Advertisement

އަޖުފާން އަތުން މޮޅުވެ ޒަޔާން ސެމީ ފައިނަލަށް

13 ނޮވެންބަރު 2021 - 08:06 0

އިއްޔެގެ މެޗުން މޮޅުވުމަށް ފަހު ޒަޔާން އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


އަޖުފާން އަތުން މޮޅުވެ ޒަޔާން ސެމީ ފައިނަލަށް

13 ނޮވެންބަރު 2021 - 08:06 0

ގައުމީ ބެޑްމިންޓަން މުބާރާތުގެ ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން މުހައްމަދު އަޖުފާން ރަޝީދު އަތުން މޮޅުވެ، ޒަޔާން ޒަކީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ޒަޔާން ވަނީ އަޖުފާން ކައިރީގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މެޗުގެ ފުރަތަމަ ސެޓު އަޖުފާން ގެންދިޔައީ 17-21 އިންނެވެ. ކުޅުން ރަނގަޅުކޮށް ޒަޔާން ދެ ވަނަ ސެޓު ގެންދިޔައީ 21-11 އިންނެވެ. ތިން ވަނަ ސެޓުގައި ޒަޔާން 17-07 އިން ކުރީގައި އޮއްވައި އަނިޔާގެ ސަބަބުން އަޖުފާން ނިންމީ މެޗުން ރިޓަޔާކުރާށެވެ. އެހެންވެ، ޒަޔާން މެޗުން މޮޅުވެ ސެމީގެ ޖާގަ ޔަގީންވީ އެވެ.

ޒަޔާން އެންމެ ފުރަތަމަ 2017 ވަނަ އަހަރު ގައުމީ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އަޖުފާން ބަލިކޮށްފަ އެވެ. އެކަމަކު 2018 އާއި 2019 ވަނަ އަހަރުގެ ސެމީ ފައިނަލުގައި އަޖުފާން ވަނީ ޒަޔާންގެ މައްޗަށް ކުރިހޯދައިފަ އެވެ. ޒަޔާން މި ފަހަރު އަޖުފާންގެ ބަލި މިކުރީ ކުއާޓާ ފައިނަލުގަ އެވެ.

އިއްޔެގެ މެޗަށް ފަހު ޒަޔާން އާއި އަޖުފާން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


މިއަދު ހަވީރު ކުޅޭ ސެމީ ފައިނަލުގައި ޒަޔާން ބައްދަލުކުރާނީ ތޯއިފްއާ އެވެ. ތޯއިފް ވަނީ އިއްޔެ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި އަހުމަދު ސާދިން ޖަލީލް އަތުން ފަސޭހަކަމާ އެކު މޮޅުވެފަ އެވެ. ސެޓުތައް ދިޔައީ 21-16 އާއި 21-03 އިންނެވެ.

ފިރިހެން ދެ ވަނަ ސެމީ ފައިނަލުގައި ބައްދަލުކުރާނީ މުހައްމަދު އާކިފް އާއި ނިބާލް އަހުމަދު އެވެ. ކުއާޓާގައި އާކިފް ވަނީ އައްފާން އަލީ އަތުން 21-19 އާއި 21-17 އިން މޮޅުވެފަ އެވެ. ނިބާލް ވަނީ ޒުވާން ކުޅުންތެރިޔާ ހައިޝަމް އިބްރާހިމް އަތުން 21-09 އާއި 21-13 އިން މޮޅުވެފަ އެވެ.

މުބާރާތުގައި މިއަދު އަންހެން ޑިވިޝަނުގެ ސެމީ ފައިނަލް މެޗުތައް ވެސް އޮންނާނެ އެވެ. އެ ގޮތުން ފުރަތަމަ ސެމީގައި އެންމެ ފަހުގެ ޗެމްޕިއަން ފާތިމަތު ނަބާހާ ބައްދަލުކުރާނީ އައިޝަތު އަފްނާން ރަޝީދުއާ އެވެ. ދެ ވަނަ ސެމީގައި ތަޖުރިބާކާރު ކުޅުންތެރިޔާ ނީލާ ނަޖީބު ނުކުންނާނީ ރާއްޖެ އަށް އިންޓަނޭޝަނަލް ރަން މެޑަލެއް ގެނެސްދީފައިވާ އައިމިނަތު ނަބީހާއާ ދެކޮޅަށެެވެ.

ދެ ވަނަ ޑިވިޝަނުގެ ސެމީ ފައިނަލް މެޗުތައް ވެސް މިއަދަށް ޝެޑިއުލްކޮށްފައިވާއިރު، ދެ ވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސްގެ ފުރަތަމަ ސެމީގައި އިޔާން އަބްދުލް އަލީމް (ޗިކީ) އާއި ހަސަން ޒަޔާން މުހައްމަދު ބައްދަލުކުރާނެ އެވެ. އަދި ދެ ވަނަ ސެމީގައި އަހުމަދު ހަނޫން މުހައްމަދު ނުކުންނާނީ ހަމްޒާ އަބްދުލް ރަހުމާނާ ދެކޮޅަށެވެ.