Advertisement

ތަޖުރިބާތަކުގެ އަލީގައި ހަމްނާގެ ޓާގެޓަކީ ކާމިޔާބާއި ރެކޯޑް

12 ނޮވެންބަރު 2021 - 15:27 0

ހަމްނާ "އަދަދު" އަށް ދިން ހާއްސަ އިންޓަވިއު.-- ވީޑިއޯ: އާއިމް ޒަމީރު/ އަދަދު


ތަޖުރިބާތަކުގެ އަލީގައި ހަމްނާގެ ޓާގެޓަކީ ކާމިޔާބާއި ރެކޯޑް

12 ނޮވެންބަރު 2021 - 15:27 0

އުމުރުން 12 އަހަރުގައި ހަމްނާ އަހުމަދު، ގައުމީ ފެތުންތެރިންގެ ސްކޮޑުގައި ހިމެނި، 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވާދަކޮށްލަން ފުރުސަތު ލިބުނެވެ. އެ މުބާރާތުގައި ހަމްނާ ކުރަން ޖެހުނީ މުޅިން އާ ތަޖުރިބާތަކެކެވެ. މުސްތަގުބަލުގައި ކާމިޔާބު ހޯދަން ދުނިޔޭގެ އެކި ގައުމުތަކުގެ މޮޅު ފެތުންތެރިން ވާދަކުރާ އެ މާހައުލަށް ހޭނެން ޖެހޭނެކަން އެ ދުވަހު ވެސް ހަމްނާ ގަބޫލުކުރި އެވެ. އެ އަޒުމުގައި ކުރި މަސައްކަތުން މިއަދު ހަމްނާ އަކީ ރާއްޖޭގައި މި ވަގުތު ހުރި އެންމެ ކުޅަދާނަ އެއް ފެތުންތެރިޔާ އެވެ.

އިންޑިއާގައި ކުޑައިރު ތައުލީމް ހާސިލްކުރަމުން ދިޔައިރު، ސްކޫލުގައި މާއްދާއެއް ގޮތަށް ފެތުން އޮންނާތީ ހަމްނާގެ ވެސް ވިސްނުން ހުރީ އެކަމުން ކުރިއަށް ދިއުމަށެވެ. އުމުރުން އެންމެ ހަތަރު އަހަރުގައި ފެތުމުގެ ތެރެއަށް ނުކުތް ހަމްނާ އަށް ވަނީ ޒުވާން އުމުރުގައި އިންޑިއާގެ ސްޓޭޓް މުބާރާތަކުން ދެ ވަނަ ލިބިފަ އެވެ. ހަމްނާގެ ކިބައިގައި ވާދަވެރި މާހައުލެއްގައި ފެތުމުގެ ހުނަރު ހުރިކަން ފާހަގަކުރެވި އެ ސްކޫލުން ވެސް ހަމްނާ އަށް ބާރު އެޅީ ކިޔެވުމެކޭ އެއްވަރަށް ކެރިއަރެއް ބިނާކުރަން ފެތުމުން ކުރިއަށްދާށެވެ.

"(އިންޑިއާ) ސްކޫލުން ވަރަށް އެންކަރޭޖް ކުރި ވަރަށް ސްވިމިންގައި ބައިވެރިވާން،" ފެތުން ފެށުނު ގޮތުގެ ހަނދާނާ ބެހޭގޮތުން ހަމްނާ "އަދަދު" އަށް ބުންޏެވެ.

ހަމްނާ "އަދަދު" އަށް އިންޓަވިއު ދެނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


ޒުވާން އުމުރުގައި މުބާރާތްތަކުގައި ވެސް ފަތަން ފަށައި ކުރިއެރުން ފާހަގަކުރެވެން ފެށުމާ އެކު ފެތުމުގެ ތެރެއަށް ހަމްނާގެ ހިތްދޫވި އެވެ. ކެރިއަރެއްގެ ގޮތުގައި ދެކިގެން ފެތުމާ މެދު ވިސްނަން ފަށައި، ކުރު މުއްދަތެއްގެ ތެރޭގައި އުމުރުން 12 އަހަރުގައި ގައުމީ ޓީމުގައި ހިމެނި ރާއްޖެ ތަމްސީލްކުރުމުގެ ފުރުސަތުގެ ބޭނުންހިފައި ކުރިއަށް ދާން ފެށީ ފަސް ބެލުމުގެ އެއްވެސް ވިސްނުމެއް ނެތި އެވެ.

"ގިނައިން އިންޓަނޭޝަނަލް މުބާރާތްތަކަށް ދާ ވަރަކަށް ޔޫ ނޯ ދި އެރީނާ (ވާދަކުރަން ޖެހޭ މާހައުލު އެނގޭނެ). ކޮންމެ މުބާރާތެއްގައި ވެސް އެއްގޮތް ވާނެ އެކަން. ދެން ލޮކޭޝަންގެ ތަފާތު ވަނީ. އެ ގޮތަށް ވަރަށް ކޮމްފޮޓަބަލްވޭ ފަހުން،" ބައިނަލްއަގުވާމީ މުބާރާތްތަކަށް ހޭނުނު ގޮތާ ބެހޭގޮތުން ހަމްނާ ބުންޏެވެ.

އިންޓަނޭޝަނަލް މުބާރާތްތަކުގެ ބޮޑު ދެ ހަނދާނެއް ހަމްނާ އެބައޮތެވެ. އެއީ 2016 ވަނަ އަހަރު ލަންކާގައި ބޭއްވި ސައުތު އީސްޓް އޭޝިއަން ގޭމްސް އާއި 2019 ގައި ނޭޕާލްގެ ކަތުމަންޑޫގައި އޮތް މުބާރާތެއްގެ ކަންކަމެވެ. އެ ދެ މުބާރާތުގައި ވެސް ރެކޯޑެއް ހެދުމަށް ހަމްނާ އަށް މަދުވީ 14 މިލި ސެކަންޑްސް އެވެ.

"އުއްމީދަކީ ކުރިއަށް އޮތްތަނުގައި އެ ރެކޯޑް ހެދުން،" ހަމްނާ ބުންޏެވެ.

ބައިނަލްއަގުވާމީ ކޮންމެ އެތުލީޓަކަށް ވެސް އެންމެ ދަށްކޮށް ދިޔަ އަހަރަކީ 2020 ވަނަ އަހަރެވެ. ކޮވިޑް-19ގެ ސަބަބުން ޓްރެއިނިން އަށް ހުރަސްއެޅި ގިނަ ޓްރެއިނިން ސެޝަންތައް އޮންލައިންކޮށް ގެންދަން ޖެހުނެވެ. ހަމްނާ ވެސް ކުރިމަތިލީ އެ ކަންކަމާ އެވެ.

ހުޅުމާލޭ ސްވިމިން ޕޫލުގައި ހަމްނާ ފަތަނީ: މާލޭ ފަތާ ޓްރެކްގައި ފެތުމަށް ފަހު ޕޫލުގައި ފަތަން ލިބުމުން ބޮޑެތި ފަސޭހަތަކެއްވި.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


ކޮވިޑްގެ އެ ދިގު މެދުކެނޑުމަށް ފަހު ސްވިމިން އެސޯސިއޭޝަނުން ދާދި ފަހުން ރަސްމީކޮށް ހަރަކާތްތައް ފެށީ ރާއްޖޭގެ އެންމެ މޮޅު ފެތުންތެރިންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދިޔަ ޗެމްޕިއަން އޮފް ޗެމްޕިއަންސް މުބާރާތުންނެވެ. އެ މުބާރާތުގައި ވާދަކުރީ 2019 ވަނަ އަހަރުގެ މުބާރާތްތަކުން އެންމެ ރަނގަޅު ނަތީޖާ ނެރުނު ފެތުންތެރިންނެވެ.

"މުބާރާތެއް ނެތީމަ ވަރަށް ފޫހިވެފައި ހުރީ. އެއީ ހަމައެކަނި ޓްރެއިނިން ކޮށްލަ ކޮށްލައި ތިބީ. މުބާރާތެއް އައުމުން ހިތްހަމަޖެހުނު ވާދަކޮށްލަން ފުރުސަތު ލިބުނީމަ،" ހަމްނާ ބުންނެވެ.

ގައުމީ ފެތުމުގެ މުބާރާތުން 2019 ވަނަ އަހަރު އެއް ވަނަ ހޯދި އަންހެން ފެތުންތެރިޔާގެ ޓްރޮފީ ލިބުނު ހަމްނާ އަށް ޗެމްޕިއަން އޮފް ޗެމްޕިއަންސް މުބާރާތް ދިޔައީ ވަރަށް ވެސް ކާމިޔާބު ކޮށެވެ. ޗެމްޕިއަނުންގެ މުބާރާތުގައި ހަމްނާ ވަނީ 13 އިވެންޓްގައި ވާދަކޮށް 12 އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ. ހަމްނާ އަށް ރަން މެޑަލް ނުލިބުނީ އޭނާ ވާދަކުރި 100 މީޓަރު ބަޓަފްލައި އިވެންޓްގަ އެވެ. މި އިވެންޓްގައި ހަމްނާ ޑިސްކޮލިފައިވެ، ވަނަ އަކާ ހަމައަށް ދެވޭ ގޮތެއްނުވި އެވެ.

ޗެމްޕިއަނުންގެ މުބާރާތުގައި ލިބުނު ކާމިޔާބީން ހިތްވަރު ހޯދައި ހަމްނާ ހުރީ އެ އަށް ވުރެ ބޮޑު އަޒުމެއްގަ އެވެ. އެއީ އަންނަ މަހު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ބާއްވާ ދުނިޔޭގެ ފެތުމުގެ މުބާރާތުގައި ރަނގަޅު ހިސާބަކަށް ދިއުމަށެވެ. އެ މުބާރާތުން ފުރުސަތު ހޯދަން ހަމްނާ ވަނީ ޓްރަޔަލްސްގައި ރަނގަޅު ޓައިމިން އެއްގައި ނިންމައިފަ އެވެ.

ޗެމްޕިއަންސް މުބާރާތުގެ ތެރެެއިން ހަމްނާ: އެ މުބާރާތުގައި ހަމްނާ ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައި.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


"ޗެމްޕިއަން އޮފް ޗެމްޕިއަންސްގައި ކޮމްޕީޓްކޮށްފައި (ވާދަކޮށްފައި) ޓްރަޔަލްސްގައި ފަތަން ޗާންސް ލިބުނީމަ އިނގޭ މި ވަގުތު މި ހުރެވެނީ ކޮން ހިސާބެއްގައި ކަމެއް. ފެތޭނީ ކިހާ ޓައިމަކުންތޯ އެސްޓިމޭޓް ކުރެވޭނެ. ހޯޕިން (އުއްމީދުކުރަނީ) ޑިސެމްބަރުގައި އިރާދަކުރެއްވިއްޔާ ރެކޯޑް ބްރޭކް ކުރެވޭނެ ކަމަށް،" ހަމްނާ ބުންޏެވެ.

ހަމްނާ ދެކޭގޮތުގައި މިހާރު ހުރި ހިސާބަށް އާދެވުމުގައި އޭނާ އަށް ކޯޗުކޮށްދިން ކޮންމެ ކޯޗެއްގެ ވެސް ބައިވެރިވުން އެބައޮތެވެ. އެ ގޮތުން ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ) ތެރެއިން އޭނާ އަށް އިރުޝާދުދިން ކޯޗުންގެ އިތުރުން ގައުމީ ޓީމުގައި އޭނާ އަށް ކޯޗުކޮށްދިން ފަރާތްތަށް ހިމެނެ އެވެ.

"މި ހުރިހާ ކޯޗުންގެ އެހީ ނުލިބި މިހާރު މި ހުރި ހިސާބަށް ނާދެވޭނެ،" ދާދި ފަހުން ނިމުނު ބާ 2000 ފަރަމަންތާ ޗެލެންޖްގެ ވޯޓާ ސްޕޯޓްސް މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ހޯދި ހަމްނާ ބުންޏެވެ.

ކޯޗުންގެ އިތުރުން ހަމްނާ އެންމެ ބޮޑަށް ފާހަގަކުރީ އޭނާގެ މަންމަގެ ނަމެވެ. އެއީ ފަތަން ގޮސް ކާމިޔާބު ހޯދޭ ވަރަށް މަސައްކަތް ކުރަން އެންމެ ބޮޑަށް ބާރު އަޅަން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވަރުބަލިކަމެއް ނެތި މަންމަ މަސައްކަތްކުރާތީ އެވެ. މީގެ އިތުރުން ފުރުސަތުތައް ފަހިކޮށްދީ ކުރިއަށްދާން މަގުކޮށައިދޭތީ ހަމްނާ ވަނީ ސްވިމިން އެސޯސިއޭޝަނަށް ވެސް ޝުކުރު އަދާކޮށްފަ އެވެ.