Advertisement

ވަސާޖިއޯ މައްސަލައިގައި ޓްރާންސްޕޯޓުގެ ބިޑު ކޮމެޓީއަށް ދައުވާ ކުރެވެން ނެތް ކަމަށް ކަނޑައަޅައިފި

14 ނޮވެންބަރު 2021 - 20:19 1

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ޕީޖީ ޝަމީމް: ޕީޖީ އޮފީހުން ނިންމީ ވަސާޖިއޯ މައްސަލައިގައި ދައުވާ ކުރެވެން ނެތް ކަމަށް -- ފޮޓޯ: އަދަދު ފައިލް


ވަސާޖިއޯ މައްސަލައިގައި ޓްރާންސްޕޯޓުގެ ބިޑު ކޮމެޓީއަށް ދައުވާ ކުރެވެން ނެތް ކަމަށް ކަނޑައަޅައިފި

14 ނޮވެންބަރު 2021 - 20:19 1

ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިންނަށް ކުރި ކޮރަޕްޝަންގެ ތުހުމަތުތަކުގައި ދައުވާ ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ނިންމައިފި އެވެ.

ރާއްޖޭގައި ބޭނުން ކުރާ ހުރިހާ އުޅަނދެއްގައި މިހާރު ބޭނުން ކުރާ ނަމްބަރު ބޯޑުގެ ބަދަލުގައި މެޝިނުން ރީޑު ކުރެވޭ ނަމްބަރު ބޯޑު ހެދުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީގެ ބިޑް ކޮމިޓީގައި ތިބޭ ހަ މެމްބަރުންގެ ނުފޫޒުން ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ދީފައިވާ ކަމަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ އެމީހުންގެ މައްޗަށް ދައުވާ ކޮށްދޭން އެދިފައެވެ.

ދައުވާ ކޮށްދިނުމަށް އެދުނީ ކޮމެޓީގެ މެމްބަރުން ކަމަށްވާ ޝިމާޒު އަލީ އާއި ހަމަދު އަބްދުލްގަނީ އާއި އަލީ އިކްރާމާއި މުހައްމަދު ނިޒާރު އާދަމާއި މަރްޔަމް ސަމާހަތު އަދި މަރްޔަމް ތަސްލީމާގެ މައްޗަށެވެ. އޭގެ ތެރެއިން ޝިމާޒާއި ހަމަދަކީ އެ އިދާރާގެ ޑެޕިއުޓީ މިނިސްޓަރުންނެވެ.

މިއަދު މެންދުރު، ޕިޖީ އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާއި ގުޅޭ ގޮތުން ނޫސްވެރިއެއް ސުވާލުކުރުމުން ޕީޖީ ހުސައިން ޝަމީމް ވަނީ މި މައްސަލާގައި ދައުވާ ކުރެވެން ނެތް ކަމަށް ނިންމާފައިވާކަން ހާމަކުރައްވާފަ އެވެ. އަދި އެކަން އޭސީސީއަށް ވެސް އަންގާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ކޮރަޕްޝަންގެ ތުހުމަތުގައި އަށް މައްސަލައެއްގައި ދައުވާ ކޮށްދިނުމަށް އޭސީސީއިން އެއިދާރާއަށް ހުށަހަޅާފައި ވީނަމަވެސް، އިތުރަށް ތަހުގީގުކުރަން ނުވަތަ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަން އެނގުމަށްފަހު ފަސް މައްސަލައެއް އަނބުރާ ފޮނުވާލާފައިވާ ކަމަށް ޕީޖީ ވިދާޅުވި އެވެ. އެހެންކަމުން މިހާރު އެ އޮފީހުގައި އޮތީ އޭސީސީއިން ފޮނުވި ތިން މައްސަލަ އެވެ.

އޭސީސީއިން ޓްރާންސްޕޯޓް މިނިސްޓްރީއަށް ކުރާ ކޮރަޕްޝަންގެ ތުހުމަތު

ވަސާޖިއޯއަށް ބިޑު ދީފައި ވަނީ ކުރިމަތިލި ތިން ކުންފުނީގެ ތެރެއިން ދެ ވަނައަށް ދިޔަ ނަމަވެސް އެއް ވަނަ ލިބުނު ކުންފުނީގެ ބިޑު ބާތިލުކޮށްގެނެވެ. އަދި އެ ކުންފުނީގެ ބިޑު ބާތިލުކޮށްފައި ވަނީ ޑޮކިއުމެންޓެއް ހުށަނާޅައިގެން ކަމަށް ޓްރާންސްޕޯޓުން އުޒުރު ދެއްކި ނަމަވެސް އެއީ ހުށަހަޅަންޖެހޭ ލިޔުމެއް ނޫން ކަމަށް އޭސީސީ ބުނެފައިވެ އެވެ.

ބިޑު އެވޯޑް ކުރުމުގައި ވަސާޖިއޯގެ ފަރާތުން ހުށަހެޅި ސާމްޕަލް ނަމްބަރު ބޯޑު ވަރުގަދަ ކަމަށް ބުނެ އިތުރަށް މާކްސް ދީފައިވާ ކަމަށް އޭސީސީން ބުނެ އެވެ. އެކަމަކު ހުށަހަޅަންޖެހޭ ސާމްޕަލް ބޯޑުގެ ކޮލިޓީ ކުރީބައިގައި ޓްރާންސްޕޯޓުން ބުނެފައިނުވާ ކަމަށް ވެސް އޭސީސީއިން ބުނެ އެވެ.

ވަސާޖިއޯގެ އެއްބަސްވުން އުވާލުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ނިންމީ ބަންޑާރަ ނައިބުގެ އޮފީހާއި އޭސީސީން ވެސް އެކަން ކުރަން ބުނެފަ އޮއްވަ އެވެ. އެގްރިމެންޓުގައި ސޮއިކޮށް މަސައްކަތް ހަވާލުކޮށްފައި ނުވާތީ ރައްޔިތުންގެ މަޖިލީހަށް ވެސް އެ މައްސަލަ މީގެ ކުރިން ހުށަހެޅި އެވެ.