Advertisement

އޯޑީގެ ހުއްދަ އިތުރުކުރަން ގަވަރުނަރާއި އޮޑިޓް އޮފީހުގެ ލަފާ ހޯދަނީ

16 ނޮވެންބަރު 2021 - 13:10 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

އަންނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރު އަމީރު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މައުލޫމާތު ދެއްވަނީ. -ފޮޓޯ: މަޖިލިސް


އޯޑީގެ ހުއްދަ އިތުރުކުރަން ގަވަރުނަރާއި އޮޑިޓް އޮފީހުގެ ލަފާ ހޯދަނީ

16 ނޮވެންބަރު 2021 - 13:10 0

ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި ސަރުކާރުން، މަރުކަޒީ ބޭންކް އެމްއެމްއޭ އިން ދަރަނި ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ދީފައިވާ ހުއްދަ އަނެއްކާވެސް އިތުރުކުރަން ހުށަހެޅުމުން އެކަން ދިރާސާކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވައި ކަމާބެހޭ އިދާރާތަކުގެ މަޝްވަރާއާއި ލަފާ ހޯދަން މިއަދު ފާސްކޮށްފި އެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ގޮތުން އެމްއެމްއޭއިން ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގޭނެ ލިމިޓަކީ އެވެރެޖް އާމްދަނީގެ އެއް ޕަސެންޓެވެ. އެއީ ފާއިތުވި އަހަރުތަކުގެ އާމްދަނީއަށް ބަލާއިރު ގާތްގަނޑަކަށް 170 މިލިއަން ރުފިޔާ އެވެ.

އެ ގޮތަށް ނަގާ ދަރަންޏެއް 91 ދުވަސް ތެރޭގައި ސަރުކާރުން އެމްއެމްއޭއަށް ދައްކަން ޖެހޭ ކަމަށް ވެސް ގާނޫނުގެ އެ މާއްދާގައި ބުނެ އެވެ. ނަމަވެސް، ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން މިދިޔަ އަހަރުގެ އޭޕްރީލް މަހު ފިނޭންސް މިނިސްޓްރީން އެދުނީ އޭގެ ކުރީ ތިން އަހަރުގެ ދައުލަތު އާމްދަނީގެ 20 ޕަސަންޓަށްވާ 4.4 ބިލިއަން ރުފިޔާއަށް އެ ލިމިޓު މަތިކޮށް ދިނުމަށެވެ.

އަދި އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެ އަނބުރާ ދެއްކުން ފަސްވާގޮތަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް އަމަލު ކުރުން އިސްތިސްނާ ކޮށްދިނުމުގެ ހުއްދައަކަށް ވެސް އެދުނެވެ.

އެއާއެކު ސަރުކާރުގެ ސާފު އަގުލަބިއްޔަތު އޮންނަ މަޖިލީހުން އޭރު އެ ހުއްދަ ދީފައިވަނީ ފިނޭންސުން އެދުނު ގޮތަށެވެ.

އެ ހުއްދަ އިތުރުކޮށްދޭން ފިނޭންސް މިއަހަރު ވެސް އެދުމުން، މަޖިލީހުން އެކަން ކޮށްދީފައިވަނީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވެސް ކަންބޮޑުވުންފާޅުކުރައްވާފައި ވަނިކޮށެވެ.

އޭނާ މިދިޔަ އޭޕްރީލް މަހު ވިދާޅުވި ގޮތުގައި، ތަކެތީގެ އަގު ނުވަތަ އިންފްލޭޝަން ރޭޓް އެކްސްޗޭންޖް ރޭޓާ ވަރަށް ބޮޑަށް ގުޅިފައިވާއިރު، މަނިޓަރީ ފައިނޭންސިންގެ (ސަރުކާރުގެ ހަރަދަށް ސީދާ މަރުކަޒީ ބޭންކުން ފައިސާ ދިނުން) ސަބަބުން އިންފްލޭޝަން ރޭޓު ހިފެހެއްޓުމަށް އެމްއެމްއޭއިން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އޯޑީ އިތުރުކުރަނީ ތިންވަނަ ފަހަރަށް

އެ ހުއްދަ ތިން ވަނަ އަހަރަށް އިތުރުކޮށް ދިނުމަށް އެދި، ފިނޭންސް މިނިސްޓަރު ސޮއިކުރައްވައި މަޖިލީހަށް މިއަދު ފޮނުއްވި ސިޓީއެއްގައި ބުނީ، އޯޑީގެ ސަބަބުން ދައުލަތުގެ ހަރަދުތައް ހަމަޖައްސައި ހިދުމަތްތަކަށް ބުރޫ ނާރާ ދައުލަތް ހިންގުމުގެ ފުރުސަތު ލިބުނު ކަމަށެވެ.

"މީގެ އިތުރުން، އިގްތިސޯދީ ގޮތުން ފުން ވަޅުގަނޑަކަށް ރާއްޖެ ވެއްޓުނު ވަގުތު ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށާއި ކޮވިޑާ ގުޅިގެން ކުރަން ޖެހުނު ސިއްހީ ހޭދަތަކާއި ރައްކާތެރިކަމަށް ކުރަން ޖެހުނު ހަރަދުތައް ހަމަޖައްސަން ފުރުސަތު ލިބުނު،" ސިޓީގައި ބުންޏެވެ.

ނަމަވެސް، އިގްތިސޯދީ ގޮންޖެހުންތައް އަދިވެސް ދެމި އޮތުމުން ކުރު މުއްދަތެއްގައި ޕަބްލިކް ބޭންކު އެކައުންޓް އޯވާޑްރޯ ކުރި އަދަދު ދެއްކުމަކީ ކޭޝްޕްލޯ މެނޭޖުކޮށް، ބަޖެޓު ތަންފީޒު ކުރުމަށް ދަތިތައް ކުރިމަތިވެދާނެ ކަމެއްގެ އިތުރުން ފައިނޭންސް ހޯދަން ވެސް އެކަމުން ދަތިތަކެއް ކުރިމަތިވާނެ ކަމަށް ސިޓީގައިވެ އެވެ.

އެހެންކަމުން، އެ އިސްތިސްނާގެ މުއްދަތު 2023 ވަނަ އަހަރު އޭޕްރީލް މަހާ ހަމައަށް އިތުރުކޮށް ދިނުމަށް އެ ސިޓީގައި އެދިފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެ ހުއްދައިގެ ދަށުން މިހާތަނަށް 2.8 ބިލިއަން ރުފިޔާ އޯވާޑްރޯކޮށްފައިވާއިރު، އެ އަދަދު މި އަހަރު ނިމޭއިރު ހަތަރު ބިލިއަން ރުފިޔާއަށް އަރާނެކަމަށް ވަނީ ލަފާކޮށްފަ އެވެ.

އޯވާޑްރޯ ކޮށްފައިވާ އަދަދު އަނބުރާ ނުދެއްކޭނެތީ، މިނިސްޓްރީން ހުށަހަޅާފައިވަނީ އެ ހަތަރު ބިލިއަން ރުފިޔާ އެމްއެމްއޭއިން ދޫކުރާ އެމޯޓައިޒޭޝަން ބޮންޑަކަށް ބަދަލުކުރުމަށެވެ. އެގޮތުން، 50 އަހަރަށް ދޫކުރެވޭ ބޮންޑުގެ ކޫޕަން ރޭޓަކަށް މިނިސްޓްރީން ހުށަހަޅާފައިވަނީ 2.5 ޕަސަންޓެވެ.

ކަންބޮޑުވުންތަކާ ގުޅިގެން ލަފާ ހޯދުން

ފިނޭންސް މިނިސްޓްރީގެ އެ އެދުމާ ގުޅިގެން އެމްޑީޕީގެ ބައެއް މެމްބަރުން ހިމެނޭ ގޮތަށް ގިނަ މެމްބަރުން ވަނީ މިއަދުގެ ޖަލްސާގައި ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ.

އެގޮތުން، އިތުރަށް އޯވާޑްރޯ ކުރާނަމަ، ޑޮލަރުގެ އަގާއެކު ތަކެތީގެ އަގު އިންތިހާއަށް އިތުރުވެގެންދާނެ ކަމުގެ ކަންބޮޑުވުން އަޑުއިވިގެންދިޔަ އެވެ.

އެއާއެކު ހުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިލްޔާސް ލަބީބް ވަނީ ހުއްދައިގެ މުއްދަތު އިތުރުކޮށްދިނުމުގެ ކުރިން، އެ ސިޓީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވައި، ފިނޭންސް މިނިސްޓްރީ އާއި އެމްއެމްއޭގެ އިތުރުން އޮޑިޓާ ޖެނެރަލް އޮފީހާއެކު މަޝްވަރާކުރަން ހުށަހަޅުއްވައިފަ އެވެ.

އިލްޔާސް ލަބީބްގެ އެ ހުށަހެޅުން ފާސްކޮށްފައިވަނީ، އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެމްބަރުން އިއްތިފާގުންނެވެ.