Advertisement

10 ގޯލުން މޮޅުވެ އިންގްލެންޑް ވޯލްޑް ކަޕަށް، ޔޫރަޕްގެ ޗެމްޕިއަން އިޓަލީ ޕްލޭއޮފަށް

16 ނޮވެންބަރު 2021 - 07:26 0


10 ގޯލުން މޮޅުވެ އިންގްލެންޑް ވޯލްޑް ކަޕަށް، ޔޫރަޕްގެ ޗެމްޕިއަން އިޓަލީ ޕްލޭއޮފަށް

16 ނޮވެންބަރު 2021 - 07:26 0

ލަންޑަން (ނޮވެމްބަރު 16) - ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ސެން މެރީނޯ އަތުން 10-0 އިން މޮޅުވެ، އިންގްލެންޑުން ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުކުރިއިރު، ރަށުންބޭރުގައި ނޮދަން އަޔަލެންޑާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެ ޔޫރަޕްގެ ޗެމްޕިއަން އިޓަލީން ވޯލްޑް ކަޕްގެ ޖާގަ ހޯދަން ޕްލޭއޮފްގައި ކުޅެން ޖެހިއްޖެ އެވެ.

އިންގްލެންޑުން 1964 ވަނަ އަހަރަށް ފަހު މެޗެއްގައި 10 ގޯލު ޖެހިއިރު، ރޭ ސެން މެރީނޯ ކޮޅަށް އެ ޓީމުން ފުރަތަމަ ހާފުގައި ވެސް ހަ ގޯލު ޖެހި އެވެ.

އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ވަނީ ފުރަތަމަ ހާފުގައި ހަތަރު ގޯލު ޖަހައިފަ އެވެ. މި ލަނޑުތަކާ އެކު ކޭން ވަނީ ގައުމީ ޓީމަށް 48 ގޯލު ޖަަހައި ލެެޖެންޑަރީ ތަރި ގެރީ ލިނެކާގެ ރެކޯޑާ ހަަމަކޮށްފަ އެވެ. އިންގްލެންޑަށް އެންމެ ގިނަ ގޯލު ޖަހައިިދިނީ 53 ގޯލާ އެކު އޮތް ވޭން ރޫނީ އެވެ.

ދެން މި ހާފުގައި އިންގްލެންޑްގެ ގޯލުތައް ޖެހީ ހެރީ މެގުއާ އާއި ސެން މެރީނޯގެ ފިލީޕޯ ފަބްރީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ދެ ވަނަ ހާފުގައި އިންގްލެންޑްގެ ގޯލުތައް ޖެހީ އެމީލް ސްމިތު ރޯވް، ޓައިރަން މިންގްސް، ޓެމީ އަބްރަަހަމް އަދި ބުކާޔޯ ސަކާ އެވެ.

މެޗަކުން ބަލިނުވެ އިންގްލެންޑް ވޯލްޑް ކަޕްގެ ޖާގަ ހޯދީ ގްރޫޕް އައިގެ އެއް ވަނަ ހޯދައިގެންނެވެ. އިންގްލެންޑަށް 10 މެޗުން 26 ޕޮއިންޓް ލިބުނުއިރު، މި ގްރޫޕްގެ ދެ ވަނަ އަށް ދިޔައީ 10 މެޗުން 20 ޕޮއިންޓް ހޯދި ޕޮލެންޑް އެވެ. ޕޮލެންޑް ކުޅޭނީ ޕްލޭއޮފްގަ އެެވެ.

ޔޫރަޕްގެ ޗެމްޕިއަންކަން މި އަހަރު ހޯދި އިޓަލީ އަށް ނޮދަން އަޔަލެންޑްގެ ޑިފެންސް ފޫއަޅުވާލެވޭގޮތެއް ނުވި އެވެ. އަނެއްކޮޅުން ނޮދަން އަޔަލެންޑުން ޖެހި ނުރައްކާތެރި ހަަމަލާއެއް އިޓަލީގެ ގޯލްކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ ވަނީ މަތަކޮށްފަ އެވެ.

އިޓަލީ އެއްވަރުވުމުގެ ފައިދާނެގީ އެ ގްރޫޕްގެ އެއް ވަނަ ހޯދި ސްވިޒަލެންޑުންނެވެ. ބަލްގޭރިއާ އަތުން 4-0 އިން މޮޅުވެ، ސްވިޒަލެންޑް ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުކުރީ އެވެ. ގްރޫޕް ސީގެ އެއް ވަނަ ސްވިޒަލެންޑުން ހޯދީ އަށް މެޗުން 18 ޕޮއިންޓާ އެކު އެވެ. އަށް މެޗުން އިޓަލީ އަށް ލިބުނީ 16 ޕޮއިންޓެވެ.

ގަތަރުގައި އަންނަ އަހަރު ކުޅެން ރާވާފައިވާ ފީފާ ވޯލްޑް ކަޕުގެ ޖާގަ ހޯދާފައިވަނީ ހޯސްޓްގެ ހައިސިއްޔަތުން ގަތަރުގެ އިތުރުން 10 ގައުމަކުންނެވެ. އެއީ ދެކުނު އެމެރިކާގެ ބްރެޒިލްގެ އިތުރުން ޔޫރަޕްގެ ހަތް ގައުމެކެވެ. ޔޫރަޕްގެ ގައުމުތަކަކީ ޖަރުމަނާއި ފްރާންސް، ޑެންމާކް، ބެލްޖިއަމް، ސްޕެއިން، ސާބިއާ، ކްރޮއޭޝިއާ، އިންގްލެންޑް އަދި ސްވިޒަލެންޑް އެވެ.

އިޓަލީގެ އިތުރުން ޕޯޗުގަލް ވެސް ކުޅެން ޖެހޭނީ ޕްލޭއޮފްގަ އެވެ.