކަންކަން ނަގައިގެން ދޫކޮށްލެވިގެންވާނެ ފަދަ މައްސަތަކެއް ނޫނެވެ.

149 ކިލޯ މަަސްތުވާތަކެތީގެ ތަހުގީގު

  • ކަނޑުމަތީ ފާރަލުމަށްފަހު ލޯންޗެއް ހިފެހެއްޓި
  • ކޯޓު އަމުރެއް ނެތި ދެ ގެއެއް ފާސްކުރި
  • ހައްޔަރަކަށް ނުވާ ގޮތަށް ފަސް މީހަކު ގެންގުޅިފައިވޭ (ތިން މީހަކު 25 ގަޑިއިރަށް, ދެ މީހަކު 19 ގަޑިއިރަށް)
  • މީހުން ހައްޔަރުނުކުރީ އެ މީހުން ތަހުގީގަށް އެއްބާރުލުންދޭތީ
  • ފަޅު ރަށަށް ފުލުހުންނާއެކު ގޮސް ފޮރުވާފައިހުރި މަސްތުވާތަކެތި ދެއްކި
  • އޭގެފަހުން ގައްދޫ ކޯޓުގެ އަމުރަކާއެކު ފަސް މީހުން ހައްޔަރުކުރި

ހުޅުވާރުލުގައި ފުލުހުން ހިންގި އޮޕަރޭޝަނުގެ ތެރެއިން --


ޓްރަޔަލް ކޯޓުގައި އަލުން ދައުވާކުރުމަށް އެއްވެސް ހުރަހެއް ނެތް

ގާނޫނީ ގިނަ ވަކީލުންތަކެއް ތިއްބެވި ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓްގައި ބުނި ގޮތުގައި އިބްތިދާއީ މަރުހަލާގެ ހިސާބުން ކޯޓުން ބޭރުކޮށްލާ މައްސަލަތަކުގެ ތެރެއިން އަލުން ދައުވާކުރެވެން ހުންނަ މައްސަލަތަކުގައި މައްސަލަ ބޭރުކޮށްލި ކޯޓެއްގައި ނުވަތަ އިހްތިސޯސް ލިބިގެންވާ އެހެން ކޯޓެއްގައި އެ ދައުވާ ނުވަތަ ދައުވާއަށް ބަދަލު ގެނެސްގެން ދައުލަތުން ދައުވާކުރުމަކީ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އަމަލުކުރާ އުސޫލެކެވެ.

ދިވެހިރާއްޖެއަށް ބަލާއިރުވެސް، އެ އިހްތިޔާރު ދައުލަތަށް ލިބިގެންވާ ކަމަށް ކޮމިޓީން ގަބޫލުކުރެ އެވެ. ސަބަބެއްގެ ގޮތުގައި ދެއްކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 115 ވަނަ މާއްދާގެ (ނ) އެވެ. އޭގައި ބަޔާން ކުރަނީ، އިބްތިދާއީ އަޑުއެހުމެއްގެ ތެރެއިން ދައުވާއެއް ބާތިލު ކަމަށް ކޯޓުން ކަނޑައެޅުމަކީ، އިތުރު ހެއްކާއެކު، ނުވަތަ ދައުވާގެ ލިޔުމަށް ބަދަލު ގެނެސް، ހަމަ އެ ދައުވާ އަލުން އުފުލުމަށް ހުރަހަކަށްވާނޭ ކަމެއް ނޫން ކަމަށެވެ.

"...މި މައްސަލައަކީ ޝަރީއަތް ހިންގައި، ހެކި ވަޒަންކޮށް، ކުށް ސާބިތުކުރެވޭ ވަރުގެ ހެކި ނެތްކަމަށް ނިންމައި، ތުހުމަތުކުރެވިފައިވާ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅާފައިވާ މައްސަލައެއް ނޫން, އެއާ ހިލާފަށް މި މައްސަލަ ގދ.ގައްދޫ ކޯޓުން ބޭރުކޮށްލާފައިވަނީ، މިހިނދަށް އެ ކޯޓުގައި މި މައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް ބަޔާންކޮށް، އިބްތިދާއީ އަޑުއެހުމުގެ މަރުހަލާގައި ދައުވާ ފޯމު ބާތިލުކުރުމާއެކު," ރިޕޯޓްގައިވެ އެވެ.

ގާނޫނާ ހިލާފަށް ހޯދާ ހެކި ކޯޓަށް ބަލައިގަނެވޭނެކަމާމެދު އުފައްދާ ސުވާލު

ކޮމިޓީ ރިޕޯޓްގެ ދެން އެންމެ ބޮޑު ބަހުސަކަށް އޮތީ ގާނޫނާ ހިލާފަށް ހޯދާ ހެކީގެ މައުލޫ އެވެ.

ރިޕޯޓްގައި ބުނީ ގިނަ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ހެއްކެއް، ހެއްކެއްގެ ގޮތުގައި ކޯޓުން ބަލައިނުގަންނަ އިސްތިސްނާ ހާލަތްތަކެއް ވީނަމަވެސް، ކޯޓަށް ބަލައިގަނެވޭ، މައްސަލައާ ގުޅުންހުރި އަދި އެ މައްސަލައަކަށް މުހިންމުވާ އަދި ހެއްކެއްގެ ގޮތުގައި އިތުބާރު ހިފޭ ކޮންމެ ހެއްކަކީ، ހެއްކެއް ކަމަށް ބަލައިގަންނަމުން ދިއުމަކީ އާންމު އުސޫލު ކަމަށެވެ.

"...އަދި އެއީ ގާނޫނާ ހިލާފަށް ހޯދާފައިވާ ހެއްކެއް ކަމުގައި ވީނަމަވެސްމެއެވެ." ރިޕޯޓްގައިވެ އެވެ.

އެކަން ސާބިތުކުރުމަށް އިނގިރޭސިވިލާތާއި އިންޑިއާ އަދި އެމެރިކާގެ ކޯޓުތަކުގެ ބައެއް ނިންމުންތަކާ ހަވާލާދީ ރިޕޯޓްގައި ނުކުތާތައް ފާހަގަކޮށްފައިވެ އެވެ.

އެގޮތުން, ގާނޫނާ ހިލާފަށް ހޯދާ ހެކި ކޯޓަށް ބަލައިނުގަތުމުގެ އެންމެ ހަރުކަށި ގަވާއިދެއް ގެންގުޅޭ އެމެރިކާގެ ކޯޓުތަކުން އެފަދަ ހެކި ބަލައިގަތުމަށް ކަނޑައަޅާފައިވާ ބައެއް އިސްތިސްނާ ހާލަތްތައް ރިޕޯޓްގައި ފާހަގަކުރި އެވެ.

  • ފުލުހުން ހެޔޮ ނިޔަތުގައި ކުރި އަމަލަކުން ހޯދި ހެކި ކޯޓުން ބަލައިގަނެ އެވެ. މިސާލަކަށް، ބާތިލުކޮށްފައިވާ ބަލާފާސްކުރުމުގެ އަމުރެއް އެއީ ދެމި އޮތް އަމުރެއްކަމަށް ހީވެގެން
  • ކުށުގެ ތުހުމަތުގައިވާ ފަރާތެއްގެ އަތުން ގާނޫނާ ހިލާފަށް އާންމު ފަރުދަކު (ސަރުކާރުގެ ފަރާތެއް ނޫން ފަރާތަކުން) ހޯދާފައިވާ ހެކި ކޯޓަށް ބަލައިގަނެ އެވެ.
  • ގާނޫނާ ހިލާފަށް ބަލާފާސްކުރިކުރުމުން، ދައުވާ ލިބޭ މީހާ ނޫން އެހެން މީހެއްގެ އަސާސީ ހައްގަކަށް އަރައިގަނެފައި ވީނަމަވެސް އެކަމަކީ، އެގޮތުން ހޯދި ހެއްކެއް ކޯޓުން ބަލައިނުގަންނަ ސަބަބެއް ނޫނެވެ.
  • ގާނޫނާ ހިލާފަށް ބަލާފާސްކުރުމުގެ ތެރެއިން ހޯދި ހެއްކަކީ، ގާނޫނާ ހިލާފަށް ބަލާފާސްނުކުރި ނަމަވެސް އާހިރުގައި ފެންނާނެ ހެއްކަކަށް ވެގެންދާނެ ނަމަ، ގާނޫނާ ހިލާފަށް ހޯދި އެ ހެކި ކޯޓަށް ބަލައިގަނެ އެވެ.

އެމެރިކާގެ އެ ނިންމުންތަކަށް ފަހު, ދެން ރިޕޯޓްގައި ފާހަގަކުރީ ރާއްޖޭގެ ސުޕްރީމް ކޯޓުން މިދިޔަ އަހަރު ނިންމާފައި އޮތް މުހިންމު ނިންމުމެއްގައިވާ ނުކުތާތަކެވެ. އެއީ, އިޖުރާއީ ހިލާފާއި ގައިރު ގާނޫނީ ވުމާ ގުޅޭ ގޮތުން ނިންމި ނިންމުމެކެވެ.

އެ ނިންމުމުގައިވާ ގޮތުން, އިޖުރާއަތާބެހޭ ގާނޫނެއްގައި ކަނޑައެޅިފައިވާ އުސޫލީ ކަމަކާ ހިލާފުވުމުން ނުވަތަ އެ އިޖުރާއަތު އެއްވެސް މިންވަރަކަށް ނުހިންގައި މުޅި އެ އިޖުރާއަތު ބޮލާލާޖެހުމުން މެނުވީ، މުޅި އަމަލު ގައިރު ގާނޫނީ އަމަލަކަށް ވެގެން ނުދާނެ އެވެ.

"ކޮންމެ އިޖުރާއީ ގޯހެއްގެ ނަތީޖާއަކީ މައްސަލަ ބާތިލުވުންކަމުގައި ނުވަތަ ބަންދުގައި ހުންނަ މީހާ ދޫވުންކަމަށް ބެލުމަކީ މުޖުތަމައުގެ ހައްގަށް ނުބައި އަސަރުތަކެއް ކުރާނޭ ކަމެއް," ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުމުގައިވެ އެވެ.

އިހުމާލުން ނުވަތަ ފަރުވާކުޑަކަމުން ނުވަތަ ގަސްތުގައި، އިޖުރާއަތާ އެއްގޮތަށް ކުރަންޖެހޭ ކަމެއް އެ ނޫން ގޮތަކަށް ކުރުމުގެ ސަބަބުން، މީހަކު ކުށްކުރިކަން ޔަގީންވާ ހާލަތުގައި ވެސް އެފަދަ އިޖުރާއީ އުނިކަމަކާހުރެ، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކުށްވެރިން ވީއްލިގެން ދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނޫން ކަމަށް ވެސް ނިންމުމުގައިވެ އެވެ.

ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގޮތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނެއްގައި ކަންކުރަންޖެހޭނޭ ކަމަށް ބުނެފައިވަނިކޮށް އެކަންކުރަން އޮތް ގޮތް ނޫން ގޮތަކަށް ނުވަތަ އެންމެ ފުރިހަމަ ނޫން ގޮތަކަށް އެކަން ކޮށްފިނަމަ ނުވަތަ އެފަދަ ގޮތަކަށް އިޖުރާއަތެއް ހިންގައިފިނަމަ، ނުވަތަ އެކަމެއް ކުރަން އޮތް މުއްދަތުގެ ފަހުން އެކަން ކޮށްފިނަމަ، އެފަދަ ކަންކަން ބެލެވޭނީ އެއީ އިޖުރާއީ ހިލާފެއް ކަމަށެވެ.

އެކަމުގެ ސަބަބުން އެ މައްސަލައެއްގައި ސުވާލު އުފެދިފައިވާ މުޅި ޖިނާއީ އިޖުރާއަތަކީ ގައިރު ގާނޫނީ އިޖުރާއަތަކަށް ވެގެން ނުދާނެކަމަށް ނިންމުމުގައި ބަޔާންކޮށްފައިވެ އެވެ.

މި ނިންމުމާ ހަވާލާދީ, ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މިހާރު ވަނީ ނިންމުމެއް އިސްތިއުނާފުކުރުމަށް ވެސް ނިންމާފަ އެވެ. އެއީ މަސްތުވާތަކެތީގެ މައްސަލައެއްގައި ބަލާފާސްކޮށް ހޯދި ތަކެތީގެ އިންވެންޓްރީއެއް ނުދިން މައްސަލައެއްގައި މީހަކު ދައުވާއިން ސަލާމަތްވި މައްސަލައެއްގަ އެވެ. އެ މައްސަލާގައި ވެސް ޕީޖީން ވެސް ގަބޫލު ކުރާ ގޮތުގައި އެފަދަ އިޖުރާއީ ގޯހަކާހުރެ މުޅި ދައުވާ ބާތިލެއް ނުކުރެވޭނެ އެވެ.

ޕްރިޮސިކިއުޓާ ޖެނަރަލް އަދި ކޮމިޝަނާ އޮފް ޕޮލިސް: 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ރިވިއު ކުރަން ވަނީ އެދެން ވަނީ ނިންމާފައި


149 ކިލޯގެ މައްސަލާގެ ހައިލައިޓްސް

  • ތުހުމަތު ކުރެވޭ މީހުން މަސްތުވާތަކެތި ހޯދި ފަޅު ރަށަށް ގޮސް އުޅެފައިވަނީ އެމީހުންގެ އަމިއްލަ އިހްތިޔާރުގައިކަން ފުލުހުން ބުނާކަން، އަދި އެމީހުން ވެސް އެ ނޫން ގޮތަކަށް ނުބުނާކަން
  • މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތައް ކޯޓު އަމުރުގެ ދަށުން މެނުވީ ހައްޔަރުކޮށްފައިނުވާކަން އަދި ގާނޫނީ އިންޒާރުދީ އިޖުރާއަތްތައް ފުރިހަމަކޮށް، އަދި ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރުކޮށްފައިވާކަން
  • އެމީހުންނަށް އެއްވެސް އަނިޔާއެއް ނުވަތަ ބިރު ދެއްކުމުގެ އަމަލެއް, މަޖުބޫރު ކޮށްގެން އެއްވެސް ކަމެއް ކުރުވިކަމަކަށް ވެސް، ތުހުމަތު ކުރެވޭ މީހުން ބުނެފައި ނެތް
  • ވަޅުލާފައިވާ ގޯނިތަކުގައިވާ މަސްތުވާތަކެތި ފުލުހުންނަށް ދައްކާފައިވަނީ ވެސް ތުހުމަތުކުރެވޭ މީހުން ފުލުހުންނާއެކު ފަޅު ރަށަށް ގޮސްގެންކަން؛ އަދި އެތަކެތި އެމީހުން އަމިއްލައަށް ދައްކާފައިވާ ކަމާމެދު އަދިވެސް އިންކާރު ނުކުރުން.
  • ތަހުގީގުގައި ފުލުހުން ހޯދާފައިވާ ހެއްކާ، ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅިފައިވާ މިންވަރާމެދު އެއްވެސް ސުވާލެއް އުފެދިފައިނުވޭ

މައްސަލާގެ ތަހުގީގުގައި އެ މަގުން ކަން ހިނގާފައިވާއިރު, މި މައްސަލައިގެ މުޅި ތަހުގީގު އޭގެ ޒާތުގައި ބާތިލުކަމަށް ބަލައި، އަދި ތުހުމަތުކުރެވޭ މީހުން އަމިއްލައަށް ގޮސް ދައްކާފައިވާ، އެ މީހުން ފަޅުރަށުގައި ވަޅުލާފައިވާ 149 ކިލޯގެ މަސްތުވާތަކެއްޗަކީ ކޯޓަށް ބަލައިގަނެވޭނެ ހެކި ނޫން ކަމަށް ކަނޑައެޅުމުގެ ގާނޫނީ ހަމައެއް ނެތް ކަމަށް ކޮމިޓީން ނިންމި އެވެ.

...ޖިނާއީ މިފަދަ ބޮޑު މައްސަލައެއްގައި، އާންމު މަސްލަހަތުގައި އަލުން ދައުވާނުކޮށް ދޫކޮށްލެވިގެންނުވާނެ," ރިޕޯޓްގައިވެ އެވެ.

ކޮމިޓީގެ މުހިންމު ހުށަހެޅުން ތަކެއް: މިފަދަ ހުރިހާ މައްސަލައެއް ރިވިއު ކުރޭ

ކޮމިޓީން ރިކަމެންޑޭޝަންތަކުގެ ގޮތުގައި އެންމެ ފުރަތަމަ ވެސް ހުށަހަޅާފައިވަނީ 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ އަލުން ރިވިއުކުރުމަށް އެންގުމަށެވެ.

އޭގެއިތުރުން, ޖިނާއީ ބޮޑެތި ކުށުގެ މައްސަލަތަކުގައި، އިޖުރާއީ ނުކުތާއަކާ ހުރެ އިބްތިދާއީ އަޑުއެހުމުގެ މަރުހަލާގެ ނިންމުންތަކުން ކޯޓުން ބޭރުކޮށްލާފައިވާ އެހެން މައްސަލަތަކުގެ ތެރެއިން އަލުން ކޯޓަކަށް ހުށަހެޅިފައިނުވާ މައްސަލަތައް، ޕްރޮސިކިއުޓާ ޖެނެރަލް ރިވިއުކޮށް އަލުން ދައުވާކުރެއްވުމާމެދު ގޮތް ނިންމުމަށް ދެންނެވުމަށް ވެސް ނިންމާފައިވެ އެވެ.

އަދި 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ތަހުގީގުގައި ބައިވެރިވި ފުލުހުންނާއި ދައުވާކުރުމުގައި ހަރަކާތްތެރިވި ދައުލަތުގެ ވަކީލުން އަމަލުކުރި ގޮތް ބަލައި, އިހުމާލުން ނުވަތަ ފަރުވާ ކުޑަކަމުން ނުވަތަ ގަސްދުގައި އިޖުރާއަތަކާ ހިލާފުވެފައިވޭތޯ ބެލުމަށް އަންގަން ވެސް ނިންމި އެވެ. އަދި ހިލާފުވެފައިވާ ފަރާތަކާމެދު ފިޔަވަޅު އެޅުމަށް ފެންނަކަމަށް އަންގަން ވެސް ނިންމި އެވެ.

ދެން ކޮމިޓީން ހުށަހެޅީ މުސްތަގުބަލުގައި މައްސަލަތަކާ ގުޅިގެން ތަހުގީގުގައި ނުވަތަ ޝަރީއަތަށް ހުށަހެޅުމުގައި ފުރިހަމަކުރަން ހުންނަ ކަންކަން ފުރިހަމަކުރުމަށް ފަރުވާތެރިވުމުގައާއި، އިޖުރާއަތުތަކާއި އުސޫލުތަކާ އެއްގޮތަށް އަމަލުކުރޭތޯ ޔަގީންކުރުމަށް ހަރުދަނާ އުސޫލުތަކެއް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގަ އާއި ފުލުހުންގެ މުއައްސަސާގައި ގާއިމުކުރުމަށް އެންގުމަށެވެ.