Advertisement

އައްސުލްޠާނާ ރަޟިއްޔަތުއްދީން ނުވަތަ ރާޟިޔާ ސުލްޠާނާ

އައްސުލްޠާނާ ރަޟިއްޔާ ނުވަތަ ރާޟިޔާ ސުލްޠާނާ. --ފޮޓޯ: އަރަބިކް ޕޯސްޓް


އައްސުލްޠާނާ ރަޟިއްޔަތުއްދީން ނުވަތަ ރާޟިޔާ ސުލްޠާނާ

ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން

އިންޑިއާގެ ބައްރުގައި ޤާއިމުވި އިސްލާމީ ދައުލަތުގައި ވެރިކަންކުރެއްވި ބޭފުޅުންގެ ތެރެއިން ރަޟިއްޔާ ބިންތު އިލްތުތުމިޝް (1205-1240) މަޝްހޫރުވެވަޑައިގެންފައިވަނީ ރާޟިޔާ ސުލްޠާނާގެ ނަމުންނެވެ. އެކަމަނާއަށް އައްސުލްޠާނާ ރަޟިއްޔަތުއްދުންޔާ ވައްދީން ވެސް ކިޔަ އެވެ. އެކަމަނާގެ ވެރިކަން ދެމިއޮތީ 1236 މ. އާއި 1240 މ. އާ ދެމެދުގަ އެވެ. އެކަމަނާ ރަނިކަމަށް އިސްވެވަޑައިގަތީ އެކަމަނާގެ އަޚު ރުކުނުއްދީނު ފައިރޫޒުގެ ރަސްކަމަށްފަހުގަ އެވެ. އެ ދެ ބޭފުޅުންގެ ބައްޕާފުޅަކީ އައްސުލްޠާން ޝަމްސުއްދީން އިލްތުތުމިޝް އެވެ. ދައުލަތް ހިންގުމާއި ލަޝްކަރު ބެލެހެއްޓުމުގެ ތަޢުލީމާއި ތަމްރީނު، ބައްޕާފުޅުގެ ޒަމާނުގައި ރަޟިއްޔާއަށް ލިބިވަޑައިގަތެވެ. އެއީ ވަލީއަޙުދުގެ މަޤާމު އެކަމަނާއަށް ދެއްވުމަށް ބައްޕާފުޅު ބޭނުންފުޅުވުމުގެ ސަބަބުން ކަމަށް ބެލެވެ އެވެ.

ޙަޔާތްޕުޅަށް ނަޒަރެއް

ރާޟިޔާ ސުލްޠާނާގެ ބައްޕާފުޅު ޝަމްސުއްދީން އިލްތުތުމިޝްގެ ޙަޔާތްޕުޅު އިންޑިއާގައި ފެށިފައިވަނީ ތުރުކީވިލާތުގެ އަޅުކުއްޖެއްގެ ގޮތުގަ އެވެ. އޭނާގެ ސާހިބަކީ އިންޑިއާގެ ދިއްލީގެ ފުރަތަމަ ސުލްޠާނު ކަމުގައިވާ ޤުޠުބުއްދީނު އައިބަކް އެވެ. ސުލްޠާން ޤުޠުބުއްދީނުގެ ހިތްޕުޅުގައި އިލްތުތުމިޝްގެ މައްޗަށް ވަރަށް ބޮޑު އިތުބާރެއް އުފެދުނެވެ. އެކަމުގެ ނަތީޖާއަކަށްވީ އޭނާ އެމަނިކުފާނާ ވަރަށް ބޮޑަށް އަރިސްކުރެއްވުމެވެ. އަދި އެމަނިކުފާނުގެ ދަރިކަނބަލުން ތުރުކާން ޚާތޫން އޭނާއާ ކާވެނިކޮށްދެއްވުމެވެ. އެ ކާވެނިން ޙާޞިލުވި އެންމެ ފޮނި މޭވާއަކީ ރާޟިޔާ އެވެ.

ރާޟިޔާގެ ޢުމުރުފުޅުން ފަސްވަނަ އަހަރުގައި އެކަމަނާގެ ކާފާފުޅު އައްސުލްޠާން ޤުޠުބުއްދީނު އައިބަކް އަވަހާރަވި އެވެ. އެއަށްފަހު ރަސްކަމަށް އިސްވެވަޑައިގަތީ އެކަމަނާގެ ބައްޕާފުޅު އިލްތުތުމިޝް އެވެ. އެކަމަނާ ބޮޑުފުޅުވަމުންދިޔައިރު، ބައްޕާފުޅު އެކަމަނާގެ ތަރުބިއްޔަތަށް ވަރަށް ބޮޑު އިސްކަމެއް ދެއްވި އެވެ. ދައުލަތުގެ ކަންކަން އެމަނިކުފާނު ހިންގަވާއިރު އަރިއަހުގައި އެކަމަނާ ހުންނެވުމަށް ހުއްދަދެއްވި އެވެ. އަދި ކުއްލި ޙާލަތްތަކުގައި ދައުލަތް ހިންގެވުމަށް އެކަމަނާ ތަމްރީނުކުރެއްވި އެވެ. ޙަޤީޤަތުގައި، އެމަނިކުފާނަށްފަހު ރަސްކަންކުރެއްވުމަށް ތައްޔާރުކުރެއްވީ އެމަނިކުފާނުގެ ދޮށީ ފިރިހެން ދަރިކަލުން ނާޞިރުއްދީން މަޙްމޫދެވެ. ނަމަވެސް 1229 މ. ވަނަ އަހަރު އެ ދަރިކަލުން އަވަހާރަވި އެވެ. އެއަށްފަހު ދައުލަތުގެ ކަންކަން ހިންގެވުމުގެ ފުރުޞަތު ރާޟިޔާއަށް އިތުރުވެގެންދިޔަ އެވެ. އެކަމަނާގެ އެހެން އަޚުންނަކީ ރަސްކަންކުރެއްވުމަށް އެކަށޭނަ ބަޔެއްކަމުގައި ނުވުމާވެސް އެކުގަ އެވެ. މިކަން އެކަމަނާގެ ބައްޕާފުޅަށް ވެސް އެނގިވަޑައިގަނެ އެވެ.

މީލާދީ ސަނަތުން 1230 ވަނަ އަހަރު އައްސުލްޠާން އިލްތުތުމިޝް، ހަނގުރާމައަކަށް ނިކުމެވަޑައިގަތެވެ. އެފަހަރު ދައުލަތް ހިންގެވުން ޙަވާލުކުރެއްވީ ދަރިކަނބަލުން ރާޟިޔާއާ އެވެ. އެކަން އެގޮތަށް ކުރެއްވީ އެމަނިކުފާނަށްފަހު އެކަމަނާ ރަސްކަމަށް އިސްކުރެއްވުމުގެ ވިސްނުންފުޅުގައި ކަމަށް ބެލެވެ އެވެ. އެހެނަސް ދައުލަތުގެ އިސް ބޭފުޅުންގެ ކިބައިގައި ވަނީ އެމަނިކުފާނަށްފަހު ފިރިހެން ބޭފުޅަކު ރަސްކަމަށް އިސްކުރެއްވުމުގެ ވިސްނުންފުޅެވެ.

30 އެޕްރީލް 1236 ގައި އައްސުލްޠާން އިލްތުތުމިޝް އަވަހާރަވުމުން ރަސްކަމަށް އިސްކުރެވުނީ އެމަނިކުފާނުގެ ދަރިކަލުން ރުކުނުއްދީން ފައިރޫޒެވެ. އެއީ ރާޟިޔާއާ އެއްބަފާ ބޭފުޅެކެވެ. ރަސްކަމުގެ މަޤާމުގައި ހުންނަވައިގެން ވެސް ފައިރޫޒު އުޅުއްވީ ދުންޔަވީ އުފާތައް ޙާޞިލުކުރެއްވުމާއި ފާޙިޝް ޢަމަލުތައް ކުރެއްވުމުގަ އެވެ. އެހެންކަމުން ރައްޔިތުން އެމަނިކުފާނާމެދު ވަރަށް ބޮޑަށް ނުރުހުންވި އެވެ. އެކަމުގެ ނަތީޖާއަކަށްވީ 19 ނޮވެންބަރު 1236 ގައި އެމަނިކުފާނާއި އެމަނިކުފާނުގެ މަންމާފުޅު އަވަހާރަކޮށްލެވުމެވެ. އެއަށްފަހު ދައުލަތުގައި އިސްކޮށް ތިއްބެވި ބޭފުޅުންނަށް ފެނިވަޑައިގަތީ ރާޟިޔާ ރަނިކަމަށް އިސްކުރެއްވުމަށެވެ.

ރަނިކަމުގައި

ރާޟިޔާ ރަނިކަމަށް އިސްވެވަޑައިގަތުމަށްފަހު ދައުލަތް ހިންގެވުމުގެ ވާޖިބުތައް ޢަމަލީ ގޮތުން އަދާކުރެއްވި އެވެ. އެ މަޤާމު ފުރުއްވުމުގެ ހުރިހައި ސިފަތަކެއް އެކަމަނާގެ ކިބައިގައިވާކަން ސާބިތުކޮށްދެއްވި އެވެ. ދައުލަތުގެ ކަންކަން ހިންގަވަމުންގެންދެވީ އެކަމަނާގެ ބައްޕާފުޅުގެ ސިޔާސަތާ އެއްގޮތަށެވެ. ޢަދުލުވެރިކަން ޤާއިމުކުރައްވައި ރައްޔިތުންގެ ލޯބި ޙާޞިލުކުރެއްވި އެވެ. އެކަމަނާއަކީ ދައުލަތުގެ ޢަސްކަރިއްޔާ ހިންގެވުމުގެ ޤާބިލުކަން ލިބިވަޑައިގެންފައިވާ ބޭކަނބަލެއްކަން ވެސް ދައްކަވައިލެއްވި އެވެ. މި ކަންކަން ހިނގަމުންދިޔައިރު އެކަމަނާގެ މައްޗަށް ޙަސަދަވެރިވި ބަޔަކު އުޅުނެވެ. އެކަމަނާގެ ކުރިއެރުމާއި ކާމިޔާބީއާމެދު އެމީހުން ހިތްހަމައެއްނުޖެހުނެވެ.

ރާޟިޔާ ސުލްޠާނާ ދައުލަތް ހިންގެވުމާ ކުރިމަތިލެއްވިއިރު، ދައުލަތުގެ ތެރޭގައި ވަނީ ގަޑުބަޑުތަކާއި ހަމަނުޖެހުންތައް ވަރަށް ބޮޑަށް އުފެދިފަ އެވެ. އެކަމަނާއަށް ލިބިވަޑައިގެންފައިވާ ޙިކުމަތުޢަމަލީގެ ބޭނުންކުރައްވައިގެން އެ ކަންކަން ޙައްލުކުރައްވައި ދައުލަތް ހިންގުމުގެ ނިޒާމު އޮމާންކުރެއްވި އެވެ. ދައުލަތުގެ އިސް މަޤާމުތަކަށް، އެ މަޤާމުތަކާ އެކަށޭނަ ޤާބިލު ބޭފުޅުން އިސްކުރެއްވި އެވެ. ދައުލަތުގެ ކަންކަން ހިންގަވާނޭ ވަޒީރަކު ވެސް ޢައްޔަންކުރެއްވި އެވެ. އަދި އެކަމަނާގެ އަރިއަހުގައި ތިއްބެވި ކުޅަދާނަ ލީޑަރުންގެ ތެރެއިން ލީޑަރަކާ ލަޝްކަރު ޙަވާލުކުރެއްވި އެވެ. އޭނާގެ ނަމަކީ ސައިފުއްދީނެވެ. އެކަމަނާގެ ރޭވުންތެރިކަމުގެ ދަށުގައި އެ ލަޝްކަރުން ޙާޞިލުކުރި އެންމެ މުހިންމު އެއް ކާމިޔާބަކީ ހިންދީންގެ އަތްދަށުވެފައިވާ މުސްލިމުން ސަލާމަތްކުރުމެވެ.

ރަނިކަމުގައި ހޭދަކުރެއްވި ކުރު މުއްދަތުގެ ތެރޭގައި ރާޟިޔާ ސުލްޠާނާ ކުރިމަތިލައްވަން ޖެހިވަޑައިގަތް އެންމެ ބޮޑު ގޮންޖެހުމަކީ، ދައުލަތުގެ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ ތާއީދު ލިބިވަޑައިނުގަތުމެވެ. ދައުލަތުގެ އެންމެ އިސް ވެރިޔާގެ މަޤާމަށް އަންހެނަކު އިސްކުރުމަކީ އެ ބޭފުޅުން ރުހިވަޑައިގަންނަވާ ކަމެއް ކަމުގައި ނުވާތީ އެވެ. އެއާއެކު އެކަމަނާގެ މައްޗަށް އެ ބޭފުޅުންގެ ނުރުހުން އިތުރުވެގެންދިޔައީ، ޖަމާލުއްދީން ޔާޤޫތު ނަމަކަށްކިޔާ މީހަކު އެކަމަނާއާ މާބޮޑަށް އަރިސްކުރެއްވުމުންނެވެ. އޭނާއަކީ ތުރުކީ ނަސްލުގެ މީހެއް ނޫނެވެ. ތުރުކީ ނަސްލުގެ މީހުން ނޫން އެހެން މީހުންނަށް އެކަމަނާ މަތީ މަޤާމުތައް ދެއްވުމަކީ ނުފޫޒުގަދަ ފަރާތްތަކުން ރުހޭ ކަމެއް ކަމުގައި ނުވެ އެވެ.

ރަނިކަމުގެ ނިމުން

ރާޟިޔާ ސުލްޠާނާއާ ދެކޮޅަށް މަސައްކަތްކުރަމުންދިޔަ އިދިކޮޅު ޙަރަކާތް ހުއްޓުވުމަށްޓަކައި އެކަމަނާ ކުރެއްވި މަސައްކަތްޕުޅުތައް ކާމިޔާބެއްނުވި އެވެ. އެންމެފަހުން އެކަމަނާއާ އިދިކޮޅު ޙަރާކާތުގެ ބޮޑުން އެއްގަލަކަށް އެރި އެވެ. އަދި އެމީހުން އެކަމަނާއާ އިދިކޮޅު އިންޤިލާބީ ޙަރަކާތް ވަރުގަދަކުރި އެވެ. އެ ޙަރަކާތް މައިތިރިކުރެއްވުމަށްޓަކައި އެކަމަނާ ނިކުމެވަޑައިގެންނެވި އެވެ. ނަމަވެސް އެކަމަނާއަށް ލިބިވަޑައިގަތީ ނާކާމިޔާބެވެ. ނަތީޖާއަކަށްވީ އެކަމަނާ ރަނިކަމުން ޢަޒުލުކުރެވި އެކަމަނާގެ ވެރިކަން ނިމުމަކަށް ގެނެވުމެވެ. އެކަން ހިނގީ 25 ރަބީޢުލްއައްވަލް 637 ގަ އެވެ. އެއީ 25 އޮކްޓޫބަރު 1239 އެވެ. އެކަމަނާއަށްފަހު ރަސްކަމަށް އިސްކުރެވުނީ އެކަމަނާގެ އަޚެއް ކަމުގައިވާ މުޢިއްޒުއްދީނެވެ. (ރަސްމީ ސިފައެއްގައި އެކަން ހިނގީ 21 އެޕްރީލް 1240 ގަ އެވެ.) އެއަށްފަހު އެކަމަނާ އަލުން ވެރިކަން ހޯއްދަވަން އުޅުއްވި އެވެ. އެކަމުގައި އުޅުއްވަނިކޮށް (15 އޮކްޓޫބަރު 1240 ގައި) އެކަމަނާ ޤަތުލުކޮށްލެވުނެވެ. (މި ބަޔާންކުރެވުނު ތާރީޚުތައް އެކި މަޞްދަރުތަކުގައި ތަފާތުކަން ފާހަގަކުރެވެ އެވެ.)

ސުލްޠާނާގެ މަޤުބަރާ

ރާޟިޔާ ސުލްޠާނާ ފަސްދާނުލެވިފައިވަނީ އިހުގެ ދިއްލީގަ އެވެ. ތުރުކުމާން ގޭޓް ކައިރީގައިވާ މޮހައްލާ ބުލްބުލި ޚާނާގަ އެވެ. އިބްނު ބައްޠޫޠާ ވިދާޅުވެފައިވަނީ އެކަމަނާގެ މަޤްބަރާގެ މަތީގައި ޤުއްބެއް ބިނާކުރެވިފައިވާ ކަމަށެވެ. އަދި އޭރު އެތަނަށް މީހުން ޒިޔާރަތްކޮށްއުޅުނު ކަމަށެވެ. އެކަމަނާގެ މަޤްބަރާ ކައިރީގައި އެހެން މަޤްބަރާއެއް ވެ އެވެ. އެއީ އެކަމަނާގެ އުޚުތު ޝާޒިޔާގެ މަޤްބަރާ ކަމުގައި ބުނެވެ އެވެ.

ރާޟިޔާ ސުލްޠާނާގެ މަޤްބަރާ ފާހަގަވާނޭހެން މިހާރު އެ ތާނގައި ޤުއްބެއް ބިނާކުރެވިފައެއްނެތެވެ. އަދި އެއީ އިންޑިއާގައި ރަނިކަންކުރެއްވި ޢިއްޒަތެރި ބޭކަނބަލެއްކަން އެނގޭނޭ ފަދަ ޢަލާމާތެއް ވެސް ނެތެވެ. އެކަމަނާގެ މަޤްބަރާގެ ވަށައިގެން މީހުން ވަޒަންވެރިވެ ދިރިއުޅުން ފިޔަވައި އެހެން ޚާއްޞަ ކަމެއް އެކަމަނާއަށްޓަކައި ކުރެވިފައިވާހެނެއް މިހާރަކު ހިޔެއް ނުވެ އެވެ. ނަމަވެސް އިސްލާމީ ތާރީޚު ވަނީ އެކަމަނާގެ ނަންފުޅު ދިރުވައި އެކަމަނާގެ ޒިކުރާ ދަމަހައްޓާފަ އެވެ. އިސްލާމީ ތާރީޚު ދުށް މުސްލިމުންގެ ވެރިންގެ ތެރެއިން ހަރުދަނާ ޤާބިލު އަންހެން ޝަޚުޞިއްޔަތެއްގެ ގޮތުގަ އެވެ.